ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫއިން ގޯތި ދޫކުރުމުގެ އުސޫލު

1- ނިލަންދޫއިން ގޯތިދޫކުރުމުގެ މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ނިލަންދޫ ކައުންސިލްގެ އިދާރާއިން ކުރާ އިޢުލާނާ  ގުޅިގެން  ދޫކުރާ ގޯއްޗަށްއެދޭ ފޯމު ފުރާ ފޯމުގައި ހުށަހެޅުމަށް ބުނާތަކެއްޗާއެކު ހުށަހަޅާ ފާރާތްތަކަށެވެ.

2- އިޢުލާންގައިވާ މުއްދަތަށް ފޯމު ހުށަހަޅަންވާނެއެވެ. މުއްދަތުގެ ފަހުން ހުށަހަޅާ ފޯމާއި، ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމު ބަލައެއް ނުގަނެވޭނެއެވެ. ގޯއްޗަށް އެދޭފޯމުގެ 8.5 ގައިވާ ކަންކަމަކީ ކޮންމެ މީހަކާމެދު ހިނގާފައިވާނެ ކަންކަން ކަމަށްނުވާތީ ކޮންމެ މީހެއްގެ އަތުގައި އެފަދަ ލިޔުންތަކެއް ނުހުންނާނެއެވެ. ވުމާއެކު ފޯމުބަލައިގަންނައިރު އެފަދަ ލިޔުމެއް ހުށަނާޅާނަމަ ބަލާނީ އެފަދަ މުއާމަލާތެއް އެފަރާތަކާމެދު އެއްވެސް އިރެއްގައި ހިނގާފައިނުވާކަމުގައެވެ. ނަމަވެސް ފޯމު ހުށައެޅިފަހުން ނުވަތަ ގޯތި ދޫކުރެވުނު ފަހުންކަމުގައިވިޔަސް 8.5 ގައިވާފަދަ ކަމެއް އެފަރާތަކާއި މެދު ހިނގާފައިވާކަން ސާބިތުވެއްޖެނަމަ އެމީހެއްގެ ފޯމު ބާޠިލްކުރެވޭނެއެވެ. އަދި ގޯތި ދޫކުރެވިފައިވާނަމަ އެމީހެއްގެ އަތުން ވަގުތުން އެގޯތި ވަކިކުރެވޭނެއެވެ.

3- ގޯތި ދޫކުރުމުގެ ޕްރޮގްރާމް ހިންގާނީ މި ޕްރޮގްރާމަށް ކަނޑައަޅާ 10 މެމްބަރުންގެ ކޮމިޓީއަކުންނެވެ. މިގޮތުން ކޮމިޓީގައި ހިމެނޭނީ، ނިލަންދޫ ކައުންސިލްގެ އިދާރާގެ 2 ކައުންސިލަރ، ކައުންސިލްގެ އިދާރާގެ  2 މުވައްޒަފު، އާންމުންގެ ތެރެއިން 2 މެންބަރުން(އަންހެން މެމްބަރަކާއި ފިރިހެން މެމްބަރެއް)، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން 1 މެންބަރު، ކްލަބް ޖަމްއިއްޔާތަކުން 1 މެމްބަރު އަދި އަތޮޅު ކައުންސިލްގެ 1 ކައުންސިލަރާއި، އަތޮޅު ކައުންސިލްގެ އިދާރާގެ 1 މުވައްޒަފެވެ.

4- ކައުންސިލަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުން ކަނޑައަޅާނީ ސެކްޝަންތަކުގެ މަޝްވަރާގެމަތީން ކައުންސިލްގެ ބައްދަލުވުމަކުންނެވެ. އާންމުންގެ ތެރެއިން ކޮމިޓީގައި ހިމަނާ 2 މެމްބަރުން ނަގާނީ އެކަމަށް ރައްޔިތުންގެ މެދުގައި ބާއްވާ ބައްދަލުވުމަކުންނެވެ. 2 ފަރާތަށްވުރެ ގިނަފަރާތުން ކުރިމަތި ލައިފިނަމަ 2 މެމްބަރުން ހޮވާނީ ވޯޓަކުންނެވެ. އާންމުންގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިނުލައިފިނަމަ 10 މެމްބަރުން ހަމަކުރާނީ،ރަށު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ އާންމު 2 މެމްބަރުން ހިމަނައިގެންނެވެ. ކްލަބް ޖަމްއިއްޔާތަކުން މެމްބަރަކު ކަނޑައަޅާނީ، މިކަމަށްޓަކައި ޖަމްއިއްޔާތަކުގެ މެދުގައި ބައްދަލުވުމެއް ބާއްވައިގެން އެ ބައްދަލުވުމުންނެވެ.

