ދެންނެވުން
ނަންބަރު: 2021/21
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 19:17
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާ ގުޅޭގޮތުން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް އާންމުކުރުން

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ ދަށުން، މި ކޮމިޝަނުން މި ހިނގާ ޖޫންމަހުގެ ތިންވަނަ ހަފްތާގައި އިޢުލާނުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޤާމުތަކަށް ގިނަ ފަރާތްތަކުން ކުރިމަތިލާނެކަމަށް ލަފާކުރެވޭތީ، ކޮވިޑް-19 ގެ ޙާލަތުގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ފަސޭހައިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ޢަމަލުކުރުމުގައި އިދާރީ އިންތިޒާމުތައް ވީހާވެސް ފަސޭހަކުރުމަށް، ތިރީގައިވާ ނިންމުންތައް ކޮމިޝަނުން ނިންމާފައިވާ ކަމުގައި ދެންނެވީމެވެ.

  1. "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގެ 6.1 ގެ (ނ) ގައިވާ ގޮތުގެމަތިން، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމަށް މި ކޮމިޝަނުން ނިންމާފައިވަނީ ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. މި ނިންމުމާ ގުޅިގެން، އީ-މެއިލްގެ ޒަރީޢާއިން ނުވަތަ ލިޔެކިޔުންތައް އެހެން ޒަރީޢާއަކުން ހުށަހަޅާނަމަ އެ ހުށަހެޅުމެއް މި ކޮމިޝަނުން ބަލައެއްނުގަންނާނެއެވެ.
  2. މި އުޞޫލުގެ 6.1 ގެ (ވ) ގައި ބަޔާންކޮށްފައިވާ ފޯމުގައި، ބަޔާންކޮށްފައިވާ ލިޔުންތައް މި ކޮމިޝަނަށް ލިބިއްޖެކަން އަންގައި ދޫކުރާ ސްލިޕްގެ ބަދަލުގައި ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނާއި ލިޔުންތައް ކާމިޔާބުކަމާއެކު މި ކޮމިޝަނަށް ހުށަހަޅާފައިވާކަން އެންގޭނީ، އެޕްލިކޭޝަން ހުށަހެޅުމާއެކު ސިސްޓަމުން އޮޓޯއިން ޖެނެރޭޓްކުރާ މެސެޖަކުންނެވެ.
  3. ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް އިޢުލާނު ކުރާއިރު، މިއިން ކޮންމެ ކެޓަގަރީއަކުން އެއް ކައުންސިލްގެ އިދާރާއަށް ވުރެ ގިނަ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވާނަމަ، އެ ކެންޑިޑޭޓުންނާ އިންޓަރވިއު ކުރާނީ ކޮންމެ ކެޓަގަރީއަކުން އެއްފަހަރު ކަމަށާއި، އިމްތިޙާނު ފުރިހަމަކުރާނީވެސް ކޮންމެ ކެޓަގަރީއަކަށް އެއްފަހަރުއެވެ. 
  4. "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގެ 13 ވަނަ މާއްދާގެ (ށ) ގައި އިންޓަރވިއު ބާއްވާތާ 3 ދުވަހުގެ ތެރޭގައި 2Aޝީޓު ޢާންމުކުރަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މަޤާމުތަކަށް ގިނަ އަދަދެއްގެ ފަރާތްތަކަކުން ކުރިމަތިލާނެކަމަށް ބެލެވޭތީ، އެ މުއްދަތުގައި 2Aޝީޓު އާންމު ކުރެވިދާނެކަމަށް ކޮމިޝަނަށް ލަފާނުކުރެވޭތީ، މި ބުރުގައި ކުރިއަށްގެންދާ ރެކްރޫޓްމަންޓްތަކާ ގުޅިގެން ތައްޔާރުކުރެވޭ 2Aޝީޓުތައް އާންމުކުރާނީ އިންޓަރވިއު ބާއްވާތާ 3 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.
  5. "ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" ގެ 14.1 ގެ (ހ) ގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވޭ ފަރާތަށް ކުށުގެ ރެކޯޑު ފޯމު ދޫކޮށް ކޮމިޝަނުން އަންގާ ދުވަހަކަށް އެ ފޯމު ހުށަހެޅުމަށް އަންގަންވާނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކުގެ ކުށުގެ ރެކޯޑު މި ކޮމިޝަނުން ސާފުކުރާނެއެވެ.                 

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ އިރު ހުށަހަޅާ ލިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިނެތް ނަމަވެސް އެ ލިޔުންތައް ހުށަހެޅޭނެއެވެ. ނަމަވެސް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވޭ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް މި ކޮމިޝަނުން އަންގާނެކަމުގައި ދަންނަވަމެވެ. 

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ތަޢުލީމީ ސެޓްފިކެޓްތައް ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައެވެ. ނުވަތަ ކޯސް ނިންމި ކަމުގެ ލިޔުން ހުށަހަޅާނަމަ، އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުގައި ހިމެނޭ އެންމެ ދަށް ލެވެލްގެ ސަނަދަކީ ލެވެލް 7 ކަމުން، އެއަށްވުރެ ދަށް ލެވެލްގެ ސަނަދުތަކާއި ތަމްރީނުގެ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ. ޙާޞިލުކޮށްފައިވާ ތަޢުލީމީ ސަނަދުތަކުގެ ތެރެއިން ހުށަހަޅަންޖެހޭނީ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދުތަކެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް އީ-ފާސް އެކައުންޓު މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވާންޖެހޭނެއެވެ. އީ-ފާސް އެކައުންޓެއް ނެތްނަމަ، ޕޯޓަލްގައިވާ އިރުޝާދުތަކާ އެއްގޮތަށް އީ-ފާސް އެކައުންޓެއް ހަދަންޖެހޭނެއެވެ. އީ-ފާސް އެކައުންޓު ހަދާނެގޮތާއި އެޕްލިކޭޝަން ފޯމު ފުރާނެގޮތުގެ މަޢުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ ސޯޝަލް މީޑިއާ މެދުވެރިކޮށްއާންމުކުރެވޭނެއެވެ.

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މަދުވެގެން 15 މިނިޓް ބޭނުންވާނެކަމަށް ލަފާކުރެވޭތީ،  އެޕްލިކޭޝަން ހުށަހެޅުން އެންމެ ފަހު ވަގުތަށް ލަސްނުކޮށް، މި މަޤާމުތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ދުރާލައި ވަގުތުއޮތްވައި އެޕްލިކޭޝަންތައް ހުށަހެޅުމަކީ މި ކޮމިޝަނުގެ އެދުމެކެވެ.

އެޕްލިކޭޝަން ހުށަހެޅުމާއި އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކާ ގުޅޭ މި ނޫންވެސް އެހެނިހެން މަޢުލޫމާތުތައް ސާފުކުރުމަށް ގުޅުއްވާނީ 7207307 މި ނަންބަރަށް ނުވަތަ އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 

10 ޖޫން 2021