ދިވެހިރާއްޖެ
ވ.ތިނަދޫގައި ރަޖިސްޓަރީކޮށް ހިންގާ، "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި، 23 ނޮވެމްބަރ 2026 ވަނަ ދުވަހު، އެއްޖިންސުން (ދެ އަންހެނުން) ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވާ، ކައިވެނި ކޮށްދީފަވާތީ މި ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާއިދިނުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް މި ކައުންސިލުން ވާނީ ރަސްމީކޮށް ހުށަހަޅާފައެވެ.
އެއްޖިންސުން ކައިވެނި ކުރުމާއި، އެފަދަ ކަންކަމަށް ހިއްވަރުދޭ ހަރަކާތްތައް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އަދި އިސްލާމީ ޝަރީއަތުގައިވެސް ހުއްދަކުރެވިގެން ވާކަންކަމެއް ނޫނެވެ. އަދި މި ފަދަ ކަމެއް ވ.ތިނަދޫގައި ކުރިޔަށް ގެންދިޔުމަކީ ވ.ތިނަދޫއާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދި ރަށުގެ ޢާއްމު ރައްޔިތުންނަށް އަދި ރަށުގައި ހިންގޭ ފަތުރުވެރިކަމުގެ ސިނާއަތަށްވެސް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ވ.ތިނަދޫގެ އާއްމު ސަރަޙައްދުތައް އަދި ހާއްސަކޮށް ގެސްޓްހައުސްތަކުގެ ކުރިމަތީގެ އަތިރިމަތީ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އަދި އެކަމަށް ކަނޑައަޅާފައިވާ އުޞޫލުގައިވެސް އެ ސަރަޙައްދުތައް ބޭނުންކުރަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުން ހުއްދަކުރާ ހަރަކާތްތައް ހިންގުމަށްކަމުގައިވެސް ބަޔާންކުރެވިފައިވާނެއެވެ.
އިސްލާމު ދީނާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުތާކާއި ޚިލާފު ހަރަކާތްތައް ހިންގުމަކީ މި ކައުންސިލުން ތާއީދު ނުކުރާނެކަމެކެވެ. އަދި އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި 23 ނޮވެމްބަރ 2026 ވަނަ ދުވަހު، އެއްޖިންސުން (ދެ އަންހެނުން) ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވާ، ކައިވެނި ކޮށްދީފަވާ މައްސަލާގައި މި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެ ފިޔަވަޅެއް މި ކައުންސިލުން އަޅާނެ ވާހަކަ ދެންނެވީމެވެ.
ރަށު ފަތުރުވެރިކަމަކީ ވ.ތިނަދޫގެ އިޤްތިޞާދާއި އަދި ރަށުގެ މުސްތަޤުބަލާ ގުޅިފައިވާ ނުހަނު މުހިއްމު ސިނާއަތަކަށް ވުމާއި އެކު، ރަށުގައި ހިންގޭ ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުންވެސް ޚިދުމަތް ދިނުމުގާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އަދި އިސްލާމް ދީނާއި ޚިލާފު ހަރަކާތައް ނުހިންގުމަށް މި ފުރުޞަތުގައި ހަނދާންކޮށްދެމެވެ.
