ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-EC/1/2014/1
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 1054
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުންފުނީގެ އަހަރީފީ ދެއްކުމަށް ސަމާލުވުން

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ ކޮންމެ އަހަރެއްގެވެސް 31 މާރިޗު އެވެ. ދެންނެވުނު ތާރީޚަށް ފައިސާ ނުދައްކާ ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ވާނެއެވެ. ނަމަވެސް މި ތާރީޚު (31 މާރިޗު) ގެ ކުރީން އުވާލުމަށް ހުށަހަޅައިފައިވާ ކުންފުނިތަކުން އެ އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއްނުވެއެވެ. އަދި ކުންފުނި އުވާލަން ހުށަހަޅައިފައި ވަނީ އެ އަހަރުގެ 31 މާރިޗުގެ ފަހުން ކަމުގައިވާނަމަ އެ އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭ ކަމުގައި ދަންނަވަމެވެ.

ވީމާ، 2014 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ މިހާތަނަށް ދައްކައިފައިނުވާ ކުންފުނިތަކުން، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދައިގެ ދަށުން 31 މާރިޗު 2014 ގެ ނިޔަލަށް ފައިސާ ދައްކަވައި ޚަލާޞް ކުރެއްވުމަށް ދަންނަވަމެވެ. އަދި އެ ތާރީޚުގެ ނިޔަލަށް ފައިސާ ނުދައްކާ ކުންފުނިތަކާމެދު ދެންނެވުނު ޤާނޫނުގެ 7 ވަނަ މާއްދައިގެ (ށ) ގެ ދަށުން ޢަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި، ކުންފުނި އަހަރީ ފީގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށްޓަކައި، މި އޮތޯރިޓީގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ދެންނެވީމެވެ.

27 ރަބީޢުލްއައްވަލް 1435

2014-01-28