ދިވެހިރާއްޖެ
ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް 2018ގައި ބައިވެރިވުމަށް ހުޅުވާލުން އަދި އެޕްލިކޭޝަން ފޯރމް ބަލައިގަތުން
މި ލޯނަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކުރެވިގެން ހުޅުވާލެވޭ ސްކީމެކެވެ. ލޯނަށް އެދޭ އެޕްލިކޭޝަން ފޯމުގެ ސޮފްޓް ކޮޕީ އާއިބިޒްނަސް ޕްލޭން ފޯމެޓް އަދި އިތުރު މައުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓްwww.trade.gov.mvގައި ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯރމުގެ ހާރޑްކޮޕީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ އިދާރާއިން އަދި ރާއްޖޭގެ 6 ސަރަހައްދެއްގައި ގާއިމްކުރެވިފައިހުރި ބިޒްނަސް ސެންޓަރތަކުން ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަލައިގަންނާނީ ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯރމާއި، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކުރާ ލިޔެކިޔުންތަކެވެ. އަދި ފޯމު ހުށަހަޅަން ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާނެއެވެ. އަދި އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަޔަށް ހުށަހަޅުއްވާފައި ނެތްނަމަ، އެއެޕްލިކޭޝަން ފޯރމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތައްއަދި އިތުރު މައުލޫމާތު ތިރީގައި އެވަނީއެވެ.
1. މި ލޯން ސްކީމަކީ، އަލަށްފަށާ ވިޔަފާރިއެއް ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީކޮށް ހިނގަމުންއަންނަ ވިޔަފާރިތަކަށް، ހުރިހާ ދާއިރައަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ލޯން ސްކީމެކެވެ.
2. މި ލޯން ސްކީމުގެ ޖުމްލަ އަދަދަކީ 20,046,000 ރުފިޔާ އެވެ. މިގޮތުން މި އަދަދު ހަމަވަންދެން 50,000 ރުފިޔާއާއި 100,000ރުފިޔާއާއި ދެމެދުގެ ލޯން ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
3. ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު:
· ލޯނު އަދަދު 50,000ރުފިޔާއަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވާނެއެވެ.
· ލޯނު އަދަދު 50,001އާއި 100,000ދެމެދުގެ އަދަދެއްނަމަ،ލޯނަށް އެދޭ އަދަދުގެ 130% (ސަތޭކަ ތިރީސް އިންސައްތަ) އަގުހުރި، ބޭންކް އޮފް މޯލްޑިވްސް ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.
4. މި ލޯން ސްކީމްގައި އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރަކީ، ހުށަހަޅާ މުޅި ޕްރޮޖެކްޓްގެ (ފަނަރަ އިންސައްތަ) އަށްވާ އަދަދެވެ. މިގޮތުން، މިހާތަނަށް ޕްރޮޖެކްޓަށް، އަމިއްލަ ފައިސާ ޚަރަދުކޮށްފައިވާނަމަ، އަމިއްލައަށް ކޮށްފައިވާ ޚަރަދުތަކުގެ އިންވޮއިސް އަދި ބިލުތައް ހުށަހަޅަންޖެހޭނެއެވެ.
5. މި ލޯންގެ އިންޓްރަސް ރޭޓްއަކީ 9% އެވެ.
6. ގިނަވެގެން 8 އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކާ ހަލާސް ކުރަންޖެހޭނެއެވެ. މިމުއްދަތުގެ ތެރޭގައި 1 އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުޞަތު ލޯނަށް އެދި ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.
7. ލޯނު ޕްރޮޕޯޒަލް ހުށަހެޅުމަށްފަހު ލޯނު ދޫކުރުމުގެ ޕްރޮސެސް ކުރިއަށްދާނެގޮތް:
ލޯނު އެޕްލިކޭޝަން ލިބުމުން ތިރީގައި މިދަންނަވާގޮތުގެ މަތިން ޕްރޮޕޯޒަލްތައް އިވޭލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ހުށަހެޅިފައިވާ ޕްރޮޕޯޒަލް އަކީ ޝަރުތު ފުރިހަމަވާ ޕްރޮޕޯޒަލްއެއްތޯ ޗެކް ކުރާނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަވޭތޯ ބެލުމުގައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ބެލެވޭނެއެވެ.
· އެޕްލިކޭޝަން ފޯމްފުރިހަމަކޮށްފައިވޭތޯ ބެލުން.
· އެޕްލިކޭޝަން ފޯމްގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމަޔަށް ހުށަހަޅާފައިވޭތޯ ބެލުން.
މިނިސްޓްރީގެ އިވެލުއޭޝަންއަށްފަހު ޝޯރޓްލިސްޓް ކުރެވޭ އެޕްލިކޭޝަންތަކުގައިތިރީގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިހަމަ ވޭތޯ ބެލުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވޭނެއެވެ.
· ލޯނަށް ހުށަހަޅާފަރާތުގެ އެއްވެސް ނުރަނގަޅު މާލީ ރެކޯޑެއް އޮތްތޯ ބެލުން.