5- ކޮމިޓީގެ މަސައްކަތް ކުރަންވާނީ މަދުވެގެން 5 މެމްބަރުންގެ ހާޟިރުގައެވެ. އެއްވެސް ސަބަބަކާހުރެ އެއްވެސް މެމްބަރަކު ކޮމިޓީން މަދުވެއްޖެނަމަ އެމެމްބަރެއްގެ ބަދަލުގައި މެމްބަރަކު ހަމަޖައްސާނީ އެ މެމްބަރަކު ހޯދިގޮތަކަށެވެ.

6- ނިލަންދޫ އިން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2800 އަކަފޫޓްގެ  2 ގޯއްޗާއި 2500 އަކަފޫޓުގެ 2 ގޯއްޗެވެ. މިގޮތުން 4 ފަރާތަށްވުރެ ގިނަ ފަރާތްތަކުން ގޯއްޗަށް އެދިފައިވާނަމަ ގޯތި ދޫކުރެވޭނީ ނިލަންދޫ ކައުންސިލުން ފާސްކޮށްފައިވާ މިގައިޑްލައިނުގެ 12 ވަނަ ނަމްބަރުގައިވާގޮތަށް ޕޮއިންޓް ދިނުމުން އެންމެ މަތިން މާކްސް ލިބޭ 4 ފަރާތަކާއެވެ. މިގޮތުން 4 ފަރާތަށް ވުރެ ގިނަ ފަރާތްތަކުން މާކްސް އެއްވަރުވެއްޖެނަމަ އެ އެއްވަރުވި ފަރާތްތަކެއްގެ މެދުގައި ގުރުއަތުލެވޭނެއެވެ.

7- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ހަމަވާބިމެއް ގޯއްޗެއްގެ ގޮތުގައި އެމީހަކަށް ލިބިފައިވާނަމަ މި ބުރުގައި ނިލަންދޫ އިން ގޯއްޗެއް ނުލިބޭނެއެވެ.

8- ނިލަންދޫ އިން ގޯތިދޫކުރުމުގައި މީގެކުރިން އެފަރާތަކަށް އެއްވެސް ގޮތަކުން ބިމެއްލިބިފައިވާނަމަ އެބިމަކާމެދު ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޢަމަލުކޮށްފައިވާ ގޮތާއިމެދު ރިއާޔަތް ކުރެވޭނެއެވެ. މިގޮތުން 2000 އަކަފޫޓް ހަމަވާބިމެއް މީގެކުރިން ލިބިފައިމެ އެހެންމީހަކަށް އެބިންދޫކޮށްލާފައިވާނަމަ މިބުރުގައި އެފަދަފަރާތަކަށް ގޯއްޗެއް ނުލިބޭނެއެވެ. ވޭތުވެދިޔަ އަހަރުކަމުގައި ބަލާނީ ފޯމުހުށަހެޅުމުގެ އެންމެ ފަހު ތާރީހާއި ހަމައަށް ހިނގާފައިވާ 5  އަހަރުދުވަހުގެ މުއްދަތަށެވެ.

