ޢާންމު މަޢުލޫމާތު
ނަންބަރު: BBAM-I/2019/006
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1809
ސުންގަޑި: 13 އޮގަސްޓް 2019 2359
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޖަޖާރސް ކޮމިޓީގެ ޤަވާއިދު

އިޢުލާން

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް – ޖަޖާރސް ކޮމިޓީގެ ޤަވާއިދު

 

          ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯޑިވްސްގެ ހިންގާ ގަވާއިދުގައި ބަޔާން ކުރެވިފައިވާ، ސަބްކޮމިޓީ ތަކުގެ ޤަވާއިދު ތަކުގެ ތެރެއިން ތިރީގައި އެވަނީ، މި އެސޯސިއޭޝަންގެ ޖަޖާރސް ކޮމިޓީގެ ޤަވާއިދެވެ.

         ވީމާ، 7 އޯގަސްޓް 2019 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން ގެންދާނީ މި ޤަވާއިދުގައިވާ ގޮތުގެ މަތީންކަމުގައި އިޢުލާން ކުރަމެވެ.

   ނޯޓް: މި އިޢުލާންގައި (ޖަޖާރސް ކޮމިޓީގެ ޤަވާއިދު ޑައުންލޯޑް) ކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދުމަށް ގުޅާނީ 7812226 ނަންބަރު ފޯނާއެވެ.

 

ޖަޖަސް ކޮމިޓީގެ ޤަވާއިދު

 

 1. 1.     ތަޢާރަފް

1.1.       މި ޤަވާއިދަކީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (ބީ.ބީ.އޭ.އެމް) ޖަޖުންގެ ކޮމިޓީ ހިންގާ ޤަވާއިދެވެ.

1.2.       މިޤަވާއިދުގައި ހިމެނާކަމެއް މާނަ ކުރުމުގައި އެސޯސިއޭޝަންގެ ޤަވައިދާއި ޚިލާފެއްވާނަމަ، ބުރަވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ބުނާ ގޮތަށެވެ.

 

 1. 2.     ޖަޖުންގެ ކޮމިޓީ

2.1.       ޖަޖުންގެ ކޮމިޓީގައި ތިބޭނީ އެގްޒެކެޓިވް ބޯޑުން އައްޔަންކުރާ މެންބަރުންނެވެ.

2.2.       ޖަޖުން ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރަކު ވާންވާނީ، އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަޖުންގެ ތެރެއިން ޖަޖުންނަށެވެ.

2.3.       ކޮމިޓީ މެމްބަރުންގެ ޖުމްލަ ޢަދަދަކީ 5 (ފަހެއް) ކެވެ. މީގެ ތެރޭގައި ހިމެނޭ 1 (އެކެއް) މެންބަރަކު ވާންވާނީ އެވަގުތެއްގައި އޮތް އެސޯސިއޭޝަން ގެ ހިންގާ ކޮމިޓީގެ މެންބަރަކަށެވެ.

2.4.       ޖަޖުންގެ ކޮމިޓީގެ ދައުރަކީ، އެވަގުތަކު އޮންނަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރުގެ މުއްދަތެވެ.

 

 1. 3.     މަޤްސަދުތައް

3.1.       ރާއްޖޭގައި ބޮޑީބިލްޑިންގެ ދާއިރާއިން ޖަޖުން ތަމްރީން ކުރުމާއި އުފެއްދުން.

3.2.       ޖަޖުންގެ ފުރިހަމަ ރެޖިސްޓްރީ އެއް ތައްޔާރުކޮށް ބެލެހެއްޓުން.

3.3.       ދިވެހި ޖަޖުންނަށް މިދާއިރާއިން ކުރިއަށް ދެވޭނެ މަގު ތަނަވަސް ކޮށްދިނުން.

3.4.       ބައިނަލްއަޤްވާމީ ދާއިރާގައި ދިވެހި ޖަޖުން ތަމްސީލް ކުރެވޭނެ ގޮތް ހެދުން.

3.5.       ޖަޖުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރު ކުރުން.

3.6.       ޖަޖުންގެ ސުލޫކީ މިންގަޑު ހިފެހެއްޓުމަށް މަސައްކަތް ކުރުން.

3.7.       ޖަޖުންނަށް ބޭނުންވާ ޤަވާއިދުތައް ހެދުމާއި ހެދިފައިވާ ޤަވާއިދުތައް މުތޯލިޢާކޮށް އިސްލާޙް ކުރުން.

