ދިވެހިރާއްޖެ
ޤާނޫނު ނަންބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަށް ހިންގައި، ރަށް ތަރައްޤީ ކުރުމާއި، އަދި ހަމަ މިޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ރަށުފެންވަރުގައި ކުނި ނައްތާލުމާއި، 17 ވަނަ ނަންބަރުގެ ދަށުން ރަށް ސާފުކޮށް ބެލެހެއްޓުމާއި، 26 ވަނަ ނަންބަރުގެ ދަށުން އެހެން ޤާނޫނަކުން ކައުންސިލަށް މަތިކޮށްފައިވާ އެހެނިހެން ޚިދުމަތްތައް ދިނުމަކީ މި ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ. ޖުމްލަ ގޮތެއްގައި ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުން ހުރިހާ ގޮތަކުންވެސް ރައްކާތެރި އަމާން މުޖުތަމައު އެއް ޤާއިމު ކުރުމަކީ ޤާނޫނުތަކުން މި ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެކެވެ.
ޤާނޫނު ނަންބަރ: 2012/7 (ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ހ) ގައި ސާފުތާހިރުކަން ކަށަވަރުކުރުމާއި، ސިއްޙީގޮތުން ރައްކާތެރިކަން ބެލެހެއްޓުމާއި، (ށ) ގައި އާއްމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން ހުއްޓުވުމަކީވެސް މި ކައުންސިލުގެ ޒިންމާއެކެވެ.
ރަށުގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމާބެހޭ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން މުނިފޫހިފިލުވުމުގެ ބޭނުމުގައި އެކަށީގެންވާ މަދު މިންވަރަކަށް ޖަނަވާރާއި ދޫނިފަދަ ތަކެތި އަމިއްލަ ގޯތީގައި ގެންގުޅުމަށް ހުއްދަ ހޯދަން ނުޖެހޭއިރު، އެކަށީގެންވާ މަދުމިންވަރަކީ 2 ކަމަށް މި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އަދި މުނިފޫހިފިލުވުމުގެ ބޭނުމަށް ހިމާޔަތް ނުކުރާ ދޫނި ސޫފާސޫފި ކޮށީގައި ގެންގުޅުމުގައި ވަކި މިންވަރެއް މި ކައުންސިލަކުން ކަނޑައަޅާފައެއް ނުވާނެއެވެ. އަދި މުނިފޫހި ފިލުވުމުގެ ބޭނުމަށް ގެންގުޅޭ އެއްވެސް ދިރޭ ތަކެއްޗަކުން އަނެއް އާއްމު ރައްޔިތު މީހާ އަށް އުނދަގޫ ނުވާ ގޮތެއްގެ މަތިން ކަންކަން ބެލެހެއްޓުމަށް ނަސޭޙަތްތެރިވަމެވެ.
ރަށު ތެރޭގައި ބުޅަލުގެ އުނދަގޫ ނުވަތަ ބުޅާ ގިނަވެގެން އާއްމު ރައްޔިތުންނަށް ރައްކާތެރި ބޯފެން ނެގުމުގައި ދަތިތައް ކުރިމަތިވުމާއި، އާއްމު އިޖުމާޢީ ސަރަޙައްދު ތަކުގައި ބުޅަލުގެ ނަޖިސް ގިނަވެގެން އާއްމު ރައްޔިތުންގެ ސިއްހަތަށް ތަފާތު ނޭދެވޭ އަސަރުތައް ކުރުމާއި، ކުޑަކުދިން ގޮވައިގެން އާއްމު އިޖުތިމާއީ ސަރަޙައްދު ތަކުގައި އުޅުމަކީ ރައްކާތެރި ނޫންކަމެއް ކަމުގެ އެތަކެއް ޝަކުވާތަކެއް މިކައުންސިލަށް ހުށަހެޅެމުން ދެއެވެ.
ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅޭ ފަރާތްތަކުން އެފަދަ ތަކެތި ގެންގުޅެންވާނީ ޢާންމު ރައްޔިތުންނަށް އުނދަގޫ ނުވާނޭ ގޮތެއްގެ މަތިންކަން މީގެ ކުރިންވެސް ވާނީ އާންމުކޮށް އަންގައި ހަނދާންކޮށްދެވިފައެވެ. ނަމަވެސް އެ އެންގުމާ ޚިލާފަށް ބައެއް ފަރާތްތަކުން ބުޅާ ގެންގުޅުމާއި، އާއްމު ސަރަޙައްދު ތަކަށް ކާން އެޅުމުގެ ސަބަބުން އެ ސަރަޙައްދުތަކުގެ ސާފުތާހިރުކަން ގެއްލިފައިވާ ކަމުގެ އެތައް ޝަކުވާއެއް މި އިދާރާއަށް ހުށަހެޅެމުން އަންނާތީ، އެތަކެތި ގެންގުޅެ އަދި އެތައްކެއްޗަށް ކާން އަޅަންވާނީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިންކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ޖަނަވާރަށް ކާންދިނުމުގެ ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި، ޖަނަވާރަށް ކާންދިނުމަށް ކާން އެޅޭނީ ގްރީން ހައުސް ސަރަޙައްދު، ލޯކަލް ބީޗް އާ ކައިރިނުވާ ސަރަހައްދެއް ކަމުގައި، ފޮއްދޫ ކައުންސިލުގެ 5 ވަނަ ދައުރުގެ 21 ވަނަ އާއްމު ބައްދަލުވުމުގެ އިއްތިފާޤުން ވަނީ ނިންމާފައެވެ. އެހެންކަމުން އަމިއްލަ ގޯތި ފިޔަވައި އާންމު އެހެން އެއްވެސް ސަރަޙައްދަކަށް ދިރޭތަކެއްޗަށް ކާން އެޅުމަކީ މަނާކަމެއް ކަމާއި، މިއަދުން ފެށިގެން އެއްވެސް ދިރޭ އެއްޗަކަށް ކާން އަޅަންވާނީ އެ ސަރަޙައްދަށް ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިނޫން ސަރަޙައްދަކަށް ކާން އަޅައިގެން އެކަންކަން ކުރާ ފަރާތްތަކާމެދު "ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާއި ބެހޭ ޤަވާއިދު" ގެ ދަށުން ފިޔަވަޅު އެޅޭނެވާހަކަ އަންގާ އިޢުލާން ކުރަމެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ޝުކުރުވެރިވަމެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
