ދިވެހިރާއްޖެ
ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، 2026 މެއި 09 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރެވޭނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމުގައި ދެންނެވީމެވެ.
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައި.ކާ.އޯ) ގެ މިންގަނޑުތަކާ އެއްގޮތް، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އަދި، "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 1,000/-(އެއްހާސް) ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ގެ ފީއަކީ 600/- (ހަސަތޭކަ) ރުފިޔާއެވެ.
މީގެއިތުރުން، މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދަވާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަވަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މިބަދަލާ ގުޅިގެން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.
20 ޛުލްޤައިދާ 1447ހ.
08 މެއި 2026މ.
