ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލް އިދާރާއިން ދެމުން އައި އެއްގަމު ލައިސަންސް، ކަނޑު ލައިސަންސް ޚިދުމަތް މެދު ކެނޑުމާއި ގުޅޭ.

ގައްދޫ ކައުންސިލް އިދާރާއިން ދެމުން އައި އެއްގަމު ލައިސަންސް، ކަނޑު ލައިސަންސް ޚިދުމަތް މެދު ކެނޑުމާއި ގުޅޭ.

ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކެނޑިފައިވާތީ ދަންނަވަމެވެ. ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް މިފެށުނު ޚިދުމަތް މެދުކެނޑިފައިވަނީ ޒިންމާދާރު ބައެއްގެ އިހުމާލުން އަދި މިކަމުގައި މާލީ ބޮޑެތި ފައިދާތަކެއް ހޯދުމުގައި ހިންގި ޤާނޫނާއި، ޤަވާޢިދާއި، ޚިލާފް އެތައް ކަމެއްގެ ސަބަބުންނެވެ.

 

05 ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ލިބުނެވެ. މިގޮތުން 6 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ގައްދޫ ކައުންސިލްގެ ރައީސަށް ލިބުނު ވަރަށް އިތުބާރުހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ބެލިބެލުމުން ލައިސަންސް ދޫކޮށްފައިވަނީ ޤަވާޢިދާއި، ޚިލާފަށް ލައިސަންސް ނެގިމީހާ މާލޭގައިހުރެ 30 އޮގަސްޓް 2026ގައި ލައިސަންސަށް އެޕްލައިކޮށް 31 އޮގަސްޓް 2026 ގައި ގައްދޫ ކައުންސިލުން މިލައިސަންސް އިޝޫކޮށްގެންނެވެ. މިކަމާއި ގުޅިގެން ބެލިބެލުމުން މިކަމަކީ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއިއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަމަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި މިފަދަ ހުރިހާ ކަންކަމާއި ގުޅިގެން އިދާރާގެ ސިވިލްސަރވިސްގެ މުވައްޒަފުންނަށް މިޙާލަތުގައި މަޖުބޫރުން ވަރަށް ގިނަ ކަންކަން ކުރަންޖެހި މީގެ ނަތީޖާއަކީ ހުރިހާ ގެއްލުމެއް ތަޙައްމަލް ކުރަންޖެހެނީ މި މުވައްޒަފުން ކަމުގައި ކަން ފާހަގަ ކުރަމެވެ.

 

މިހިނގާ ސެޕްޓެމްބަރ 17 ވީ ދުވަހު ކަމާއިގުޅޭ މިނިސްޓްރީގެ އިސް ދެބޭފުޅުން ގައްދުއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިކަމުގެ ތެރެއިން ޤަވާޢިދާއި، ޚިލާފަށް ގިނަކަންކަން މިކަމުގައި ހިނގާފައިވާކަން އެފަރާތުން ފާހަގަކޮށްފައިވެއެވެ.މިގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ލައިސަންސް ނަގާފައިވާ ޢަދަދާއި، ދާދި އެއްވަރަކަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވޭތުވިދިޔަ 1 އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫއިން 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވެއެވެ. މިއީ މަހަކަށް 133 ވަރަކަށް ލައިސަންސްއެވެ. މިކަމުގައި ޙަރަކާތްތެރިވެފައިވާ އެގްޒަމިނަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު ހަފްތާއަކަށް ދެތިންމީހުންވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެއްގަމާއި، ކަނޑު ލައިސަންސްގެ ޚިދުމަތް ފެށުމަށް ކަމާއި، ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، މަޝްވަރާކޮށް ކައުންސިލުން މަސައްކަތް ކުރަމުންދާކަން އެއްމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިހިނގާ ކައުންސިލްގެ 5 ވަނަ ދައުރުގައި މިފަދަ ނާތަހުޒީބު ޖަރީމާތަކާއި، ވައްކަމާއި، ޚިޔާނާތް ގައްދޫ ކައުންސިލުން ނުހިގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމްކޮށް، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމުގައާއި، އަދި ޤާނޫނާއި، ޤަވާޢިދު ތަންފީޒްކުރުމުގައި ކައުންސިލުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. 

21 ސެޕްޓެންބަރު 2026
ހޯދާ