މިގޮތުން ބަލާނީ ވޭތުވެދިޔަ 12 މަސްދުވަހު ތެރޭގައި:
o އެކައުންޓުގައި ފައިސާ ނެތިގެން 3 ފަހަރަށް ވުރެ ގިނައިން ޗެކު ބައުންސް ވެފައި ހުރިތޯ އާއި،
o އެއްވެސް ފަރާތަކަށް ދަރަންޏެއް އަދާކުރުމުގައި އެއްމަސް ދުވަހަށް ވުރެ ލަސްވެފައިވޭތޯ އާއި،
o އަދާކޮށްފައިނުވާ އެއްވެސް ސާބިތު ދަރަންޏެއް އޮތްތޯއެވެ.
· ހުށަހަޅާފައިވާ ވިޔަފާރީގެ އަންދާސީ ހިސާބުތައް ދިރާސާކޮށް، އެވިޔަފާރިއަކީ ދެމެހެއްޓެނެވި ގޮތެއްގައި ކާމިޔާބުކަމާއެކީ ހިންގިދާނެ ފީސިބަލް ވިޔަފާރިއެއްތޯ ބެލުމާއި، ކްރެޑިޓް އެސެސްމެންޓް ހެދުން.
· ދަރަނި އަދާކުރުމަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށް އެ ދަރަނި އަދާކުރެވޭނެ ޤާބިލްކަން ހުރިތޯ ބެލުން.
· ނަގާ ލޯނާއި އެކަށީގެންވާވަރެގެ ރަހުނެއް ހުށަހަޅާފައިވޭތޯ ބެލުން.
ބޭންކް އޮފް މޯލްޑިވްސްއިން ބަލަން ކަނޑައަޅާފައިވާ ކަންތައްތައް ބެލުމަށްފަހު ލޯނަށް ހޮވިފައިވާ ފަރާތްތައް މި މިނިސްޓްރީގެ ވެބްސައިޓްގައި އިއުލާން ކުރެވޭނެއެވެ.
8. ލޯނަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
1. ފުރިހަމަކޮށްފައިވާ ލޯނު އެޕްލިކޭޝަން ފޯމް، އަދި އެ ފޯމްގައި ހުށަހަޅަން ބަޔާންކޮށްފައިވާ ލިޔުންތައް.
2. ފުރިހަމަ ކޮށްފައިވާ ބިޒްނަސް ޕްލޭން (ނަމޫނާއާއި އެއްގޮތަށް).
3. ހުށަހަޅާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ، އައި.ޑީ ކާޑުގެ ސާފު ކޮޕީ.
4. ހިނގަމުންދާ ވިޔަފާރިއެއްނަމަ، ރަޖިސްޓްރޭޝަން ކޮޕީ.
5. ހިނގަމުންދާ ވިޔަފާރިއެއްނަމަ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޫކޮށްފައިވާ ޓެކްސް ކުލިއަރރެންސް.
6. ހިންގަމުންދާ ވިޔަފާރިއެއްނަމަ، ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ އަހަރީ ހިސާބުތައް (މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ބީ.ޕީ.ޓީ ރިޕޯޓުގެ ކޮޕީ)،މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ބީ.ޕީ.ޓީ ފައިލްކުރަން ނުޖެހޭ ފަރާތެއްކަމުގައިވީނަމަވެސް އެފަރާތްތަކުން ތައްޔާރުކޮށްފައިވާ ވޭތުވެދިޔަ 12 (ބާރަ) މަސް ދުވަހުގެ އަހަރީ ހިސާބުތައް ހުށަހަޅަންޖެހޭނެއެވެ.
އަންހެނުންގެ ލޯން ޕްރޮގްރާމް 2018 އެޕްލިކޭޝަން ފޯރމް ބަލައިގަންނާނެ ތަންތަން އަދި އެޕްލިކޭޝަން ލިބޭނެ ތަންތަން ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. ލޯނަށް އެދި ހުށަހަޅާ ފޯމްތައް މިމިނިސްޓްރީއިންނާއި ބިޒްނަސް ސެންޓަރުތަކުން 25 ފެބްރުވަރީ 2018 އިން 1 މާރިޗު 2018 ގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 ވަންދެން ބަލައިގަންނާނެއެވެ. މި އިއުލާންގައި ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަށް އަދި އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 1 މާރިޗު 2018 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ.
1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނުމަގު، މާލެ 1691
2. ބިޒްނަސް ސެންޓަރ ކުޅުދުއްފުށި، ހޮޓްލައިން 7917089
3. ބިޒްނަސް ސެންޓަރ ކުޑަހުވަދޫ، ހޮޓްލައިން 7918495
4. ބިޒްނަސް ސެންޓަރ ފޮނަދޫ، ހޮޓްލައިން 7914431
5. ބިޒްނަސް ސެންޓަރ ތިނަދޫ، ހޮޓްލައިން 7913715
6. ބިޒްނަސް ސެންޓަރ ނައިފަރު، ހޮޓްލައިން 7918432
7. ބިޒްނަސް ސެންޓަރ ހިތަދޫ، ހޮޓްލައިން 7916947
އީމެއިލް މެދުވެރިކޮށް، ފޯމު ހުށަހަޅުއްވާނަމަ، މި މުއްދަތުގެ ތެރޭގައި smeloan@trade.gov.mv އަށް އީމެއިލްއިން ފޮނުވައިގެންވެސް ފޯމު ހުށަހެޅުއްވޭނެއެވެ.
މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1691 ނަމްބަރަށް ގުޅުއްވުމަށް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
