ދިވެހިރާއްޖެ
ތުރުކިއޭގެ ސްޓޭޓް ތިއޭޓަރުތަކުގެ ފަރާތުން، 3 މޭ އިން 10 މޭ 2027 އަށް ކޮންޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ އިންޓަނޭޝަނަލް ކޮންޔާ ތިއޭޓަރ ފެސްޓިވަލް، "އަ ތައުޒަންޑް ބްރެތްސް، ވަން ވޮއިސް" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ވަނީ ލިބިފައެވެ.
މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ތަފާތު ޤައުމުތަކުގެ ތިއޭޓަރ ކުންފުނިތަކާއި، ފަންނާނުންނާއި، ފަންނީ މާހިރުން އެއްތަނަކަށް ގެނެސް، ފަންނީ ތަޖުރިބާ ބަދަލުކުރުމާއެކު ބައިނަލްއަޤްވާމީ އެއްބާރުލުމާއި ގުޅުންތައް ބަދަހިކުރުމެވެ.
ބައިވެރިވާ ފަރާތްތަކުގެ މައިގަނޑު ހުށަހެޅުންތަކުގެ އިތުރުން، ފެސްޓިވަލްގެ ޕްރޮގްރާމާއި ލިބެންހުރި ވަސީލަތްތަކަށް ބަލައި، ވޯކްޝޮޕްތަކާއި، މަގުމަތީ ތިއޭޓަރާއި، ނެށުމުގެ ހަރަކާތްތަކާއި، ކޮންސަޓްތަކާއި އަދި މިނޫންވެސް އިތުރު ހަރަކާތްތައް ހުށަހެޅިދާނެއެވެ.
ފެސްޓިވަލް ޕާޓިސިޕޭޝަން ކޮންޑިޝަންސް
- ފެސްޓިވަލް އިންތިޒާމުކުރާ ފަރާތާއިއެކު އެއްބަސްވެފައިވާ މުއްދަތުގައި، ބައިވެރިވާ ގްރޫޕްތަކުގެ މެންބަރުންނަށް ހެނދުނުގެ ނާސްތާއާއެކު ހުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމުގެ އެލަވަންސްގެ ގޮތުގައި ކޮންމެ ބައިވެރިއަކަށް ދުވާލަކަށް 25 ޔޫރޯއަށްވާ ތުރުކީ ލީރާ ދެވޭނެއެވެ.
- ބައިވެރިވާ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ، ހުށަހެޅުންތެރިންނާއި، ފަންނީ މުވައްޒަފުން އަދި ޓެކްނިކަލް ސްޓާފުން ހިމެނޭހެން ގިނަވެގެން 20 މީހުންނެވެ. މިއަށްވުރެ މީހުން އިތުރުކުރާނަމަ، ކުރިން ލިޔުމުން ހުއްދަ ހޯދަންވާނެއެވެ.
- ބައިވެރިވުން ކަށަވަރުވުމަށްފަހު، ތިއޭޓަރުން އަންގާ ތާރީޚަކާއި ގަޑިއެއްގައި ބާއްވާ ވިލަރެސްކުރުމުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ކޮންމެ ގްރޫޕަކުން މަދުވެގެން ދެ މަންދޫބުން ކަނޑައަޅަންވާނެއެވެ.
- ހުށަހަޅާ ފޯމުތައް ސެލެކްޝަން ކޮމިޓީން ވަޒަންކުރާނެއެވެ. ބައިވެރިވުމަށް އެދި ހުށަހެޅުމަކީ ރަސްމީ ދަޢުވަތެއް ލިބުން ނުވަތަ ފުރުޞަތު ކަށަވަރުވާ ކަމެއް ނޫނެވެ.
- ފެސްޓިވަލަށް ހޮވޭ ފަރާތްތަކަށް އެކަން އެންގުމަށްފަހު، ޓެކްނިކަލް ތަފްސީލީ ޝަރުޠުތަކާއި ހުށަހެޅުންތަކުގެ އިންތިޒާމުތައް އެ ފަރާތްތަކާއެކު މަޝްވަރާކޮށް ނިންމޭނެއެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 15 ޖެނުއަރީ 2027 ވާ އާދިއްތަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ.
