ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 248 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 16 ޝަޢްބާން 1447 ، 04 ފެބުރުއަރީ 2026 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 28 ޖެނުއަރީ 2026 އިން 03 ފެބުރުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން
- 1447 މިއަހަރުގެ ރަމަޟާން މަހަށް ރައްޔިތުންގެ މާ ހެފުމުގެ ބަޖެޓް ފާސްކުރުން.
- ރަށުގެ ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ދިރިނޫޅޭ ކަމުގެ ލިޔުން ދޫކުރުމުގެ މައްސަލަ
- އެހެންޒޯނަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް މިރަށުގައި ދުއްވާނަމަ އެފަދަ އުޅަނދުފަހަރާމެދު ޢަމަލުކުރާނެ ގޮތުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2026/05/4/248/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 28 ޖެނުއަރީ 2026 އިން 03 ފެބުރުއަރީ 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- 1447 މިއަހަރުގެ ރަމަޟާން މަހަށް ރައްޔިތުންގެ މާ ހެފުމުގެ ބަޖެޓް ފާސްކުރުމުގެ މި މައްސަލައާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު 1447 މިއަހަރުގެ ރަމަޟާން މަހަށް ރައްޔިތުންގެ މާ ހެފުމުގެ އެންމެހައި ކަންކަމަށް ޚަރަދުތަކަށް -/25000 ރު ( ފަންސަވީސް ހާސް ރުފިޔާ ) ބަޖެޓުން ޚަރަދު ކުރުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- ރަށުގެ ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ދިރިނޫޅޭ ކަމުގެ ލިޔުން ދޫކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާ ފަރާތްތަކުން، މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާކަން ސާބިތުކޮށްދޭ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ޢާޢްމުން ކައުންސިލަށް ހުށަހަޅަމުންދާތީ، މިކަމާގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/2026/05 (22 ޖަނަވަރީ 2026) ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރަށު ކައުންސިލަކުން މާލޭގައި ނުވަތަ އެހެން ރަށެއްގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ލިޔުމެއް ދޫކުރަންވާނީ، އެ ކައުންސިލަކުން އެކަމާގުޅިގެން ބަލަހައްޓަމުންދާ ރަސްމީ މައުލޫމާތުތަކަށް ބިނާކޮށްގެން ކަމުގައި ވާތީ އާއި ނަމަވެސް މި އިދާރާގައި މިހާތަނަށް ރަށުން ބޭރުގައި ދިރިއުޅޭ އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީކޮށް ބަލަހައްޓާފައި ނުވާކަން ފާހަގަ ކުރެއްވުމާއެކު މިފަދަ ލިޔުމެއް ހޯދުމަށް ކައުންސިލަށް ހުށަހަޅާއިރު، އެ ފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރިއުޅެމުންދާ ނުވަތަ ދިރިއުޅެފައިވާ ފަރާތެއްކަން ކަށަވަރުކޮށްދޭ، ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް ސިޓީއާއެކު ހުށަހެޅުމަށާއި އަދި މިގޮތުން ހުށަހެޅޭނެ ލިޔުންތަކަކީ:
- ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުން.
- ޕެންޝަން ލިޔުން
- މާލޭގައި ދިރިއުޅުނު ގޭގެ ވެރިފަރާތުން ދީފައިވާ، ނޯޓަރައިޒްކޮށްފައިވާ އިގުރާރު (އެފިޑެވިޓް)
- ސްކޫލު ލީވިން ސެޓްފިކޭޓް ފަދަ ތައުލީމީ ސެޓްފިކޭޓް
ފަދަ ޑޮކިއުމެންޓް ހުށަހެޅޭނެ ކަމަށާއި އެހެން ކަމުން، މި ލިޔުން ހޯދުމަށް މިހާރު ހުށަހަޅާފައިވާ ފަރާތްތަކުން ވެސް، އިސްވެ ދެންނެވުނު ލިޔުންތައް މި އިދާރާއަށް ހުށަހެޅުމަށާއި އަދ މިފަދަ ލިޔުންތައް ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު މި ކައުންސިލުން ވަކި ދަފްތަރެއްގައި ރިކޯޑުކޮށް، ލިޔުން ދޫކުރަމުން ގެންދާން ޖެހޭނެކަމަށާއި ނަމަވެސް، ހުށަހަޅާ ލިޔުންތަކުން އެ ފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅެފައިވާ ފަރާތެއްކަން ކައުންސިލަށް ކަށަވަރު ނުކުރެވޭނަމަ، އެފަދަ ފަރާތްތަކަށް ލިޔުން ދޫނުކުރެއްވުމަށްވެސް މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެހެންޒޯނަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް މިރަށުގައި ދުއްވާނަމަ އެފަދަ އުޅަނދު ފަހަރާމެދު ޢަމަލުކުރާނެ ގޮތުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ވަރަށް ދާއިރާއެއްގައި މަޝްވަރާ ކުރައްވާ އެހެންޒޯނަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް މިރަށުގައި ދުއްވާނަމަ އެފަދަ އުޅަނދު ފަހަރު ދުއްވުން މަނާ ކުރުމާއެކު މިރަށުގައި ދުއްވަން ބޭނުންވާ އުޅަނދުތައް 31 މެއި 2026 ގެ ނިޔަލަށް މި ޒޯނަށް ރެޖިސްޓަރީ ބަދަލު ކުރެއްވުމަށާއި އެ މުއްދަތު ހަމަވާފަހުން އެހެންޒޯނަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް މިރަށުގައި ދުއްވާނަމަ އެފަދަ އުޅަނދު ފަހަރުގެ މަސައްލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުއްވުމަށާއި އަދި އެހެންޒޯނަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް މިރަށުގައި ދުއްވާނަމަ އެފަދަ އުޅަނދު ފަހަރާމެދު ދެވިދާނެ ޤާނޫނީ އެއްވެސް ލުޔެއް އޮތްތޯ ބެލުމަށް ޓްރާންސްޕޯރޓް މިނިސްޓްރީގެ މަޝްވަރާ ހޯއްދެވުމަށް ވެސް މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2026/05/4/248/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 248 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ކ |
|
|
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ކ |
|
|
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
|
ވިހެއުމާގުޅިގެން ޗުއްޓީގައި |
|
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
