ދިވެހިރާއްޖެ
އިޢުލާން
ރަށުން ބޭރުގައި ދިރިއުޅުއްވާ ދަރަނބޫދޫގެ ރަށްވެހިންނާއި، ދަރަނބޫދޫގައި ދިރިއުޅުއްވާ އެހެންރަށްރަށުގެ ރަށްވެހިން ދިރިއުޅޭކަމުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވާ ލިޔުން ހޯދުމާއި ގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިން/ފުލެޓަށް ކުރިމަތިލުމަށްޓަކައި އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތެއް ވަންދެން ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކުން މިކައުންސިލަށް ހުށަހަޅަމުންގެންދާތީ ދަންނަވަމެވެ.
މިކަމާގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/2026/05 (22 ޖަނަވަރީ 2026) ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރަށު ކައުންސިލަކުން މާލޭގައި ނުވަތަ އެހެން ރަށެއްގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ލިޔުމެއް ދޫކުރަންވާނީ، އެ ކައުންސިލަކުން ބަލަހައްޓަމުންދާ ރަސްމީ މައުލޫމާތުތަކަށް ބިނާކޮށްގެން ދޫކުރެވޭ ލިޔުމަކަށް ވާންޖެހޭނެ ކަމަށްވަނީ އަންގަވާފައެވެ. ނަމަވެސް، މި އިދާރާގައި މިހާތަނަށް ރަށުން ބޭރުގައި ދިރިއުޅޭ އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީކޮށް ބެލެހެއްޓިފައި ނުވާކަން ފާހަގަކުރަމެވެ.
ވީމާ، މިފަދަ ލިޔުމެއް ކައުންސިލުން ހޯދުމަށް އެދި ހުށަހަޅާނަމަ، އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރުއެޅެމުންދާ ފަރާތެއްކަން އަންގައިދޭ ސަރުކާރުގެ ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ ރަސްމީ ލިޔުން ސިޓީއަކާއެކު ހުށަހެޅުމަށް ދަންނަވަމެވެ. އަދި ހުށަހަޅާ ސިޓީގައި އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމާއި، އެފަރާތެއް ދިރިއުޅޭ ތަނުގެ މަޢުލޫމާތާއި، ރަށުން ބޭރުގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކުރުމަށްފަހު ސިޓީއެއް ހުށަހެޅުއްވުން އެދެމެވެ. މިފަދަ ލިޔުންތަކުގެ ގޮތުގައި ބަލައިގަނެވޭނީ ވަޒީފާ އަދާކުރާކަމުގެ ލިޔުން، ސުކޫލް ލީވިންގ ސެޓްފިކެޓް ފަދަ މިނޫނަސް ކައުންސިލަށް ޤަބޫލުކުރެވޭ ފަދަ ލިޔުންތަކަށް ބިނާކޮށްގެންނެވެ. އަދި މިހާރު މި ލިޔުން ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުންވެސް ދެންނެވުނު ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ.
ރަށުން ބޭރުގައި ދިރިއުޅުއްވާ ދަރަނބޫދޫގެ ރަށްވެހިންނާއި، ދަރަނބޫދޫގައި ދިރިއުޅުއްވާ އެހެންރަށްރަށުގެ ރަށްވެހިންގެ ދަފުތަރެއް މިއިދާރާއިން ބަލަހައްޓަން ބޭނުންވާތީ މަތީގައި ދަންނަވާފައިވާ ލިޔުންތައް ވީހާއަވަހަށް މިއިދާރާއަށް ހުށަހެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑަށް ބޭނުންވާކަމެއް ކަމުގައި ދަންނަވަމެވެ.
މިފަދަ ލިޔުންތައް ހުށަހަޅައި ދަފްތަރުގައި ރިކޯޑުކޮށްފައިވާ ފަރާތްތަކަށް ލިޔުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް، ހުށަހަޅާ ލިޔުންތަކުން އެ ފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ނުވަތަ ރަށުގައި ދިރިއުޅެފައިވާ ފަރާތެއްކަން ކައުންސިލަށް ކަށަވަރު ނުކުރެވޭނަމަ، އެފަދަ ފަރާތްތަކަށް ލިޔުން ދޫނުކުރެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