 

 1. 4.     ކޮމިޓީގެ މެންބަރުން އައްޔަނުކުރުން

4.1.       ކޮމިޓީގައި ޢާންމު މެމްބަރަކަށް ވެވޭނީ ޖަޖިންގެ ދާއިރާއިން ކޯހެއް ހަދައި ޖަޖެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރެޖިސްޓްރީ ކުރުމުންނެވެ.

4.2.       ކޮމިޓީގެ ޗެއަރމަން ޢައްޔަނު ކުރާނީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ މަޝަވަރާގެ މަތީންނެވެ.

4.3.       ކޮމިޓީގެ މެންބަރަކު ވަކިވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެމަޤާމަށް މީހަކު ޢައްޔަނު ކުރަންވާނެއެވެ.

4.4.       މިގޮތަށް ޢައްޔަނު ކުރެވޭ މެމްބަރުން އެމީހުންގެ ދައުރު ހަމަކުރާނީ ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ.

4.5.       ކޮމިޓީގެ ސެކްރެޓަރީ އަކީ ކޮމިޓީ ގައި ހިމެނޭ މެންބަރުންގެ ތެރެއިން ފަރާތެކެވެ.

4.6.       ކޮމިޓީގައި ހިމެނޭ ކޮންމެ މެންބަރަކީ، ނެޝަނަލް ނުވަތަ އިންޓަނޭޝަނަލް ޖަޖަކަށްވުން.

4.7.       މި ކޮމިޓީގައި، އެސޯސިއޭޝަންގެ އެޒެކްޓިވް ކޮމިޓީ ތަމްސީލު ކުރާ މެންބަރަކީ، މިޤަވާއިދުގައިވާ (ޖަޖާރސް) ލައިސަންސް އަންނަ ފަރާތަކަށް ވާކަށް ނުޖެހޭނެއެވެ.

 

 1. 5.     ކޮމިޓީގެ މަސްޢޫލިއްޔަތުތައް

5.1.       ރާއްޖޭގައި ބޮޑީބިލްޑިންގެ ޖަޖުން އިތުރު ކުރުމަށް މަސައްކަތްކުރުން.

5.2.       ބޮޑީބިލްޑިންގ ޖަޖުން ތާޒާކޮށް ކުރިއަށް ދެވޭނެ އެންމެހައި ގޮތްތައް ހޯދައި ޢަމަލުކުރުން.

5.3.       ބައިނަލްއަޤްވާމީ ޖަޖިންގ ކޯސްތަކުގައި ޖަޖުންނަށް ބައިވެރިވެވޭނެ ގޮތްތައް ހޯދައިދިނުން.

5.4.       ރާއްޖޭގައި ޖަޖިންގ ކޯސްތައް ރާވައި ހިންގުން.

5.5.       ޖަޖުންގެ ވާޖިބްތަކާއި ޤަވައިދުތައް ތައްޔާރުކޮށް، އިސްލާޙްކޮށް ބެލެހެއްޓުން.

5.6.       އެސޯސިއޭޝަނުން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

5.7.       އެސޯސިއޭޝަނުން ބައްވާ ތަފާތު މުބާރާތްތަކާއި އިވެންޓްތަކުގައި ޖަޖުން ހަމަޖެއްސުން.

5.8.       އެސޯސިއޭޝަނާއި ގުޅިގެން އަމިއްލަފަރާތްތަކުން ހިންގާ އިވެންޓްތަކުގައި ޖަޖުން ހަމަޖެއްސުން.

5.9.       ޖަޖުންގެ ކޮމިޓީއަށް ލިބޭ އެކިއެކި ފުރުސަތުތަކުގައި، ރާއްޖެއާއި ބައިނަލްއަޤްއާމީ ފުރުސަތުތަށް ހަމަހަމަކޮށް ޖަޖުންގެ މެދުގައި ދިނުން.

5.10.    މިކުޅިވަރުގައި ޚަރަކާތްތެރިވާ ހުރިހާ އެންމެނާއި ޖަޖުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ރަނގަޅުކޮށް ދެމެހެއްޓުން.

5.11.    ޖަޖުންގެ ސުލޫކީ މިންގަޑު ކަނޑައަޅައި، އެކަން ދެމަހެއްޓުން.

5.12.    ޖަޖުންނާއި ބެހޭ އެންމެހައި މަޢުލޫމާތުތައް އެއްކޮށް ރެޖިސްޓްރީ ހަދައި ބެލެހެއްޓުން.

5.13.    ޖަޖިން ކޮމިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.

5.14.    އެސޯސިއޭޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުމައި އަދި އަހަރީ ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

5.15.    ޖަޖުންގެ އޮނިގަނޑު ތައްޔާރުކޮށް ބެލެހެއްޓުން.

