ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް، ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވެ ވަޑައިގެންފައިވާ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، ކެލާ ކައުންސިލުން ފާސްކޮށްފައިވާ ޤަރާރު

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް، ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އައު އިސްލާހުތަކަކީ، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަޤުސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމުގައި މިކައުންސިލުން ދެކެމެވެ.

 

2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން، ރާއްޖޭގެ ރަށްރަށަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވުމާއި، ރައްޔިތުންގެ ވޯޓުން ރަށް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު ލިބުމާއި، ރައްޔިތުންނަށް ޖަވާބުދާރީވާ އުސޫލުން ރަށުގެ ތަރައްޤީގެ ކަންކަން ހިނގާކަން ކަށަވަރުވުމެވެ.

 

ލާމަރުކަޒީ ނިޒާމު ތަޢާރަފްވި ފަހުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ރަށްރަށުގެ ޤާނޫނީ އިޚްތިސާސް ކަނޑައެޅި ރަށްރަށަށް މިލްކުކޮށްދެވުމެވެ. އަދި މި އިޚްތިސާސް ބޭނުންކުރާނެ ގޮތް ވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ ތާއީދާއެކު ކަނޑައެޅި ފާސްކުރެވިފައެވެ.

 

ހުށަހެޅިފައިވާ މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ލުއިފަސޭހަކަމާއި އާމްދަނީ ހޯދުމުގެ ޤާނޫނީ ބާރުތައް ހަނިވެ، ދާއިރާގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ އަދި އިޖްތިމާޢީ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. އަދި ކައުންސިލްގެ ބަޖެޓުންނާއި ސަރުކާރު މެދުވެރިކޮށް ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު ޢުމްރާނީ، އިޤްތިޞާދީ އަދި އިޖްތިމާޢީ މަޝްރޫޢުތައް ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެއެވެ. އަދި ރަށްރަށުގެ އިޚްތިސާސް ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު، ބޭނުން ގޮތަކަށް، މާލޭގައި ތިއްބަވާ މަރުކަޒީ ވެރީންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވީއެވެ. ރަށު ރައްޔިތުން އަތުން އިޚްތިސާސުގެ މިލްކުވެރިކަން ބީވީއެވެ. ރަށްރަށުގެ ބިމުގެ އަގާއި އޭގެ ފައިދާ ރައްޔިތުންނަށް ސީދާގޮތެއްގައި ލިބުމުގެ ފުރުސަތު ހަނިކުރެވުނީއެވެ.

 

އަދި މި ބިލުގައިވާގޮތުން މިއިންކަމަކާ ދެކޮޅަށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނެ ދެކޮޅު ހެދުމަކީވެސް، ކުށްވެރިވާ މަނާ ކަމަކަށް ބަދަލުވީއެވެ. ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑްކޮށް ވަކިކުރުމުގެ ބާރުވެސް މަރުކަޒީ އިދާރާތަކަށް މާސާފުކޮށް ލިބިދެވުނީއެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކުން އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދެމިލާ މަންޒަރު ފެންނަމުންދާތީ މުޅި ނިޒާމަށް ދެމުންދާ ހަމަލާއެއްކަމުގައި ދެކެމެވެ. މިއީ ސީދާސާދާކޮށް ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނާއި ރަށުބާރުވެރިކަން އުވާލުމުގެ އިސްލާހެކެވެ.

 

ރަށު ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅި ނިމިފައިވާއިރު، އެ އިޚްތިސާސްގެ ތެރޭގައި އެންމެހާ ހަރުމުދަލާއި ބިންބިމުގެ ބާރުވެރިކަން ލިބި، ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަން މުޠުލަޤަށް ލިބިދީފައިވަނިކޮށް، ކައުންސިލްގެ ހިންގުމާއި ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުކޮށައި، ކައުންސިލަށް ލިބިހުރި ވަސީލަތްތަކުގެ މައްޗަށް ދައުރުގެ ތެރޭގައި ކުރާނެ ކަންކަމުގެ ޕްލޭންތައް ހަދައި ވިސްނުންތައް ވިސްނަމުންދަނިކޮށް، ކައުންސިލްތަކުގެ ގުނަވަންތަކުގައި ކަސްތޮޅުއަޅައި، އޭގެ ބާރުވެރިކަން ވަކި ފަރާތެއްގެ އަތްމައްޗަށް ގެންދިއުމަށް ޤާނޫނީ ބާރުވެރިކަން ހޯދައިގަތުމަކީ، ރަށްފުށުގެ ކައުންސިލްތަކަށާއި ރައްޔިތުންނަށް އަޅުވެތިކަން އިހްސާސްކޮށްދިނުމަށް ބޭއިންސާފުންދެވޭ އަނިޔާއެއްގެ ގޮތުގައިވެސް މިކައުންސިލުން ސިފަކުރަމެވެ.

 

ވީމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ލާމަރުކަޒީ ނިޒާމު ކަށަވަރުކޮށްދެއްވައި، ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ފުށުއަރާގޮތަށް މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށާއި ބާޠިލް ކޮށްދެއްވުމަށް ކެލާ ކައުންސިލުން ގޮވާލަމެވެ.

 

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާގައި 15 އޮގަސްޓް 2026 ގައި ބޭއްވުނު، ކެލާ ކައުންސިލްގެ ފަސްވަނަ ދައުރުގެ 6 ވަނަ ކުއްލި ޖަލްސާގެ ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

15 އޮގަސްޓް 2026
ހޯދާ