ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-LAS/1/2020/28
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2020
ޕަބްލިޝްކުރި ގަޑި: 11:13
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދާ ގުޅޭ:

16 ޖުލައި 2020 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓްގައި ޢާއްމު ކުރެވިފައިވާ، ގަވާއިދު ނަންބަރު:2020/R-52 (ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދެވޭނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިގަވާއިދުގެ 5 ވަނަ މާއްދާގައި، މިގަވާއިދަށް ޢަމަލުކުރަން ފަށާއިރު ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަންވާނެކަަމަށާއި، މިމުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ވީމާ، ގަވާއިދު ނަންބަރު 2011/R-41 )ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011) ގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، 16 އޮގަސްޓު 2020 ވަނަ ދުވަހުގެ ކުރިން، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައިވާގޮތަށް، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

އަދި ހަމައެހެންމެ،  16 އޮގަސްޓު 2020 ވަނަ ދުވަހުން ފެށިގެން، ކަސްޓަމްސްގެ ޢާންމު ގަވާއިދު 2011 ގެ 477 ވަނަ މާއްދާ އާއި 229 ވަނަ މާއްދާގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އައުކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުއްޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ހުށަހެޅުމަށް ދެންނެވީމެވެ.

12 އޮގަސްޓް 2020