މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 2022/G-19 (ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑަރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބޭ ޕްލޮޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނެގުމާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/175 (18 ޑިސެންބަރު 2025) އިޢުލާނާއި ހަވާލާދީ ދަންނަވަމަވެ.

2024 ވަނަ އަހަރު އޮކްޓޫބަރުމަހު ޝާޢިއުކޮށްފައިވާ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާ ގޮތުން، މިހާރު ބޭނުން ކުރަމުންދާ ބަނދަރުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަޤުބަލުގައި އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެތީއާއި އަދި ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އެހެންކަމުން ދެންނެވުނު ކަންބޮޑުވުންތަކާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް އެކުލަވާލާފައިވެއެވެ.  

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެތީ، މި ބަދަލާއި ގުޅިގެން ގޯތި ލިބިފައިވާ އެންމެހައި ފަރާތްކަށް ލިބިފައިވާ ގޯތި އަލުން ކަނޑައެޅުމަށްޓަކައި، ގުރުއަތުނެގުން 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ފެށިގެން ކަލާފާނު ސްކޫލް ހޯލުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  •  3650އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުންނެވެ. މީގެ އިތުރުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 01 (އެކެއް) ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނެއެވެ. އަދި ގޯތި ލިބޭ ފަރާތްތަކެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންވާނަމަ، އެކަން އަންގައިދޭ ލިޔުމާއި އަދި ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީގެ އިތުރުން ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު ހާޟިރުވުމުން، ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް އެފަރާތަކަށް ވަދެވޭނއެވެ.

ގުރުއަތުނެގުން ކުރިއަށްދާއިރު ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހިގެންދާ ޕްލޮޓް ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނާނެއެވެ. އަދި އެފަރާތަކަށް ލިބޭ ފްލޮޓް ނަންބަރު އެސް.އެމް.އެސްގެ ޒަރިއްޔާއިން އެންގޭނެއެވެ. މި ގުރުއަތުލުން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ވަގުތުން ދުރަށް ދައްކާނެއެވެ.

ގުރުއަތުނަގާ ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުގެ ތާރީޚެއްގައި ޙިއްސާކުރެވޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

19 ޑިސެންބަރު 2025
ހޯދާ