9- 600 އަކަފޫޓް ހަމަނުވާބިމެއް ނިލަންދޫ އިން ލިބިފައިމެ، 2800 އަކަފޫޓްގެ ބިމެއްގެ ބޭނުމުގައި ކުރިން ނިލަންދޫ އިން ލިބުނުބިން ދޫކޮށްލާނަމަ ދޫކޮށްލަންވާނީ އެބިމެއް ބައިކޮށް  ބެހިފައިވާ އަސްލު ބެހެނިވެރިންގެ ތެރެއިން ގޯތި ނުލިބިވާ މީހަކަށެވެ. ނަމަވެސް މިގޮތުން ލިބޭ ބިންކޮޅު ދަރިއަކަށް ދިނުމަކުން އެފަރާތަށް ލިބުނު ބިން ދޫކުރެވުނު ކަމަކަށް ނުބެލެވޭއެވެ. ސަބަބަކީ ދަރިއަކަށް ދިނުމުން އެބަޔަކީ ދަރިންނަށް ކުރާހިބަ މައިންބަފައިންނަށް ނެގޭ އުޞޫލުން ނެގޭނެ ބަޔަކަށްވުމުން އެދޫކޮށްލިބަޔަކީ ހަމަ އެފަރާތަށްނެގޭނެ ގޮތަކަށް އޮންނަ ބަޔަކަށްވާތީއެވެ. މިނޫން ގޮތަކަށް ބިން ދޫކޮށްލާފައި ވާނަމަ ލިބޭ ޖުމްލަޕޮއިންޓުން 20 ޕޮއިންޓް އުނިކުރެވޭނެއެވެ.

10-  ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ދެމަފިރިއަކު ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތީ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރު ވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމީހުންނަށް ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް އެއްބަސް ނުވެވިއްޖެނަމަ ގޯތިލިބޭ މީހެއް ކަނޑައަޅާނީ ކޮމެޓީ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ.

ޕޮއިންޓް ލިބޭ ބައިތައް

ޕޮއިންޓްލިބޭ ބައިތައް

ޢުމުރުގެ ބައި

1

ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭނަމަ

3

2

ޢުމުރުން 25 އަހަރު ފުރި 30 އަހަރު ނުފުރޭނަމަ

5

3

ޢުމުރުން 30 އަހަރު ފުރި 35 އަހަރު ނުފުރޭނަމަ

7

4

ޢުމުރުން 35 އަހަރު ފުރި 40 އަހަރު ނުފުރޭނަމަ

9

5

ޢުމުރުން 40 އަހަރު ފުރި 45 އަހަރު ނުފުރޭނަމަ

11

6

ޢުމުރުން 45 އަހަރު ފުރި 50 އަހަރު ނުފުރޭނަމަ

13

7

ޢުމުރުން 50 އަހަރުން މަތި

15

ރަށްވެހިކަމުގެ ބައި

1

ނިލަންދޫގެ ރައްވެއްސެއްގެ ގޮތުގައި ނިލަންދޫގައި ދިރިއުޅޭތާ 1 އަހަރުވެފައިވާނަމަ

20

2

ނިލަންދޫގެ ރައްވެއްސެއްގެ ގޮތުގައި ނިލަންދޫގައި ދިރިއުޅޭތާ 1 އަހަރުނުވާނަމަ

10

3

އެހެންރަށެއްގެ ރަށްވެއްސަކު ނިލަންދޫގެ ރަށްވެއްސަކާ އިނދެގެން ނިލަންދޫގައި 2 އަހަރު ދިރިއުޅެފައިވާނަމަ

10

4

އެހެންރަށެއްގެ ރަށްވެއްސަކު ނިލަންދޫގެ ރަށްވެއްސަކާ އިނދެގެން ނިލަންދޫގައި  ދިރިއުޅޭތާ 2 އަހަރު ނުވާނަމަ

5

5

އެހެންރަށެއްގައި ދިރިއުޅޭ ނިލަންދޫގެ ރައްވެއްސެއްނަމަ

5

6

ނިލަންދޫ ފިޔަވައި ރާއްޖޭގެ އެހެންރަށެއްގެ ރަށްވެއްސެއްނަމަ

3

ކައިވެނީގެ ބައި

1

ގޯއްޗަށް އެދޭމީހާ މީހަކާ އިނދެގެން އުޅޭނަމަ                                       

15

ބަލަދުވެރިންގެ ބައި

1

ގޯއްޗަށް އެދޭމީހާގެ، ގޯއްޗެއްނެތް ކޮންމެ އުފަންދަރިއަކަށް(ދަރިންގެ އަދަދު)

 

5

2

އަނބިދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ ގޯތި ނެތް ކޮންމެމީހަކަށް (މީހުންގެ އަދަދު)