5.16.    އެސޯސިއޭޝަންގެ އެހެނިހެން ކޮމިޓީތަކަށް އެހީތެރިވެދިނުން.

 

 1. 6.     ކޮމިޓީ އުވާލުން އަދި މެންބަރުން ވަކިކުރުން

6.1.       ކޮމިޓީގެ މެމްބަރުކަމުން ވަކިވާން އެދި ސަބަބު ބާޔާންކޮން، ލިޔުމުން ހުށަހެޅުމުން މެމްބަރު ކަމުން ވަކި ވާނެއެވެ.

6.2.       އެއްވެސް ސަބަބަކާއި ލައިގެން އެސޯސިއޭޝަންގެ ޖަޖުންގެ ރެޖިސްޓްރިއިން ވަކިވެއްޖެނަމަ، މެމްބަރު ކަމުން ވަކިވާނެއެވެ.

6.3.       ކޮމިޓީގެ މެމްބަރަކު، ކޮމިޓީގެ ޖަލްސާތަކަށް ސަލާމް ބުނުމެއްނެތި އަދި އެކަށީގެންވާ ސަބަބެއް ނެތި ޖެހިޖެހިގެން 3 (ތިނެއް) ޖަލްސާއަށް ޙާޒިރުނުވާ މެމްބަރު ކަމުން ވަކިވާނެއެވެ.

6.4.       އެސޯސިއޭޝަންގެ މެމްބަރޝިޕް ގެއްލިއްޖެނަމަ، މެމްބަރު ކަމުން ވަކިވާނެއެވެ.

6.5.       އެސޯސިއޭޝަންގެ ހިންގާ ކޮމިޓީނަށް ފެނިއްޖެ ހާލަތެއްގައި، ޖަޖާރސް ކޮމިޓީ ގެ ކޮންމެ މެންބަރަކު ވަކިކުރުން އަދި ކޮމިޓީ އުވާލުމުގެ ބާރު، ހިންގާ ކޮމިޓީއަށް ލިބިގެންވެއެވެ.

 

 1. 7.     ކޮމިޓީގެ ޖަލްސާތައް

7.1.       ކޮމިޓީގެ ޖަލްސާއެއް މަދުވެގެން ދެމަހުން 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

7.2.       ކޮމިޓީގެ މެންބަރުން މަދުވެގެން އަހަރަކު 2 (ދޭއް) ފަހަރު، އެސޯސިއޭޝަންގައި ރެޖިސްޓަރީ ކުރެވިފައިވާ ޖަޖުންނާއި އާންމުކޮށް ބައްދަލުކުރަންވާނެވެ.

7.3.       ކޮމިޓީ ޖަލްސާ ތަކުގެ ކޯރަމް އަކީ 5 މެންބަރުން ގެ ތެރެއިން 3 މެންބަރުންނެވެ.

 

 

 

 1. 8.     މުބާރާތް ތަކުގައި ޖަޖުކަން ކުރުން

8.1.       އެސޯސިއޭޝަނުން ނުވަތަ އެސޯސިއޭޝަނުން ޖަޖުކަން ކުރުމަށް ހަމަ ޖެހިފައިވާ މުބާރާތް ތަކުގައި، ޖަޖުކަން ކުރާނީ ޖަޖާރސް ކޮމިޓީން ކަނޑައަޅާ ފަރާތެއް ނުވަތަ ފަރާތް ތަކެކެވެ.

8.2.       އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭ ޖަޖުން ފިޔަވައި، ޖަޖުންގެ ގޮތުގައި އެސޯސިއޭޝަން ގައި ރަޖިސްޓްރީ ވެފައިވާ ޖަޖުންނަށް ފުރުސަތުތަށް ހަމަހަމަކަމާއި އެކު ދޭންވާނެއެވެ.

8.3.       ޖަޖާރސް ކޮމިޓީ އަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން، ރާއްޖޭން ބޭރުގައި އޮންނަ މުބާރާތް ތަކަށް، ޖަޖުން ފޮނުވުނަށް އެސޯސިއޭޝަނުން ހޯދައިދޭ ފުރުސަތުގައި، ހިންގާ ކޮމިޓީގައި ތިބޭ އެއްވެސް ޖަޖަކަށް، ޖަޖާރސް ކޮމިޓީގެ ފުރުސަތުގައި ނުދެވޭނެއެވެ.

