ދިވެހިރާއްޖެ
އިޢުލާން
މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅޭކަމުގެ ލިޔުން ދޫކުރުމާ ގުޅޭ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާ ފަރާތްތަކުން، މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާކަން ސާބިތުކޮށްދޭ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލަށް ހުށަހަޅަމުންދާތީ އެކަމާ ގުޅޭގޮތުން ދަންނަވަމެވެ.
މިކަމާގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރު 221-CCS/2026/05 (22 ޖަނަވަރީ 2026) ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރަށު ކައުންސިލަކުން މާލޭގައި ނުވަތަ އެހެން ރަށެއްގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ލިޔުމެއް ދޫކުރަންވާނީ، އެ ކައުންސިލަކުން ބަލަހައްޓަމުންދާ ރަސްމީ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ. ނަމަވެސް، މި އިދާރާގައި މިހާތަނަށް ރަށުން ބޭރުގައި ދިރިއުޅޭ އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީކޮށް ބަލަހައްޓާފައި ނުވާކަން ފާހަގަކުރަމެވެ.
ވީމާ، މިފަދަ ލިޔުމެއް ހޯދުމަށް ކައުންސިލަށް ހުށަހަޅާއިރު، އެ ފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރިއުޅެމުންދާ ނުވަތަ ދިރިއުޅެފައިވާ ފަރާތެއްކަން ކަށަވަރުކޮށްދޭ، ރަސްމީ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް ސިޓީއާއެކު ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ހުށަހެޅޭނެ ލިޔުންތަކަކީ:
- ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުން.
- ޕެންޝަން ލިޔުން
- މާލޭގައި ދިރިއުޅުނު ގޭގެ ވެރިފަރާތުން ދީފައިވާ، ނޯޓަރައިޒްކޮށްފައިވާ އިގުރާރު (އެފިޑެވިޓް).
- ސްކޫލު ލީވިން ސެޓްފިކޭޓް ފަދަ ތައުލީމީ ސެޓްފިކޭޓް
އަދި ދަންނަވަމެވެ. މި ލިޔުން ހޯދުމަށް މިހާރު ހުށަހަޅާފައިވާ ފަރާތްތަކުން ވެސް، އިސްވެ ދެންނެވުނު ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.
މިފަދަ ލިޔުންތައް ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު މި ކައުންސިލުން ވަކި ދަފްތަރެއްގައި ރިކޯޑުކޮށް، ލިޔުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް، ހުށަހަޅާ ލިޔުންތަކުން އެ ފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅެފައިވާ ފަރާތެއްކަން ކައުންސިލަށް ކަށަވަރު ނުކުރެވޭނަމަ، އެފަދަ ފަރާތްތަކަށް ލިޔުން ދޫނުކުރެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
