ދިވެހިރާއްޖެ
ތިލަދުންމަތި އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ އެދުމުގެ މަތިން، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން ހއ. ބާރަށު ވަށައިގެންވާ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ "ހއ. ބާރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު" ހިމެނޭހެން ޤާނޫނާއި ގަވާއިދާ ޚިލާފަށް މި އޮތޯރިޓީގެ ހުއްދަނެތި ރުއްގަސް ނަގައި މަގު ސާފުކޮށް މަގު ފުޅާކޮށްފައިވާތީ އެ މައްސަލަ މި އޮތޯރިޓީން ވަނީ ބަލާފައެވެ.
މި މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުތަކާއި، އަދި ހަމައެހެންމެ 2023ވަނަ އަހަރު ޑިސެންބަރު މަހުގެ 18ވަނަ ދުވަހު މި އޮތޯރިޓީން ހއ. ބާރަށަށް ޒިޔާރަތްކޮށް ކުރިޔަށް ގެންދިޔަ އިންޕެކްޝަނުން ލިބުނު މައުލޫމާތުގެ އަލީގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީ.އެސް.އާރުގެ ދަށުން ހއ. ބާރަށު ވަށައިގެންވާ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ "ހއ. ބަރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު" އަދި އެ ސަރަހައްދުގެ ވަށައިގެންވާ 20 (ވިހި) މީޓަރު ބަފަރ ސަރަހައްދުގެ އެތެރޭގައި 24,617.78 (ސައުވީސް ހާސް ހަ ސަތޭކަ ސަތާރަ ޕޮއިންޓް ހަތްދިހަ އަށެއް) އަކަ މީޓަރުގެ ސަރަހައްދު ސާފުކޮށްފައިވަނީ ގަވާއިދު ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދެމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާ ޚިލާފަށްކަމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޭރުން 835,837.95 (އަށް ލައްކަ ތިރީސް ފަސް ހާސް އަށް ސަތޭކަ ތިރީސް ހަތް ޕޮއިންޓް ނުވަދިހަ ފަހެއް) އަކަފޫޓަށްވާ ސަރަހައްދެއް ސާފުކޮށްފައިވަނީ ގަވާއިދު ނަންބަރު 2022/R-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ޚިލާފަށްކަން މި އޮތޯރިޓީއަށް ސާބިތުވެއެވެ.
ވީމާ، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީ.އެސް.އާރުގެ ދަށުން ހއ. ބާރަށު ވަށައިގެންވާ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ގަވާއިދު ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދެމަހައްޓާ ތަންތަނާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 500,000.00 (ފަސް ލައްކަ) ރުފިޔާ އާއި ގަވާއިދު ނަންބަރު 2022/R-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާއަށްވާ 50,000.00 (ފަސްސާސް ހާސް) ރުފިޔާ އާއެކު ޖުމުލަ 550,000.00 (ފަސް ލައްކަ ފަސްސާސް ހާސް) ރުފިޔާ އިން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޖޫރިމަނާކޮށް 19 މޭ 2026 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް މި އޮތޯރިޓީއަށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަށް 19 މޭ 2026 ގައި ދަންނަވާފައިވާނެއެވެ.
އަދި ހަމަމިއާއެކު، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހުށަހަޅާފައިވާ ރެސްޓޮރޭޝަން ޕްލޭން، އެ ފަރާތުގެ އަމިއްލަ ހަރަދުގައި ކުރިޔަށް ގެންދިޔުމަށާއި، ރެސްޓޮރޭޝަނާ ގުޅުންހުރި މަސައްކަތްތައް ތިލަދުންމަތި އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިޔަށް ގެންދިޔުމަށާއި، އަދި ރެސްޓޮރޭޝަނާ ގުޅުންހުރި މަސައްކަތްތައް މޮނިޓަރކޮށް ބަލަހައްޓައި، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އެ މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަށް 19 މޭ 2026 ގައި ދަންނަވާފައިވާނެއެވެ.
އަދި ހަމައެހެންމެ، ރެސްޓޮރޭޝަން ޕްލޭންއާ ގުޅުންހުރި މަސައްކަތްތަކުގައި ތިލަދުންމަތި އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގެ ފުރިހަމަ އެއްބާރުލުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ދެއްވުމަށް ދަންނަވައި، ހއ. ބާރަށުގެ ވަށައިގެންވާ މަގު ހެދުމަށް ޓަކައި، ރުއްގަސް ނެގުމުގައި ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އޮތޯރިޓީން ބާރަށު ކައުންސިލް އިދާރާއަށް ދަންނަވާފައި ވީނަމަވެސް، އެ އެންގުމާއި ޚިލާފަށް އެމް.ޓީ.ސީ.ސީ ގެ ސީ.އެސް.އާރުގެ ދަށުން މަސައްކަތްތައް ކުރިޔަށް ދިޔަހިނދު، ބާރަށު ކައުންސިލް އިދާރާއިން އެކަން މި އޮތޯރިޓީއަށް ރިޕޯޓް ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، އެފަދަކަމެއް ތަކުރާރު ނުކުރުމަށް ތިލަދުންމަތި އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް 19 މޭ 2026 ގައި ނަސޭހަތްތެރިވެފައިވާނެއެވެ.
