ދިވެހިރާއްޖެ
އިޢުލާން
ބަނދަރުގެ އިރުމަތީކޮޅުގައި ހެދިފައިވާ ރޭންޕްއާއި ގުޅޭ:
ބަނދަރުގެ އިރުމަތީ ކޮޅުގައި ހެދިފައިވާ ރޭންޕަކީ އުފުލި ބާޖު ފަދަ އުޅަނދުފަހަރު ކައިރިކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދެކެވެ. މިފަދަ އުޅަނދުފަހަރު ފަސޭހަކަމާއެކު ރޭންޕަށް ކައިރިކޮށް މުދާ އަރުވައި ބޭލުމުގެ މަސައްކަތްތަށް ދަތިކަމެއްނެތި ކުރިއަށް ގެންދެވޭނީ ރޭންޕުގެ ދެފަރާތުން އެކަށީގެންވާ ޖާގައެއް ހުސްކޮށް އޮވެގެންނެވެ. ނަމަވެސް ބައެއް ފަހަރު އެސަރަހައްދުގައި އެހެނިހެން އުޅަނދުފަހަރު އަޅާފައި އޮތުމުގެ ސަބަބުން މިފަދަ ޚިދުމަތްތަކަށް ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، ރޭންޕުގެ ދެފަރާތުން ކޮންމެ ފަޅިއަކުންވެސް 10 ފޫޓުގެ ދޭތެރެއެއް ހުސްކޮށްފައި ބޭއްވުމަށް ބަނދަރު ބޭނުންކުރައްވާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. މިވަގުތު އެސަރަހައްދުގައި އުޅަނދެއް އަޅާފައިވާނަމަ އެ އުޅަނދެއް ބަނދަރު ހުޅަނގު ޖެޓީގެ މުދާ އަރުވައި ބޭލުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ދެކުނު ކޮޅަށް ބަދަލުކުރެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. މިކަމަކީ ބަނދަރު ބޭނުންކުރާ ހުރިހާ ފަރާތްތަކުގެ ފަސޭހައަށާއި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ދަންނަވަމެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ބަނދަރުގައި އޮޑިދޯނިފަހަރު މަރާމާތު ކުރެވޭނީ ބަނދަރު ބެލެހެއްޓުމަށް ހެދިފައިވާ ޤަވާޢިދުގެ ތެރެއިން މިކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމުގައިވެސް ދަންނަވަމެވެ. އެހެންކަމުން ބަނދަރުގައި އޮޑިދޯނިފަހަރު މަރާމާތު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަސައްކަތް ފެއްޓެވުމުގެ ކުރިން މިކައުންސިލަށް ހުށަހަޅުއްވައި ލިޔުމުން ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ. ހުއްދަ ނުހޯއްދަވައި ކުރައްވާ މިފަދަ މަސައްކަތްތަކަކީ ޤަވާޢިދާ ޚިލާފު ކަމެއް ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ބަނދަރަކީ ރަށުގެ އެންމެހައި ރައްޔިތުން ބޭނުންކުރާ ތަނަކަށްވާތީ ބަނދަރުގެ އިންތިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށްޓަކައި މިކަންކަން ތަންފީޒުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެންދިއުމަކީ މިކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
