ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/138/2014/17
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 15:36
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުލެޓަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާގުޅޭ

އިޢުލާނު

ގެދޮރުވެރިކުރުން ޕުރޮގުރާމުގެ ދަށުން މާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ޗެކުލިސްޓުގައިވާ ބައެއް ލިޔުންތަކާމެދު އެކިއެކި ފަރާތްތަކުން ސުވާލު ކުރަމުން ގެންދާތީ ދަންނަވަމެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހޯދުމަށް ކަނޑައެޅިފައިވަނީ ފޯމު ބަލައިގަތުމުގައި ހޭދަވާ ވަގުތު މަދުކުރުމާއި، ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން އިތުރަށް ދެނެގަތުމާއި، އަދި އެކަންކަމަށް ހޭދަކުރަންޖެހޭ ވަގުތު ވީހާވެސް މަދުކުރުމުގެ ގޮތުންނެވެ. ނަމަވެސް ބައެއް އިދާރާތަކުން ލިޔުންތައް އަލުން ހަދައި ދިނުމާއި، ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެމުންދާތީ ތިރީގައި މިވާ ބަދަލުތައް ގެނައުމަށް ނިންމައިފީމެވެ.

1- ފޯމު ހުށަހަޅާ ފަރާތުގެ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީއަކީ ކޮންމެހެން ހުށަހަޅަން ޖެހޭ ލިޔުމެއް ނޫނެވެ. ނަމަވެސް 18 އަހަރުން ދަށުގެ ދަރިންގެ އުފަން ދުވަހުގެ ސެޓުފިކެޓުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

2- ރަޖިސްޓަރީވެފައިވާ ގޭގެ ރަޖިސްޓަރީގެ ކޮޕީ ލިބެން ނެތްނަމަ މާލޭގެ ރަށްވެއްސެއްކަމުގެ ލިޔުން ހުށަހެޅުމުން ފުދޭނެއެވެ.

3- ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބެން ނެތް ނަމަ އެ ލިޔުން ހުށަނޭޅި ނަމަވެސް ފޯމު ބަލައިގަނެވޭނެއެވެ. އެދެވިގެންވަނީ މަންމަ އަދި ބައްޕަގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށެވެ. ނަމަވެސް ފޯމުގައި މަންމަ އަދި ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި އެހެން މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ. އެއިން ފަރާތެއް ނިޔާވެފައިވާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މަޢުލޫމާތު ނުހިމެނި ނަމަވެސް މައްސަލައެއް ނޫނެވެ.

4- ތިމާއަށް މާލެއިން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން ބިމެއް ނުވަތަ ބިމަކުން ބައެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ލިބިފައިވާނަމަ ޗެކުލިސްޓުގައި ބަޔާންވެގެންވާ ގޮތަށް އެތަނެއްގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

5- ތިމާގެ މަންމަ/ބައްޕަ އަށް ނުވަތަ އަނބި/ފިރިމީހާއަށް މާލެ (ހުޅުމާލެ، ވިލިނގިލި ހިމަނައިގެން) ފިޔަވައި އެހެން ރަށަކުން ބިމެއް ނުވަތަ ބިމަކުން ބައެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ލިބިފައިވީ ނަމަވެސް އެތަނުގެ ލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.

6- ނަމަވެސް ތިމާގެ މަންމަ/ބައްޕަ އަށް ނުވަތަ އަނބި/ފިރިމީހާއަށް މާލެ (ހުޅުމާލެ، ވިލިނގިލި ހިމަނައިގެން) އިން ބިމެއް ނުވަތަ ބިމަކުން ބައެއް ނުވަތަ ރޯހައުސްއެއް ނުވަތަ ފުލެޓެއް ލިބިފައިވާނަމަ ޗެކުލިސްޓުގައި ބަޔާންވެގެންވާ ގޮތަށް އެތަނެއްގެ ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

7- އެއް ގޭބިސީއަށްވުރެ ގިނަ ގޭބިސީއިން އެއް ކަރަންޓު/ފެން މީޓަރެއް ބޭނުން ކުރާނަމަ، ބިލް ދައްކާ އުސޫލު އެނގޭނެ ލިޔުމަކާއެކު ބިލުގެ ކޮޕީ ހުށަހެޅުމުން ގަބޫލުކުރެވޭނެއެވެ.

8- ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ކަނޑައަޅާފައިވަނީ ފޯމުތައް ބަލައިގަންނަން ފެށުމާއެކު އެތައް ހާސް ބަޔަކު ފޯމު ހުށަހަޅަން ވަޑައިގަންނަވާނެތީއާއި، ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު ބަލައި ޔަގީން ކުރާނަމަ ވަރަށް ގިނަ ވަގުތު ނަގާނެތީ، އެފަރާތްތައް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ވީ ވަރަކުން ކުޑަ ކުރުމުގެ މަގުސަދުގައެވެ. ނަމަވެސް ބައެއް އިދާރާތަކުން ރައްޔިތުންނަށް އެކަންކަން ކޮށްދިނުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ، އެކަން ބެލުމަށް ފަހު، ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ކޮންމެހެން ޖަހަން ނުޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ. ނަމަވެސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަކީ ވަރަށް ބޮޑަށް އެދެވިގެންވާކަމެކެވެ. ދައުލަތުގެ އިދާރާއަކުން، ނުވަތަ ކުންފުންޏަކުން ނުވަތަ އެފަދަ ތައްގަނޑު ޖަހައިދޭ އެހެން ތަނަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހިނަމަވެސް އެއީ ޞައްޙަ ކޮޕީކަމުގައި ގަބޫލުކުރެވޭނެއެވެ.

9- އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުޖަހާ ލިޔުންތަކުގައި ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރުވާ ދެފަރާތުގެ ސޮއި، ރަނގަޅަށް ސާފުވާ ގޮތަށް ނޫކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ކޮށްފައިވާންވާނެއެވެ. އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުޖަހައި ލިޔުން ހުށަހަޅާ ފަރާތްތަކުގެ ލިޔުންތަކުގެ އަސްލު މިނިސްޓްރީން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި އޮޅުވާލާފައިވާ ލިޔުމެއް ނުވަތަ ދޮގު މަޢުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅާފައިވާނަމަ ފޯމު ބާޠިލުކުރެވޭނެއެވެ. އަދި އެފަދަ ފަރާތްތަކާއި ހެކިވެރިންގެ ގޮތުގައި ސޮއިކުރި ފަރާތްތަކުގެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭނެއެވެ.

10- ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔުންތަކެއްވެސް ހުންނަންވާނީ އޭ-4 ސައިޒުގައެވެ. އެއީ ފޯމު ހުށަހަޅާ ވަގުތު ފޯމާއި ލިޔުންތައް ސުކޭން ކުރެވޭނެތީ، އެކަމަށް ހޭދަވާ ވަގުތު މަދުކުރުމަށްޓަކައެވެ.

11- ދިރިއުޅެމުންދާ ތަނުގެ ކުރެހުން (ފުލޯ ޕުލޭން) ހުށަހެޅުމުގައި އެ ކުރެހުމަކީ ކޮންމެހެން ޢިމާރާތްކުރުމުގެ ހުއްދަ ދީފައިވާ ކުރެހުމަށް ވާކަށްނުޖެހޭނެއެވެ. އަދި އެފަދަ ކުރެހުމަކީ އެކަމުގެ ފަންނީ މީހަކު ކުރަހާފައިވާ ކުރެހުމަކަށްވެސް ވާކަށް ނުޖެހޭނެއެވެ. އެފަދަ ކުރެހުމެއް ލިބެން ނެތްނަމަ، އެތަނުގެ މިންތައް ރަނގަޅަށް އެނގޭ ގޮތަށް ޖަހާފައިވާ ކުރެހުމެއް ދެހެކިވެރިންގެ ސޮޔާއެކު ހުށަހެޅުމުން ފުދޭނެ ކަމުގައި ދަންނަވަމެވެ.

12- ކެޓަގަރީ 2 އަށް ފޯމު ހުށަހަޅާ ފަރާތްތަކުން މެދުނުކެނޑި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރުމަށް ރަސްމީ ލިޔުން (ސުކޫލު ލީވިންގ ސެޓުފިކެޓު، ވަޒީފާގެ ލިޔުން ނުވަތަ އެފަދަ) ލިބެން ހުރި ނަމަ އެލިޔުން ހުށަހެޅުން އެދެމެވެ. އެފަދަ ލިޔުމެއް ނެތް ނަމަ ދިރިއުޅުނު ގޭގޭގެ ލިޔުން ދިރިއުޅުނު މުއްދަތު (ކޮން ތާރީޚަކުން ކޮން ތާރީޚަކަށް ކަން) އެނގޭ ގޮތަށް، އެގޭގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތެއްގެ ނަމާއި، އައި.ޑީ.ކާޑު ނަންބަރު، ފޯނު ނަންބަރު، އަދި ސޮއި ހިމެނޭ ގޮތަށް ހުށަހެޅުމުން ގަބޫލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ކެޓަގަރީ 1 އަށް ފޯމު ހުށަހަޅާ ފަރާތްތަކުން މި ފަދަ ލިޔުމެއް ހުށަހަޅަން ނުޖެހޭއެވެ.

18 ޖުމާދަލްއޫލާ 1435

19 މާރިޗު 2014