ދެންނެވުން
ނަންބަރު: 2021/30
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2021
ޕަބްލިޝްކުރި ގަޑި: 20:38
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން އައްޔަނުކުރުން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 59-1 ވަނަ މާއްދާގެ (ހ) އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާ އަދި "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ އުޞޫލު 2021" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އިސްވެ ދެންނެނުވުނު ޤާނޫނީ ހަމަތަކުގެ މަތިން، ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނުކުރުމުގައި މި ކޮމިޝަނުން ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ލޯކަލް ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާއާއި އިމްތިހާން އަދި އިންޓަރވިއުގެ ނަތީޖާއަށް ބަލައި، މަޤާމަށް އެންމެ ޤާބިލުކަމުގައި ކަނޑައެޅޭ، އެ މަޤާމަކަށް މީހަކު ހޮވުމަށް ތައްޔާރުކުރެވޭ "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ޝީޓް" (A2) އިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމާ މެދު އެ ކައުންސިލެއްގެ ލަފާ ހޯދުމަށް ފޮނުވުން.
  2. އިސްވެ ދެންނެވުނު ގޮތުގެ މަތިން، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް ފޮނުވާ ފަރާތާ ގުޅޭ ގޮތުން ކައުންސިލުން ދޭ ލަފާއާ އެކު އެ މަޤާމަށް ހޮވިފައިވާ ފަރާތް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމުން.
  3. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް ފޮނުވާ ފަރާތަކީ، އެ މަޤާމަށް އައްޔަނުކުރުމަށް ނުފެންނަ ފަރާތެއްކަމުގައި އެ ކައުންސިލަކުން ލަފާދީފައިވާ ނަމަ، އައްޔަނު ކުރުމަށް ނުފެންނަކަމަށް ބަޔާންކޮށް ފޮނުވާ ސަބަބުތަކަށް ރިޢާޔަތްކޮށް، އައްޔަނުކުރުމާ މެދު ކޮމިޝަނުން ގޮތެއް ނިންމުން.
  4. މި ސަރކިއުލަރގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މަޤާމަށް އެ މީހަކު އައްޔަނުކުރުމަށް ނުފެންނަ ކަމަށް ކައުންސިލުން ދޭ ލަފާގައި އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޮމިޝަނަށް ފެންނަ ހާލަތުގައި އެ މަޤާމަށް މީހަކު ހޮވުމަށް ތައްޔާރުކުރެވޭ ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ޝީޓް (A2) އިން އެންމެ މަތިން ޕޮއިންޓް ލިބުނު ގޮތުގެ ތަރުތީބުން، މީހަކު އައްޔަނުކުރުމުގައި މި ސަރކިއުލަރގެ ނަންބަރު 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
15 ޖުލައި 2021