 

5

ގޯއްޗަށް އެދޭމީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު

1

ގޯއްޗަށް އެދޭމީހާއަށް 600 އަކަފޫޓް ހަމަވާ ގޯއްޗެއް ނެތްނަމަ

30

2

ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް 600 އަކަފޫޓް ހަމަވާ ގޯއްޗެއް އޮތްނަމަ

60-

3

ގޯއްޗަށް އެދޭމީހާ އާއި އެމީހާގެ އަނބި/ފިރިމީހާއަށް 2000 އަކަފޫޓް ހަމަވާ ގޯއްޗެއް ލިބެން އޮތްނަމަ

60-

4

ގޯއްޗަށް އެދޭމީހާ އާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން/ތަނަކުން 600 އަކަފޫޓަށްވުރެ ކުޑަބިންކޮޅެއް ގޯއްޗަކުން ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތި ނެތް މީހަކު ނޫން އެހެން މީހަކަށް އެބިންކޮޅު ދޫކޮށްފައިވާނަމަ

20-

5

ގޯތްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުން ޖެހޭމިންވަރު  2000 އަކަފޫޓަށްވުރެ ބޮޑުނަމަ

-30

6

ގޯތްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުން ޖެހޭމިންވަރު 1000 – 2000 އަކަފޫޓް ހަމަވާނަމަ

15-

7

ގޯތްޗަށް އެދޭމީހާގެ މަންމަ/ބައްޕަގެ ގޯތި ބެހެނިވެރިންގެ މެދުގައި ބެހުމުން ޖެހޭމިންވަރު 600 – 1000 އަކަފޫޓް ހަމަވާނަމަ

7-

11-ޕޮއިންޓްލިބޭ ބައިތަކަށް ރިޢާޔަތްކުރާނެގޮތް

01-  18 އަހަރު ފުރިފައިވާކަމަށް ބަލާނީ ގޯއްޗަށްއެދި ފޯމު ހުށަހެޅުމަށް ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚާއި ހަމައަށް ނުވަތަ އެ ތާރީޙުގައި، މީލާދިގޮތުން 18 އަހަރު ފުރޭ ނުވަތަ 18 އަހަރު ފުރިފައިވާނަމައެވެ.

02-   18 އަހަރާއި، 40 އަހަރާ ދެމެދު ޢުމުރުގެ ތަފާތު ޕޮއިންޓްދޭނީ ޕޮއިންޓް ޝީޓްގައިވާ ގޮތަށް 18 އަހަރު ފުރި 25 އަހަރުނުފުރޭނަމަ 3 ޕޮއިންޓްދީ އަދި 25 އަހަރު ފުރި 30 އަހަރު ނުފުރޭނަމަ 5 ޕޮއިންޓް، 30 އަހަރު ފުރި 35 އަހަރު ނުފުރޭނަމަ 7 ޕޮއިންޓް، 35 އަހަރު ފުރި 40 އަހަރު ނުފުރޭނަމަ 9 ޕޮއިންޓް، މިގޮތުން 40 އަހަރުން މަތީގެ މީހެއްނަމަ ލިބޭނީ 11 ޕޮއިންޓެވެ. 45 އަހަރު ފުރިފައިވާނަމަ ލިބޭނީ 13 ޕޮއިންޓެވެ. 50 އަހަރު ފުރިފައިވާނަމަ ލިބޭނީ 15 ޕޮއިންޓެވެ. މިބައިން މީހަކަށް ލިބޭނެ އެންމެ ގިނަ ޕޮއިންޓަކީ 15 ޕޮއިންޓެވެ.

12-ރަށްވެހިކަމުގެ ބައި

01-  މިބައިގައި ބަލާނީ ނިލަންދޫގައި ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ދިރިއުޅެމުން ގެންދާތާ 1 އަހަރު ވެފައިވާ މިހުންނަށެވެ. މިކަން ކަށަވަރުކުރާނީ ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ނިލަންދޫގައި ހަމަޖެހިފައި ވާނަމައެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.

