ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 10 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. 

(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(ނ) އުމުރުން 25 އަހަރު ވެފައިވުން؛
(ރ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛
(ޅ) ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
(ކ) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(އ) ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.

ވީމާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. 

1.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

ނޯޓް: އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑު އަދި ފޯމުތަކަކަށް ވާންވާނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.

30 ޖުލައި 2026
ހޯދާ