ދިވެހިރާއްޖެ
އިޢުލާނު
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިޢުފާ ދެއްވާފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 9 ވަނަ މާއްދާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރާ މީހެއްގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) އިޤްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޙާޞިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛
(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން؛
(ނ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
(ރ) ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކުން ހޮވާފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން؛
(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ޚިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
(ޅ) މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން؛
(ކ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން؛
ވީމާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު.
2. މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު.
3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން).
4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު.
5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.).
6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް އެނގޭނެ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ.
ނޯޓް: އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑު އަދި ފޯމުތަކަކަށް ވާންވާނެއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.