02-   މިބައިގައި ބަލާނީ ނިލަންދޫގައި ރަށްވެހިވެ ދިރިއުޅެމުންދާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާތާ 1 އަހަރު ނުވާމީހުންނެވެ. އަހަރުބަލާނީ މި ފޯމުހުށަހަޅަންޖެހޭ އެންމެފަހުގެ ތާރީޙަށެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.

03-  އެހެންރަށެއްގެ ރައްވެއްސަކު ނިލަންދޫގެ ރައްވެއްސަކާއި އިނދެގެން ނިލަންދޫގައި ދިރިއުޅޭކަމުގައި ބަލާނީ އެމީހަކު އިދެގެން އުޅޭމީހެއްގެ އައިޑީ ކާޑުގައި ރަށްވެހިކަމުގެ ބައިގައި ދާއިމީ އެޑްރެސްގެ ގޮތުގައި ނިލަންދޫ ހިމެނިފައި ވޭތޯއެވެ. މިގޮތުން ރަށްވެހިކަން ކަށަވަރު ކުރުމަށްފަހު ދެންބަލާނީ އެމީހަކު އާންމުކޮށް ދިރިއުޅޭ ރަށެކެވެ. އާންމުކޮށް ދިރިއުޅޭ ރަށެއްކަމުގައި ބަލާނީ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހި އާންމުކޮށް ނިލަންދޫގައި ދިރިއުޅޭތާ 2 އަހަރު ވެފައިވާނަމައެވެ.

04-  މިބައިގައި ބަލާނީ ނިލަންދޫގެ ރައްވެއްސަކާ އިނދެގެންއުޅޭ، ނިލަންދޫގައި ދިރިއުޅޭތާ 2 އަހަރުނުވާނަމައެވެ.

05-  އެހެންރަށެއްގައި ދިރިއުޅޭ ނިލަންދޫގެ ރަށްވެއްސެއްކަމުގައި ބަލާނީ އެންމެފުރަތަމަ އެމީހެއްގެ އައިޑީ ކާޑުގައިވާ ރަށްވެހިކަމުގެ ބައިގައި ދާއިމީ އެޑްރެސްގެ ގޮތުގައި ނިލަންދޫ ހިމެނިފައި ވޭތޯބަލައި ރަށްވެހިކަން ކަށަވަރު ކުރުމަށްފަހު ނިލަންދޫ ފިޔަވައި އެމީހަކު ދިރިއުޅޭ ރަށެކެވެ. އެމީހަކު ދިރިއުޅޭ ރަށެއް ބެލުމުގައި ފޯމުގައި މިހާރު އުޅޭ އެޑްރެސް އާއި، ފާއިތުވި 2 އަހަރު އެމީހަކު އުޅެފައިވާ ރަށަށް، ރަށްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

06-  ނިލަންދޫ ފިޔަވައި ރާއްޖޭގެ އެހެންރަށެއްގެ ރަށްވެއްސެއް ކަމުގައި ބަލާނީ އެމީހެއްގެ އައިޑީ ކާޑުގެ ރަށްވެހިކަމުގެ ބައިގައި ނިލަންދޫ ހިމެނިފައި ނުވާނަމައެވެ.

ނޯޓް: އެމީހަކު ދިރުއުޅޭ ތަނެއް ބެލުމުގައި ފޯމުގެ މިހާރު ދިރިއުޅޭ އެޑްރެހާއި، ފާއިތުވި 2 އަހަރުގައި އެމީހަކު އުޅެފައިވާ ރަށަށް/ރަށްތަކަށް ރިއާޔަތްކުރަން ވާނެއެވެ. އަދި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ، ތަބީއީގޮތުން ހުރި، އަދި ހިނގަމުންދާގޮތަށް ކޮމިޓީން ރިއާޔަތް ކުރަންވާނެއެވެ. ނިލަންދޫގައި ދިރިއުޅޭކަމަށް ބަލާނީ ދެމަފިރިންކުރެ އެކަކު ނިލަންދޫގައި ދިރިއުޅެމުން ގެންދާނަމައެވެ.

13-ކައިވެނީގެ ބައި

1-ގޯއްޗަށް އެދޭމީހާ މީހަކާ އިނދެގެން އުޅޭކަން ކަށަވަރުކުރުމުގައި ބަލާނީ، ފޯމާއެކު ހުށަހަޅާ އެމީހަކު މީހަކާ އިނދެގެން އުޅޭކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.

