ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010)ގެ 59 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާއިރު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް މި އިޢުލާނާއެކު އާންމުކުރީމެވެ.
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކުރާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ. ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި އޮތޯރިޓީގެ މައިކްރޯސޮފްޓް ފޯމު ލިންކް https://forms.office.com/r/NK0zG253q3 މެދުވެރިކޮށެވެ.
ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށް، ފޯމުގައި ބަޔާންކުރާ އީ-މެއިލަށެވެ.
ވޯޓު ފޮށިތައް ބަހައްޓާފައި ހުންނާނީ:
- ލޯކަލް ގަވަރމަންޓް އޮތޯރިޓީ (މާލެ ސިޓީގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށި)
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ގޮފިތައް (އަތޮޅުތަކުގެ ތެރޭގައި ބަހައްޓާފައި ހުންނަ ފޮށިތައް)
- ފުވައްމުލަކު ސިޓީ ކައުންސިލުގެ އިދާރާ (ފުވައްމުލަކު ސިޓީގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށި)
- އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ (އައްޑޫ ސިޓީގައި ބަހައްޓާފައި ހުންނަ ވޯޓު ފޮށި)
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ހަވީރު 16:00 އަށެވެ.