8.4.       ރާއްޖޭގައި ބޭއްވޭ ނެޝަނަލް ޗެންމްޕިއަންޝިޕް، އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް ނުވަތަ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕް ތަށް ފިޔަވައި، ރާއްޖޭގައި ބޭއްވޭ އެހެނިހެން މުބާރާތް ތަކުގައި ޖަޖުކަން ކުރުމަށްދެވޭ ފުރުސަތުގައި އިސްކަން ދޭންވާނީ އެސޯސިއޭޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ ނެޝަނަލް ޖަޖުންނަށެވެ.

8.5.       ރާއްޖޭގައި ބޭއްވޭ ނެޝަނަލް ޗެމްޕިއަންޝިޕް، އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް ނުވަތަ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕް ފަދަ މުބާރާތް ތަކުގައި ޖަޖުކަން ކުރުމުގެ ފުރުސަތު ލިބޭނީ، ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިފައިވާ (ޖަޖާރސް ރިފްރެޝާރ) ގައި ބައިވެރިވެފައިވާ ފަރާތްތަށް، ނުވަތަ ރާއްޖޭން ބޭރުގައި ބޭއްވިފައިވާ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބައިވެރިވެ ނުވަތަ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހުއްދަލިބިގެން ބައިވެރިވެފައިވާ، ޗެމްޕިއަންޝިޕެއްގައި ޖަޖުކަން ކުރިފަހުން (އެކެއް) އަހަރު ހަމަނުވާ، އެޖަޖެއްގެ ޖަޖިން ފޮތުގައި ލިޔެފައިވާ ޖަޖުންނަށެވެ.

 

 1. 9.     ކޮމިޓީގެ ހިންގުން

9.1.       ކޮމިޓީ އެކުލަވާލެވުމަށްފަހު، ހޮވުނު މެންބަރުންގެ ތެރެއިން ކޮމިޓީގެ އިދާރީ މަސައްކަތް ކުރާނެ މީހަކު ކަނޑައަޅަންވާނެއެވެ. މިމީހަކީ ކޮމެޓީގެ ސެކްރެޓަރީއެވެ.

9.2.       ކޮމިޓީގެ ޖަލްސާތަކާއި ޢާންމު ޖަލްސާ ތަކުގެ ޔައުމިއްޔާތައް ލިޔެ ބަލަހައްޓަންވާނެއެވެ. މިކަން ކުރާނީ ކޮމިޓީގެ ސެކްރެޓަރީ އެވެ. އަދި މިލިޔުންތައް ހުންނަންވާނީ އެސޯސިއޭޝަންގެ އިދާރާގައެވެ.

9.3.       ކޮމިޓީގެ ހިންގުމަށް ބޭނުންވާ އިދާރީ އެހީތެރިކަން އެސޯސިއޭޝަނުން ލިބޭނެއެވެ.

 

10. ވޯޓް ދިނުމާއި ކަންކަން ނިންމުން

10.1.    ކޮމިޓީގެ ޖަލްސާތަކުގައާއި ޢާންމު ޖަލްސާތަކުގައި ކަންކަން ނިންމާނީ ވޯޓްލައިގެން އެންމެ ގިނަ ވޯޓް ލިބޭ ގޮތަށެވެ.

10.2.    އެއްވެސް ފަރާތެއްގެ މައަސްލަހަތު އޮތް ކަމެއްގައި ވޯޓެއް ނަގާނަމަ، ނަގަންވާނީ ސިއްރު ވޯޓެކެވެ.

10.3.    ވޯޓް ދިނުމުގައި ދެފަރާތް ހަމަހަމަ ވެއްޖެނަމަ، ކާސްޓިންގ ވޯޓެއް ދިނުމުގެ ބާރު ޖަލްސާގެ ޗެއަރ އަށް ލިބިގެންވެއެވެ.

10.4.    ޖަޖުންގެ ކޮމިޓީން ނިންމާ ނިންމުމެށް، ބަދަލުކުރުގެ ފުރިހަމަ އިޙްތިޔާރު، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ލިބިގެން ވާނެއެވެ.

 

 

 1. 11.  މީޑީއާއަށް މަޢުލޫމާތު ދިނުން

11.1.    ޖަޖުންގެ ކޮމިޓީއާއި ބެހޭގޮތުންނާއި އަދި މިކޮމިޓީން ކުރާކަންކަމާއި ޙަރަކާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދޭނީ ޗެއަރމަނެވެ. ނަމަވެސް ވަކިކަމަކާއި ގުޅުވައިގެން އެހެންމީހަކު މެދުވެރިކޮށް މީޑިއާއަށް މަޢުލޫމާތު ދިނުމަށް ޗެއަރމަނަށް ނިންމިދާނެއެވެ.

