މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ، 2026 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2026 އޭޕްރީލް 02 ވަނަ ދުވަހާ ހަމައަށް ހުޅުވާލާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ބިދޭސީންނަށެވެ.

  • ވަރކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުން؛
  • އެއްވެސް ސަބަބަކާހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
  • ދިވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުން؛
  • ބިދޭސީ ފަރާތް ލީގަލައިޒްކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވަރކް ޕަރމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށްނުވުން؛
  • ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުން؛
  • އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން؛
  • 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ، ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވުން.

މިގޮތުން ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުންނެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. 

‏27 ޖުމާދަލް އާޚިރާ 1447

18 ޑިސެންބަރު 2025
ހޯދާ