14-ބަލަދުވެރިންގެ ބައި

1- ގޯއްޗަށް އެދޭމީހާގެ، ގޯއްޗެއް ނެތް އުފަން ދަރިންކަމުގައި ބަލާނީ އެމީހެއްގެ ދަރިންކަމުގައި އެމީހަކު ބަޔާންކޮށްފައިވާ ފަރާތްތައް ސަރުކާރުގެ ދާއިރާތަކުން ބަލައިގެންނެވެ. މިގޮތުން އުފަންދަރިން ކަށަވަރު ކުރުމަށްފަހު އެދަރިންނަށް ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯތިގެދޮރު ލިބިފައިވޭތޯ ބަލާނީއެވެ. މިކަން ބަލާނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށްގެންނެވެ.

2- އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންކަށަވަރުކުރާނީ ޝަރުޢީލިޔުމަކުންނެވެ. ނުވަތަ ޢާއިލީގޮތުން އެންމެފުރަތަމަ ބަލަދުއަރާ ފަރާތަކީ ގޯއްޗަށްއެދޭ މީހާކަމުގައި ވާނަމައެވެ. ގޯތިނެތްމީހުން ކަށަވަރުކުރާނީ ސަރުކާރުގެ ދާއިރާތަކުން ބަލައިގެންނެވެ.   މިގޮތުން ބަލާއިރު ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް/ގޯއްޗެއް ލިބިފައިވާނަމަ މިބައިގެ ޕޮއިންޓެއް އެފަދަފަރާތަކަށް ނުލިބޭނެއެވެ.

15- ގޯއްޗަށް އެދޭމީހާއާއި ، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު

1- ގޯއްޗަށް އެދޭމީހާއަށް600 އަކަފޫޓް ހަމަވާ ގޯއްޗެއް ނެތްކަން ކަށަވަރުކުރާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށްގެންނެވެ. މިގޮތުން 600 އަކަފޫޓް ހަމަވާ ބިމެއް ލިބިފައި ވާކަމަށް ބަލާނީ، އެމީހެއްގެ ނަމުގައި ހަދާފައިވާ ބިމުގެ ރަޖިސްޓްރީއަކުންނެވެ.

2- ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް 600 އަކަފުޓް ހަމަވާ ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތްކަން ނުވަތަ ލިބެންއޮތްކަން ކަށަވަރުކުރާނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށްގެންނެވެ. މިގޮތުން 600 އަކަފޫޓް ހަމަވާ ބިމެއް ލިބިފައިވާކަމަށް ބަލާނީ އެމީހެއްގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީއަކުންނެވެ.

3- ލިބެން އޮތްކަމަށްބަލާނީ، ހިނގަމުންދާ ހިބައަކުން، ކޮށްފައިވާ ވަޞިއްޔަތަކުން، ތިމާއަށް ބައިލިބޭ ތަރިކައަކުން ނުވަތަ ރާއްޖޭގެ ރަށަކުން ގޯތި ދޫކުރުމަށް ހިންގާ މަޝްރޫއަކުން 2000 އަކަފޫޓް ހަމަވާ ބައެއް/ބިމެއް ލިބޭގޮތަށް އޮތްނަމައެވެ.

4- ގޯއްޗަށް އެދޭމީހާއަށް ރާއްޖޭގެ އެއްވެސްރަށަކުން/ތަނަކުން 600 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ގޯއްޗަކުން ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތް މީހަކުނޫން އެހެންމީހަކަށް އެބިންކޮޅު ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ އެމީހަކާއި، އެއްވެސް ފަރާތަކުން ގޯތިގެދޮރާއިބެހޭގޮތުން ކޮށްފައިވާ މުއާމަލާމާތެއްގެ/މުއާމަލާތްތަކެއްގެ ރަސްމީ ލިޔުންތަކުންނެވެ.

