ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ރާއްޖޭގައި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކޮށް، އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުމަށްޓަކައި، "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީއަށް، ތިރީގައި ދަންނަވާފައިވާ ދާއިރާތައް ތަމްސީލުކުރާ މެންބަރުން ޢައްޔަންކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

#

ތަމްސީލުކުރާ ދާއިރާ

މެންބަރުންގެ ޢަދަދު

1.

މަސްވެރިން

2

2.

އޮޑިވެރިން

2

3.

ކެޔޮޅުން

2

4.

މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ/ފަންނީ ތަޖުރިބާކާރުން

2

5.

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން (އިންޑަސްޓްރިއަލް އޮޕަރޭޓަރުން، ޕްރޮސެސިންގ ފެސިލިޓީތައް، އެކްސްޕޯޓަރުން، އެކުއަކަލްޗަރ / މެރިކަލްޗަރ ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތައް)

3

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

ތިރީގައިވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފައާއި މަޝްވަރާ ދިނުން:

  1. މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
  2. ދުނިޔޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ޑައިވާސިފައިކުރުމަށް އަލަށް ތަޢާރުފުކުރެވެން ހުރި ކަންކަމާއި، އެ ދާއިރާގެ އިނޮވޭޝަން ކުރިއެރުވުމަށް ޓެކްނޯލޮޖީ ބޭނުންކުރުމާބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
  3. މަސްވެރިކަމާއި މެރިކަލްޗަރގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، އެ އުފެއްދުންތަކުގެ ފެންވަރު ކަށަވަރުކުރާނެ (ކޮލިޓީ އެޝުއަރަންސް) ނިޒާމުތައް ގާއިމުކުރުމާ/ހަރުދަނާކުރުމާ ގުޅޭގޮތުން ލަފައާއި މަޝްވަރާ ދިނުން. (މިސާލު: ކޮލިޓީ ސެޓިފައިކުރާނެ ކޮމްޕީޓަންޓް އޮތޯރިޓީ)
  4. މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތުގެ ތަރައްޤީއަށް މުހިންމު އިންފްރާސްޓްރަކްޗަރ ވަސީލަތްތައް (މިސާލު: ފިއުލް ސަޕްލައި، އައިސް ޕްލާންޓްސް، ޕްރޮސެސިންގ ފެސިލިޓީސް، ހާބަރ/ޖެޓީ) ގާއިމުކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
  5. ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމާގުޅޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
  6. މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމާއި، އެ ދާއިރާގައި މުޖުތަމައުގެ ދައުރު ފުޅާކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.

ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކުރާނީ ތިރީގައިވާ އަސާސީ ސިފަތައް ފުރިހަމާވާ ފަރާތްތައް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 - ދިވެހި ރައްޔިތަކު ކަމުގައިވުން؛
 - އުމުރުން 18 އަހަރު ވެފައިވުން؛
 - ތަމްސީލުކުރާ ދާއިރާއާގުޅޭ ފަންނީ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވުން؛
 - ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

ވީމާ، ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ (މުއްދަތު ހަމަނުވާ)

4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ) ފޮޓޯކޮޕީ

6. ވަޒީފާ އަދާކުރަމުންދާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާތައް އެނގޭނެ ގޮތަށް، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ

7 ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ނުވަތަ އެނޫންވެސް އެހެން ހުއްދައެއް ލިބިފައިވާނަމަ އެ ހުއްދައިގެ ފޮޓޯކޮޕީ

ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމާގުޅޭ އިސްވެދެންނެވުނު ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.

01 ފެބުރުވަރީ 2026
ހޯދާ