ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ދައުރު 23 ޖަނަވަރީ 2027 ގައި ހަމަވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު، 9 ޑިސެންބަރު 2026 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުން ފެށިގެން 1 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. ފޯމު ހުށަހަޅުއްވާނީ ބާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީމެއިލް ([email protected]) މެދުވެރިކޮށެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
- ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
- ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ފުރިހަމަކޮށްފައިވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު؛
- އިންތިޚާބުގައި ބޭނުންކުރުމަށް ޚާއްޞަ ލޯގޯ/ނިޝާނެއް ކަނޑައަޅާނަމަ، އެ ނިޝާން/ލޯގޯ؛
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޫކޮށްފައިވާ، ކުށާއި ދަރަނީގެ ސާފުކުރި ކަމުގެ ލިޔުން؛
- އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓު ފޮޓޯގެ މިންގަނޑަށް ފެތޭ، JPEG ފޯމެޓުގެ ސޮފްޓް ކޮޕީ)؛
- އިންތިޚާބަށް ކުރިމަތިލާ ފަރާތުގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު؛ އަދި
- އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000ރ. (ފަސްހާސް ރުފިޔާ).
(* ނޯޓް: ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅުއްވަންވާނީ، މުޅި ޢުމުރު ދުވަހުގެ ރެކޯޑު ހިމެނޭ ގޮތަށެވެ.)
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ، 9 ޑިސެންބަރު 2026 ވާ ބުދަ ދުވަހުއެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ގެޒެޓްގެ އެޓޭޗްމަންޓް އަދި ބާ ކައުންސިލުގެ ވެބްސައިޓް (maldivesbarcouncil.org/elections) އިން ލިބިވަޑައިގަންނަވާނެއެވެ.