11.2.    އެއްވެސް މެމްބަރަކަށް އަމިއްލަ އިޚްތިޔާރުގައި ކޮމިޓީއާއި ބެހޭގޮތުން ނުވަތަ ހިންގާ ޕްރޮގްރާމަކާއި ބެހޭގޮތުން މީޑިއަށް މަޢުލުމާތު ދިނުމުގެ ޙައްޤެއް ނޯންނާނެވެ.

11.3.    އެސޯސިއޭޝަންގެ އުސޫލްތަކާއި ހިންގާ ޤަވާއިދާއި ފުށުއަރާގޮތަށް ނުވަތަ ވަކިކަމަކާއި ގުޅިގެން އެސޯސިއޭޝަންނުން ނިންމާފައިވާ ގޮތަކާއި ޚިލާފް ވާގޮތަކަށް މިޑިއާއަށް މަޢުލޫމާތު ދިނުމުގެ ޙައްޤެއް އެއްވެސް މެމްބަރަކަށް ލިބިގެން ނުވެއެވެ.

11.4.    ޖަޖާރސް ކޮމިޓީން ރާއްޖޭގެ ނުވަތަ ރާއްޖޭން ބޭރުގެ އެއްވެސް ޙަބަރެއް ފަތުރާ ވަސީލަތަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް، މައުލޫމާތެއް ދޭންވާނީ، އެސޯސިއޭޝަންގެ ރައީސް އަށް އެކަމެއް އެންގުމަށް ފަހު ހުއްދަ ލިބުމުންނެވެ.

 

 1. 12.  ކޮމިޓީގެ މެމްބަރުންނަށް މަނާ ކަންތައްތައް

12.1.    އެސޯސިއޭޝަނުން ހިންގާ މުބާރާތްތަކާއި، ކޯސްތަކާއި އެކިއެކި ޕްރޮގްރާމްތަކުގައި ބޭއަދަބީ ހަރަކާތްތައް ހިންގުން.

12.2.    ރިޝްވަރުގެ ގޮތުގައި އެއްވެސް އެއްޗެއް ނެގުން.

12.3.    ކޮމިޓީގެ ހުއްދަ ނުހޯދައި އިވެންޓްތަކުގައި ޖަޖުކަން ކުރުން.

12.4.    އެފަދަ އިވެންޓެއްގައި ބައިވެރި ވުމުގެ ކުރިން ތަފްސީލައެކު ލިޔުމުން ހުއްދައަށް އެދި ހުއްދަލިބުމުން ނޫނީ ޖަޖްކަން ކުރުން.

12.5.    އެސޯސިއޭޝަން އާއި ކޮމިޓީގެ ސިއްރުތައް ކަމުގައި ކަނޑައެޅިފައިވާ ކަންކަން ހާމަކުރުން.

12.6.    ކޮމިޓީގެ ނުވަތަ އެސޯސިއޭޝަންގެ ނުވަތަ އެހެން ފަރާތަކަށްވެސް، އަމިއްލަ ނުފޫޒުން ނުވަތަ އަމިއްލަ އަށް މަންފާ އެއް ލިބޭނޭ އެއްވެސް ކަމެއްކުރުން.

 

 1. 13.  ޤަވައިދު އިސްލާޙް ކުރުން

13.1.    މިޤަވައިދަށް އިސްލާޙް ގެނެވޭނީ އެކަން ކޮމިޓީގެ ބޯޑުން ފާސް ކުރުމަށްފަހު، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ހުށަހަޅައި ހިންގާ ކޮމިޓީއިން އެކަން ފާސް ކުރެވިގެންނެވެ.

13.2.    ކޮމިޓީގެ ގަވާއިދުތަކަށް ގެންނަން ފެންނަބަދަލު ގެނައުމުގައި އެސޯސިއޭޝަންގައި ރެޖިސްޓްރީ ކުރެވިފައިވާ ޖަޖުންގެ ޚިޔާލު ހޯދަންވާނެއެވެ.

13.3.    އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާއި ތަޢާރަޒްވާ ގޮތަކަށް ކޮމިޓީގެ ޤަވާއިދުތަކެއް ނުހެދޭނެއެވެ.

13.4.    ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ގެނެވޭ ބަދަލުތަކާއި ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭނެއެވެ.

 

 1. 14.  ޤަވައިދުގައި ނުހިމެނޭ ކަމެއް ދިމާވުން

14.1.    މިޤަވާއިދުގައި ނުހިމެނޭ ކަމެއްދިމާވެއްޖެނަމަ، އެކަމަށް ގޮތެއް ނިންމާނީ ކޮމިޓީގެ ލަފައާއިއެކު، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއިންނެވެ.

2019-08-07