ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތްކުރުމާއިބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުއްދަތައް ހޯދައިގެން އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންގުން.

   އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު (ނަންބަރު 2019/R-1004) ގައި ބަޔާންކޮށްފައިވާ ގޮތުން، ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ދިރިއުޅުމަށް ބޭނުންކުރާ ގޮތަށް ހަދާ، 6 މީޓަރަށް (19.69 ފޫޓަށް) ވުރެ އުސްނޫން ޖުމުލަ ތަޅުމުގެ އޭރިޔާ 1200 އަކަފޫޓަށް ވުރެ ބޮޑު ނޫން އާދައިގެ ޓިނު ފުރާޅަކުން ހިޔާކުރާ އެއްބުރީގެ އިމާރާތްތައް ފިޔަވައި، އެހެނިހެން އެއްބުރީގެ އިމާރާތްތަކާއި އެއްބުރިއަށްވުރެން އުސްކޮށް އިމާރާތްކުރުމަށްޓަކައި، އެ ގަވާއިދުގައިވާ ގޮތުގެމަތިން ކުރެހުން ސެޓު ހުށަހަޅައި ކުރެހުން ފާސްކުރިކަމުގެ ހުއްދައާއެކު އިމާރާތްކުރުމުގެ ހުއްދަ ނަގަންޖެހޭނެއެވެ. އަދި 6 މީޓަރަށް (19.69 ފޫޓަށް) ވުރެ އުސްނޫން ޖުމުލަ ތަޅުމުގެ އޭރިޔާ 1200 އަކަފޫޓަށް ވުރެ ބޮޑު ނޫން އާދައިގެ ޓިނު ފުރާޅަކުން ހިޔާކުރާ އެއްބުރީގެ އިމާރާތްތައް އިމާރާތްކުރުމަށްޓަކައި އިމާރާތުގެ ލޭއައުޓް ޕްލޭނެއް ހުށަހަޅައި އިމާރާތްކުރުމުގެ ހުއްދަ ނަގަންޖެހޭނެއެވެ. 

ނަމަވެސް، އިހަވަންދޫގައި އިމާރާތްކުރުމުގެ ހުއްދަތައް ނުހޯދައި އަދި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު (ނަންބަރު (2019/R-156 ގައިވާ ސަލާމަތީ މިންގަނޑުތައް ފުރިހަމަނުކޮށް އިމާރާތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ފާސްކޮށްފައިވާ ކުރެހުމާ ޚިލާފަށް އިމާރާތްކުރަމުންދާކަން ވެސް ވަނީ ފާހަގަވެފައެވެ. އިހަވަންދޫގައި ކުރިއަށްދާ އަދި ކުރިއަށް ރޭވޭ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތަކަކީ ސަލާމަތީގޮތުންނާއި ފެންވަރުގެ ގޮތުން ރައްކާތެރި އަދި ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފެތޭ މަސައްކަތްތަކެއްކަން ކަށަވަރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އާންމު ފަރުދުންނާއި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މި އިދާރާގެ މުހިންމު އަމާޒެކެވެ.

ވުމާއެކު، އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި އިމާރާތްކުރުމުގެ، ނުވަތަ އިމާރާތެއް ތަޅާލުމުގެ، ނުވަތަ އިމާރާތަކަށް ބަދަލެއް ގެނައުމުގެ މަސައްކަތެއް ކުރަމުންދާނަމަ، ނުވަތަ އިމާރާތްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާނަމަ، އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2019/R-1004) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަޅަންޖެހޭ ފިޔަވަޅުތައް މި އިދާރާއިން އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ހުއްދަ ނެތި ނުވަތަ ސަލާމަތީ މިންގަނޑުތަކާއި ފާސްކޮށްފައިވާ ކުރެހުމާ ޚިލާފަށް އިމާރާތްކުރަމުންދާ ފަރާތްތަކުން އެކަންކަން އިޞްލާޙުކުރަންދެން، މިއިދާރާއިން ދެމުން އަންނަ ތިރީގައިވާ ޚިދުމަތްތައް ފޯރުކޮށްދިނުން މެދުކަނޑައިލުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 05 ވަނަ ދައުރުގެ 25 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

  1. 1.      އިމާރާތްކުރުމުގެ މަސައްކަތަށް މަގުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ.
  2. 2.      މަގު ބޭނުންކުރުމުގެ ހުއްދަ.
  3. 3.      މަގު ބަންދުކުރުމުގެ ހުއްދަ.
  4. 4.      މަގުގައި ފެންސުޖެހުމުގެ ހުއްދަ.
  5. 5.      މަގު ކޮނުމުގެ ހުއްދަ.
  6. 6.      އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދައިދިނުން.

ވީމާ، ހުއްދަ ނެތި އިމާރާތްކުރަމުންދާ ފަރާތްތަކުން، މިއަދުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅުއްވައި ހުއްދަތައް ހޯއްދެވުމަށާއި، ފާސްކޮށްފައިވާ ކުރެހުމަށާއި ޢިމާރާތްކުރުމާއިބެހޭ ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރެއްވުމަށާއި އަދި ޢިމާރާތްކުރުމުގައި ސަލާމަތީ މިންގަނޑުތައް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. އަދި ބުނެވިދިޔަ މުއްދަތުގެ ތެރޭގައި، އިމާރާތްކުރުމުގެ ހުއްދަ ނުހޯއްދަވާ ފަރާތްތަކާއި، ސަލާމަތީ މިންގަނޑުތަކާއި ފާސްކޮށްފައިވާ ކުރެހުމާ ޚިލާފަށް ޢަމަލުކުރަމުންދާ ފަރާތްތަކާއި އިދާރީ ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުންދާ ފަރާތްތަކާ މެދު މަތީގައި ބަޔާންކުރެވިފައިވާ އުސޫލުން ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ނޮވެންބަރު 2026
ހޯދާ