5- ގޯއްޗަށް އެދޭމީހާގެ ބައްޕަ/މަންމަ ގެ ގޯތިން ލިބިދާނެ ބައި ކަމަށްބަލާނީ އެގޯތީގެ އަކަމިން ބެހެނިވެރިންގެ މެދުގައި ބެހުމުން ގޯއްޗަށް އެދޭ މީހާއަށް ލިބޭ މިންވަރެވެ. މިގޮތުން ބެހެނިވެރިންކަމަށް ބަލާނީ މަންމަ/ބައްޕަގެ މިހާރު (ފޯމުހުށަހެޅުމުގެ އެންމެ ފަހު ތާރީހާއި ހަމައަށް) ދުނިޔޭގައިތިބި ދަރިންނާއި އެގޯތި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކެވެ.

16-  ތާރީޚު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން، މީހާގެ ޢުމުރު، ކައިވެނިކުރި ތާރީޚު، ޝަރުޢީގޮތުން މީހަކު/ކުއްޖަކު ބަލަންޖެހުނު ތާރީޚު، އެހެންރަށެއްގައި ދިރިއުޅޭތާވީދުވަހުގެ މުއްދަތުފަދަ ކަންކަމުގައި ތާރީޚު ބަލާނީ ގޯއްޗަށްއެދި ފޯމު ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެއްމެ ފަހު ތާރީޚަށެވެ.

17-  ހުށަހަޅާ އައި.ޑީ.ކާޑަކީ މުއްދަތު ހަމަނުވާ އައި.ޑީ ކާޑަކަށް ވާންވާނެއެވެ.

18-  ކައިވެނީގެ ސެޓްފިކެޓް ނުވަތަ މީހަކާ އިނދެގެން އުޅޭކަމުގެ ލިޔުން ހުށަހަޅާއިރު ހުށަހަޅަންވާނީ، އެއީ ޞައްޙަ ސެޓްފިކެޓެއްކަން/ލިޔުމެއްކަން ކަމާބެހޭ ފަރާތުން ކަށަވަރު ކޮށްގެންނެވެ. ކަށަވަރު ކޮށްފައިވާކަމަށް ބަލާނީ އެތަނެއްގެ ތައްގަނޑު ޖަހައި ވެރިފަރާތުން ސޮއިކޮށްފައިވާނަމައެވެ. ކައިވެނީގެ ސެޓްފިކެޓެއްނަމަ އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ތައްގަނޑުޖަހާފައިވާ ކޮޕީއަކަށް ވާންވާނެއެވެ.

19-  ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބުނާ ހުރިހާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމެއް ބަލައެއް ނުގަނެވޭނެއެވެ. ނަމަވެސް މިއިދާރާގެ އިހްމާލުން އެއްވެސްކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމެއް ރަނގަޅުކުރުމުގެ ފުރުޞަތު އެފަރާތަކަށް ދެވޭނެއެވެ.

20-  ރާއްޖޭގެ އެއްވެސް ރަށެއްގައި ދިރިއުޅޭމީހެއްނަމަ އެމީހަކު ހުށަހަޅަންޖެހޭނީ ފޯމުގެ އަސްލެވެ. ނަމަވެސް ރާއްޖެއިން ބޭރުގައިވާ ފަރާތެއްނަމަ ފޯމު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ފޯމު ފެކްސް/އީމެއިލް ކުރެއްވުމަށްފަހު ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ 21 ދުވަހުގެ ތެރޭގައި ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ. ފެކްސް ނަންބަރަކީ: 6740598 އެވެ. މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސްކުރާ، އަދި މެއިލްކުރާ ގަނޑުތައް ހަމައަށް ފެކްސްކުރެވުނުކަން ނުވަތަ މެއިލްކުރެވުނުކަން މިއިދާރާއަށް ގުޅައިގެން އެމީހަކު އަމިއްލައަށް ކަށަވަރުކުރަންވާނެއެވެ. މިއިދާރާއަށް ގުޅާނީ 6740016 ނަންބަރު ފޯނަށެވެ.

