ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ޤާނޫނާއި އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު، މި އިޢުލާނު ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ފަހުން، ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާ އަދާކުރަން ފަށާނެކަން ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެހައި ފަރާތްތަކުން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އިލްތިމާސްކުރަމެވެ.
މިފަދައިން ދިވެހި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެކަން ރައްދުވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް އެކަމުގެ މަޢުލޫމާތު ޙިއްޞާކުރެވޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، އެކިއެކި ކަންކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ އެފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި އިޢުލާނު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މިހާރު ބޭނުންކުރައްވާ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ސިމްސް (SIMS) ޕޯޓަލް އިން އަޕްޑޭޓް ކުރެއްވުމަށް ދެންނެވީމެވެ.
އަދި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު މިފަދައިން ޢަމަލުކުރުމުގައި ފުރަތަމަ މަރުޙަލާގައި މަސައްކަތް ފަށާނެ ސަރަހައްދުތަކާއި މަގުތައް ތިރީގައި ބަޔާންކުރެވިފައި ވަނީއެވެ.
- ހޮސްޕިޓަލް ސަރަހައްދު
- ސްކޫލް ސަރަހައްދު
- ކަފިހި ހުރަސް
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު ޕާކްކުރުމަށް ޚާއްޞަކޮށްފައިވާ ސްލޮޓްތައް
- މާލޭގެ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)
- ހުޅުމާލޭގެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގު
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމުގައި ޢާންމު ރައްޔިތުންގެ ފަރާތުން މި މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވާ އެއްބާރުން ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
