ދިވެހިރާއްޖެ
އޯގަސްޓް 14، 2026 ގައި ޢާންމުކޮށްފައިވާ، އުޞޫލު ނަންބަރ 2026/G-21 (ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް މާލީ އެހީދިނުމުގެ އުޞޫލު) ގެ ދަށުން ޙަރަކާތްތައް ހިންގުމަށް ބޭނުންވާ، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން، މާލީ އެހީއަށްއެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލެވިފައިކަން އާއްމުކޮށް އިޢުލާނު ކުރަމެވެ.
ޙަވާލާދެވިފައިވާ އުޞޫލުގެ ދަށުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން، އެހީއަށްއެދު ހުށަހެޅުމުގައި އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
އެހީއަށް އެދި ހުށަހެޅޭނޭ ފަރާތްތައް:
ޙަވާލާދެވިފައިވާ އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތައް.
ހުށަހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިއުންތައް:
ފުރަތަމަ މަރުޙަލާ: (އިޢުލާނު ކުރާ ތާރީޚުން ފެށިގެން 14 ދުވަސް)
1- ކޮންސެޕްޓް ނޯޓް: އެހީގެ ދަށުން ހިންގުމަށް ހުށަހަޅާ ޙަރަކާތުގެ މަޢުލޫމާތު ހުށަހަޅާނީ އުޞޫލުގެ ޖަދުވަލު-1 ގައި ހިމަނާފައިވާ "ކޮންސެޕްޓް ނޯޓު" ގެ ނަމޫނާއާއި އެއްގޮތަށެވެ. ހުށަހަޅާ ޙަރަކާތަކީ އުޞޫލުގެ 4 (ހަތަރެއް) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ދާއިރާއަކަށް ނިޞްބަތްވާ ޙަރަކާތަކަށް ވާންވާނެއެވެ.
2- ރެޖިސްޓްރީ: ޖަމްޢިއްޔާ ނުވަތަ ޖަމާޢަތަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ރެޖިސްޓްރީ ގެ ލިއުން (ޖޮއިންޓް އެޕްލިކޭޝަން އެއް ނަމަ، އިތުރަށް ބައިވެރިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ރެޖިސްޓްރޭޝަން ލިއުންވެސް ހުށަހަޅަންވާނެއެވެ.)
3- އަސާސީ ޤަވާޢިދު: ޖަމްއިއްޔާ ނުވަތަ ޖަމާއަތުގެ އަސާސީ ޤަވާޢިދު
ދެވަނަ މަރުޙަލާގައި: (ޝޯރޓްލިސްޓް ކުރެވި ތަފްޞީލު ހުށަހެޅުން ހުށަހެޅުމަށް އަންގާ ތާރީޚުން ފެށިގެން 14 ދުވަސް)
1- ތަފުޞީލު ހުށަހެޅުން: މި ހުށަހެޅުން ހުށަހަޅާނީ އުޞޫލުގެ ޖަދުވަލު-3 ގައި ހިމަނާފައިވާ "ފުލް ޕްރޮޕޯސަލް ޓެމްޕްލޭޓް" ގެ ނަމޫނާއާއި އެއްގޮތަށެވެ.
2- ބަޖެޓް ގެ ތަފްޞީލު: ހުށަހަޅާފައިވާ ޙަރަކާތަށް ހޯދުމަށް އެދޭ މާލީ އެހީގެ ޢަދަދުގެ ބަޖެޓް، ބަހާލެވިފައިވާގޮތް، ތަފްޞީލުކޮށް ހުށަހެޅުމުގައި ހިމަނަންވާނެއެވެ. މި ތަފްޞީލު ހިމަނާއިރު، އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކާއި އެ ހުށަހެޅުމާއި ގުޅޭ ކެޓަގަރީއަށް ކަނޑައަޅާފައިވާ ޢަދަދުތަކަށް ރިޢާޔަތް ކުރަންވާނެއެވެ.
3- އެއްބަސްވުން: ޖޮއިންޓް އެޕްލިކޭޝަން އެއްނަމަ، މި ހުށަހެޅުމުގައި ބައިވެރިވާ ފަރާތްތަކުން ގުޅިގެން މި ޙަރަކާތަށް ހުށަހެޅުމާއި ޙަރަކާތް ހިންގުމަށް ވެފައިވާ އެއްބަސްވުން.
4- ކުރިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު: ދުންފަތާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ނުވަތަ އުޞޫލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން، އެހީއަށްއެދި ހުށަހަޅާ ފަރާތުން ނުވަތަ ފަރާތްތަކުން، ވޭތުވެދިޔަ ތާނގައި ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު.
5- މަޞްލަޙަތު ފުށޫނާރާ ކަމުގެ ބަޔާން: އެހީއަށް އެދި ހުށަހަޅާ ފަރާތަކީ، ނުވަތަ ފަރާތްތަކަކީ އުޞޫލުގެ 5 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާފަދަ މަޞްލަހަތު ފުށޫ ނާރާ ފަރާތެއްކަމުގައި ބަޔާންކޮށް ޖަމްޢިއްޔާ ނުވަތަ ޖަމާޢަތުގެ ލެޓަރހެޑްގައި ލިޔެ ސޮއިކޮށްފައިވާ ލިއުމެއް.
ހުށަހެޅުންތަކާއިމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ގޮތާއި މުއްދަތުތައް:
1- ކޮންސެޕްޓް ނޯޓް ހުށަހެޅުން: ހުށަހެޅުމަށް އިޢުލާނު ކުރާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަސް.
2- ކޮންސެޕްޓް ނޯޓްތައް އިވެލުއޭޓްކޮށް، ޝޯރޓް ލިސްޓްކޮށް، ޝޯރޓްލިސްޓް ވާ ފަރާތްތަކަށް އެކަން އެންގުން: ކޮންސެޕްޓް ނޯޓް ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން 7 (ހަތެއް) ދުވަސް.
3- ތަފްޞީލު ހުށަހެޅުން ހުށަހެޅުން: ޝޯރޓްލިސްޓް ކުރެވުނުކަން އަންގާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަސް.
4- އެހީލިބޭ ފަރާތްތައް ކަނޑައަޅާ އިޢުލާނު ކުރުން: ތަފްޞީލު ހުށަހެޅުން ހުށަހެޅުމުގެ ސުންގަޑި ހަމަވާ ދުވަހާ ޖެހިގެން އަންނަ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް.
ހުށަހަޅާނެގޮތް:
މާލީއެހީއަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާނީ، އޮންލައިންކޮށް، ތިރީގައި ބަޔާންކުރެވިފައިވާ އީ-މެއިލް މެދުވެރިކޮށް، މި އެޖެންސީއަށެވެ.
އީ-މެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3024595
އީ-މެއިލް އެޑްރެސް: [email protected]