21-  ފޯމު ބަލައިގަންނައިރު ފޯމު ހުށަހަޅާމީހާގެ ހާޒިރުގައި ފޯމުގައިވާ ހުރިހާ ބަޔަކަށް މަޢުލޫމާތު ހިމަނާފައިވޭތޯ ނުވަތަ ހުރިހާ ބަޔަކަށް ޖަވާބު ދީފައިވޭތޯ ޗެކްކުރެވޭނެއެވެ. އަދި މިގޮތުން ޗެކްކުރުމުގައި އެއްވެސް މަޢުލޫމާތެއް ހިމެނިފައިނުވާނަމަ ނުވަތަ އަތޮޅެއްގެ އަކުރެއްޖެހިފައިނުވާނަމަވެސް އެކަމެއް ރަނގަޅުކޮށްގެން ގެނައުމަށް ފޯމު އަނބުރާ ފޮނުވާލެވޭނެއެވެ. ފުރިހަމަ މަޢުލޫމާތު ބަޔާންކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ކަމެކެވެ.

22-  ފޯމު ފުރާފައި ހުންނަންވާނީ ދިވެހިބަހުންނެވެ. އަދި ފޯމު ބަލައިގަންނަ ފަރާތައް ފޯމުގައި ލިޔެފައިވާ އެއްޗެއް ދޭހަވާ މިންވަރަށެވެ. ފޯމު ހުށަހަޅާއިރު ފޯމު ބަލައިގަންނަ ފަރާތަށް ދޭހަނުވާގޮތަށް ލިޔެފައިވާނަމަ ރަނގަޅަށް ދޭހަވާވަރަށް ފޯމު ރަނގަޅުކޮށްގެން ގެނައުމަށް ފޯމު އަނބުރާ ފޮނުވާލެވޭނެއެވެ. އަނބުރާ ފޮނުވާލެވޭ ފޯމުވެސް ފޯމު ހުށައަޅަންޖެހޭ ގަޑީގެކުރިން ހުށައަޅަންވާނެއެވެ. އަދި ތަކެތި ހަމަ ނުވެގެން ފޮނުވާލާ ފޯމުވެސް ފޯމު ހުށައަޅަންޖެހޭ ގަޑީގެކުރިން ހުށައަޅަންވާނެއެވެ.

23-  ފޯމުގެ އެއްވެސްތަނެއްގައި ޓިޕެކްސްޖަހައިގެން ނުވަތަ ރޮނގުދަމައިގެން ތަނެއް/ބައެއް ކަނޑާފައިވާނަމަ އެތަނެއްގައި އެބައެއްގައި ފޯމުގެ ވެރިފަރާތުން ސޮއިކުރަންވާނެއެވެ.

24-  ފޯމު ބަލައިގަންނާނީ އެކަމަށް ޚާއްޞަކޮށްފައިވާ ކައުންސިލްގެ އިދާރާގެ މުވައްޒަފުން، ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައެވެ.

25-  ފޯމު ފުރުމުގައި އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ރަސްމީގެ ގަޑީގެ ވަގުތުގައި މިއިދާރާއަށް ގުޅުމުން ފޯމު ފުރާނެގޮތުގެ އިރުޝާދު ދެވޭނެއެވެ. މިއިދާރާގެ ނަންބަރަކީ: 6740016 އަދި އިދާރާއަށް ރަސްމީގަޑީގެ ވަގުތުގައި ވަޑައިގެންނެވިނަމަވެސް ފޯމު ފުރާނެގޮތުގެ މަޢުލޫމާތު ދެވޭނެއެވެ.

26-  ގޯތި ދޫކުރުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލަން ބޭނުންވާ އާންމު ރައްޔިތުންނަށް މަސައްކަތް ހިނގާނުހިނގާގޮތް ބެލުމުގެ ފުރުޞަތު ދެވޭނެއެވެ. މިގޮތަށް މަސައްކަތް ހިނގާގޮތް ބެލުމުގެ ފުރުޞަތު ދެވޭނީ އެއްވަގުތެއްގައި ގިނަވެގެން 3 މީހުންނަށެވެ.

27-  މި އިދާރާގެތެރޭގައި ނުވަތަ މި އިދާރާގެ ގޯތިތެރޭގައި ގޯއްޗަށްއެދޭ ފޯމު އެއްވެސް ފަރާތަކުން ފުރައިގެން ނުވާނެއެވެ.

 

03 އޮކްޓޫބަރު 2013
ހޯދާ