ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-B13/1/2021/5
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 15 ފެބުރުވަރީ 2021 00:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސެކަންޑަރީ ޝިޕިންގ އެޖެންޓުން ޢައްޔަން ކުރުމާބެހޭ:

      ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް ޢައްޔަންކުރެވޭ ޝިޕިންގ އެޖެންޓުންގެ އިތުރުން، އުޅަނދުފަހަރުގެ ވެރިފަރާތުން ނުވަތަ މާސްޓަރ ބޭނުންވެއްޖެނަމަ، މުދަލާ ގުޅުންނެތް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، 15 ފެބުރުއަރީ 2021 އިން ފެށިގެން، ސެކަންޑްރީ ޝިޕިންގ (ހަޒްބެންޑަރީ އެޖެންޓް) އެޖެންޓުން ޢައްޔަންކުރެވޭގޮތަށް ހަމަޖައްސައިފީމެވެ.

މިގޮތުން، ސެކަންޑަރީ ޝިޕިންގ އެޖެންޓް ޚިދުމަތުގެ ގޮތުގައި ކުރަން އެއްބަސްވާ ކަންކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސެކަންޑަރީ ޝިޕިންގ އެޖެންޓަށެވެ. އަދި ސެކަންޑަރީ ޝިޕިންގ އެޖެންޓް ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ޤާނޫނާ ގަވާއިދާ ޚިލާފަށް އެފަރާތުން ހިންގާކަންކަމަށް ޒިންމާވާނީ ސެކަންޑަރީ ޝިޕިންގ އެޖެންޓެވެ.

ސެކަންޑަރީ ޝިޕިންގ އެޖެންޓުން ޢައްޔަންކުރުމުގައި އަމަލުކުރާނެގޮތް ތިރީގައި އެވަނީއެވެ.

  1. ސެކަންޑްރީ ޝިޕިންގ އެޖެންޓް ޢައްޔަންކުރެވޭނީ ކަނޑައެޅިފައިވާ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ސެކަންޑަރީ ޝިޕިންގ އެޖެންޓް ހަމަޖެއްސިކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރގެ ލިޔުމަކާއެކު "ސެކަންޑްރީ ޝިޕިންގ އެޖެންޓަކަށް ޢައްޔަންވުމަށް އެދޭ ފޯމް" (ފޯމް ނަންބަރު:MCS-160) ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ހުށަހެޅުމުންނެވެ.
  2. ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައިޢައްޔަންކުރެވޭ ފަރާތަކީ ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

 3. ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރެވޭނީ އުޅަނދުގެ ކްރޫ ޗޭންޖް، ގާބޭޖް ކްލީނިންގ، ރިޕެއަރ، ތެލާއި، ފެނާއި ކާބޯތަކެތި އެރުވުމާއި، ހަތިޔާރާއި، ބޯޓުފަހަރުގައި ހަތިޔާރު ބަލަހައްޓާ ފަރާތްތައް (އާމްޑް ގާޑްސް) ފަދަ އިމްޕޯޓް/އެކްސްޕޯޓް މުދަލާ ގުޅުންނެތް ޚިދުމަތްތަކަށެވެ.

 4. ސެކަންޑްރީ އެޖެންޓްގެ ގޮތުގައި ޢައްޔަންވުމަށް ހުށަހަޅާއިރު، އެފަރާތް ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރިކަން ބަޔާންކުރާ އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރ ނުވަތަ ޕްރިންސިޕަލްގެ ލިޔުން ހުށަހަޅަންވާނެއެވެ.

5. އުޅަނދުގެ ކޮންމެ ބައިނަލްއަޤްވާމީ ދަތުރަކަށް (އިންޓަނޭޝަނަލް ވޮޔޭޖްއަކަށް) ޢައްޔަންކުރެވޭނީ 1 (އެކެއް) ސެކަންޑްރީ ޝިޕިންގ އެޖެންޓެވެ. ސެކަންޑްރީ ޝިޕިންގ އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ،އެކަންކުރާނީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ޝިޕިންގ އެޖެންޓް ބަދަލުކުރުމަށް އެކަށައެޅިފައިވާ ގޮތުގެ މަތީންނެވެ.

      ވީމާ، 15 ފެބުރުއަރީ 2021 އިން ފެށިގެން އުޅަނދުފަހަރަށް ސެކަންޑަރީ ޝިޕިންގ އެޖެންޓުން ޢައްޔަންކޮށް ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ. "ސެކަންޑްރީ ޝިޕިންގ އެޖެންޓަކަށް ޢައްޔަންވުމަށް އެދޭ ފޯމް" (ފޯމް ނަންބަރު:MCS-160) ކަސްޓަމްސް ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

17 ޖަނަވަރީ 2021