ދިވެހިރާއްޖެ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތު، މި މިނިސްޓްރީ އިން މިގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ.
ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ޚާއްޞަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން ފާހަގަކުރަމެވެ. މި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއަރލައިންތަކާއި، ކަމާގުޅޭ ޤައުމީ އަދި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. އަޅުގަނޑުމެންގެ އެންމެ އިސް އަމާޒަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމެވެ.
މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއަރލައިންތަކުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ. މީގެ އިތުރުން، މި ޙާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއަރލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ކިޔާ ޤައުމެކެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. އަދި މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރަމުންދާނެ ކަމުގައި ދަންނަވަމެވެ. މި ދަނޑިވަޅުގައި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.
