ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ އިމްޕޯޓް މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ލޯނު ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު
ސަރުކާރުން ކަނޑައަޅާފައިވާ "ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައި ދިނުން" ސިޔާސަތުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދާ އެ ބާވަތްތައް އިމްޕޯޓް ކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އެ މަސައްކަތް ކުރުމަށްޓަކައި، މި މިނިސްޓްރީން ދިގުމުއްދަތަކަށް ފަޅުރަށްތައް ނަންގަވައިގެން ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުގެ ތެރެއިން، އައު މަޝްރޫޢުއެއްގެ ގޮތުގައި މިމަސައްކަތް ކުރަން ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިގޮތުން ދަނޑުވެރިކަމުގެ އުފެއްދުން އިތުރުކޮށް އިމްޕޯޓް މަދުކުރުމަށް ކަނޑައެޅިފައިވާ ބާވަތްތަކަކީ ބަރަބޯ، ކަރާ، ކިޔުކަންބާ، ފަޅޯ އަދި ފަތްކޭލެވެ.
ލޯނަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ބަލާނެ ކަންތައްތައް
މި ޕްރޮގްރާމްގެ މަސައްކަތްތަކައް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެ އެވެ. މި ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމް ބާތިލު ކުރެވޭނެއެވެ.
- މިނިސްޓްރީން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ފަޅުރަށެއް ކުއްޔަށް ނަންގަވާފައިވާ ފަރާތެއް ކަމުގައިވުން.
- ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތައް (މުވައްޒަފުންގެ އެކަމަޑޭޝަން، ކަރަންޓު، އިންސާނީ ވަސީލަތްތައް) އެރަށެއްގައި ޤާއިމްކޮށް ނިމިފައިވުން
- ލޯނު ނަންގަވާ ކްރޮޕްއަކަށް ބޭނުންވާ މިންވަރަށް ބިން ލިބުން
- މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައި ނުވުން
- ބޭންކަކުން ލޯނެއް ނަންގަވާފައިވާ ފަރާތެއްނަމަ، ޤަވާއިދުން ލޯނު އަދާކުރަމުންދާ ފަރާތެއް ކަމުގައިވުން
- ސާބިތު ދަރަންޏެއް ނެތް ފަރާތެއް ކަމުގައިވުން
- މިނިސްޓްރީ އޮފް ފިޝަރީޒް އެނޑް އެގްރިކަލްޗަރއިން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަކަށް ނަގާފައިވާ ރަށުގެ އެއްވެސް މައްސަލައެއް ކޯޓް މަރުހަލާގައި ނުވުން
- ލޯނަށް ގެރެންޓީދޭ ފަރާތެއް ހުރުން
މަތީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ވަޒަން ކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.
1- ދަނޑުބިން ލިބޭ ނިސްބަތް
2- އިންފްރާސްޓްރަކްޗަރ/ވަސީލަތްތައް ހުރި މިންވަރު
3- ހިއުމަން ރިސޯސް ހުރި މިންވަރު
(ހ) ޓެކްނިކަލް، އެޑްމިން އަދި ފީލްޑްގައި މަސައްކަތްކުރާ މީހުން ތިބި މިންވަރު
(ށ) ދިވެހިން ގެންގުޅޭ ނިސްބަތް
4- ދަނޑުވެރިކަމުގެ މަސައްކަތުގައި ހޭދަވި މުއްދަތު/ތަޖުރިބާ
5- ތިމާވެއްޓަށް ފައިދާކުރަނިވި ގޮތަކަށް/ ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަންކުރާ ނިސްބަތް
6- މިމިނިސްޓްރީއަށް ޤަވާއިދުން ރިޕޯޓް ފޮނުވާ މިންވަރު
ސުންގަޑި: މި ލޯނު ޕްރޮގްރާމްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން "އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ފޯމު ހުށަހަޅާނީ ސިޓީ އުރާގެ ބޭރުގައި "އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ލޯނަށްއެދި" ޖެއްސެވުމަށްފަހު 20 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ އަށެވެ. މި ލޯނު ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް 5 ފެބްރުވަރީ 2018 ވަނަ ދުވަހުގެ 10:00 ގައި ވެލާނާގެ 2 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. |
|
އިތުރު މަޢުލޫމާތު: |
"އިމްޕޯޓް ސަބްސްޓިޓިއުޓް ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދޭ ފޯމް" އަދި "ދަނޑުވެރިކަމުގެ އިމްޕޯޓް މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ލޯނާ ބެހޭ މައުލޫމާތު' މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރު އިން ލިބިވަޑައި ގަންނަވާނެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339261،3339248، 3339219 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |