ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ މައްޗަށް ވަޒީފާއިބެހޭ ޓްރައިބިއުނަލުން ގާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން އއ. ފެރިދޫ ކައުންސިލުގެ އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާކަމަށް ކަނޑައެޅުމާއި ގުޅިގެން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީ ހެދުމަށް ނިންމާފައިވާތީވެ، އިންކުއަރީ ހެދުމުގެ ހުއްދަ 2025 ނޮވެމްބަރ 10 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަޒީރު ދެއްވާފައިވާތީ ކުރިއަށް ގެންދެވުނު އިންކުއަރީ ރިޕޯޓެވެ.
މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުއަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތު ދީފައިވާނެއެވެ.
އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ މައްޗަށް ހިންގުނު އިންކުއަރީން ބަލާފައިވާ މައްސަލަ
ވަޒީފާއާއިބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 141/VTR/2025 މައްސަލަ 16 ޖޫން 2025 ގައި އެ ޓަރައިބިއުނަލް އަށް ހުށައެޅި 22 ޖޫން 2025 ގައި ރަޖިސްޓްރީކޮށް އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝަހުގެ މައްޗަށް ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ މައްސަލައެއް ހުށައެޅި ބަލާފައިވެއެވެ.
ބަޔާންކުރެވުނު މައްސަލާގެ ހުކުމް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން ކޮށްފައިވަނީ 21 ސެޕްޓެމްބަރ 2025 ގައެވެ. ދެންނެވުނު ހުކުމުގައި "ދެންފަހެ، އެސިސްޓެންޓް ކައުންސިލު އޮފިސަރގެ ފަރާތުންނާއި، އިސްމާޢީލް ޝާހުގެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ހެކިވެރިޔާގެ ހެކިބަހަށް ރިއާޔަތްކޮށް ބެލިއިރު، އެސިސްޓެންޓް ކައުންސިލު އޮފިސަރއަށް އިސްމާޢީލް ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން މި މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ސާބިތުވާތީ، އިސްމާޢީލް ޝާހު އެސިސްޓެންޓް ކައުންސިލު އޮފިސަރއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ކަނޑައަޅައި، ގާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެސިސްޓެންޓް ކައުންސިލު އޮފިސަރއާމެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް އިސްމާޢީލް ޝާހުގެ މައްޗަށް އަންގައި އަމުރުކޮށް.
އެހެންނަމަވެސް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ ދަށުން އެސިސްޓެންޓް ކައުންސިލު އޮފިސަރގެ ހައްގު އަނބުރާ ހޯދައިދިނުމުގެ އަމުރެއް މި މައްސަލައިގެ ތެރެއިން ނެރެދެވެން ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި މަޖިލީހުގެ އަޣުލަބިއްޔަތުން މި މައްސަލަ ނިންމައިފީމެވެ.
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރާއިރު އަރިއަތޮޅު ފެރިދޫ އިސްލާޢީލް ޝާހު ގެ މައްޗަށް ވަޒީފާއިބެހޭ ޓްރައިބިއުނަލް އިން ބަލާފައިވާ އެ ޓަރައިބިއުނަލް ނަންބަރު 141/VTR/2025 ގެ މައްސަލަ އިން ޤާނޫނު ނަންބަރު 16/2014 (ޖިންސީފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އއ. ފެރިދޫ ކައުންސިލުގެ އެސެސިސްޓެންޓް ކައުންސިލު އޮފިސަރ އެއްގެ މަޤާމުގައި ހުރި މުވައްޒަފަކަށް ޖިންސީފުރައްސާރައިގެ ޢަމަލުކޮށްފައިވާ ކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާކަމަށް މައްސަލަނިންމާފައިވާތީ،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ވ) ގައި "ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛" އެއީ ކައުންސިލުގެ ރައީސްގެ މަސްޢޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާއިރު ކައުންސިލުގައި ކައުންސިލުގެ ރައީސް އެފަދަ ޢަމަލުތަކެއް ހިންގެވުމަކީ ޤާނޫނުން ކައުންސިލުގެ ރައީސްއަށް މަތިކޮށްފައިވާ ޒިންމާއާއި އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހު ޚިލާފުވެފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާތީ އާއި،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 131-1 ވަނަ މާއްދާގެ (ށ) ގައި "ކައުންސިލްގެ ތަޞައްވުރު ކާމިޔާބުކަމާއެކު ޙާޞިލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން" ކަމާއި، އަދި މި މާއްދާގެ (ރ) ގައި "ކައުންސިލްގެ ހައިސިއްޔަތާއި ޤަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތައް ހިފަހައްޓާ ބަޔަކަށްވުން" ކަމަށް ބަޔާންކޮށްފައިވާއިރު އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ ކިބައިން ފެނިފައިވާ ޢަމަލުތަށް ކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހު ޤާނޫނުގެ މި މާއްދާއާއި ޚީލާފުވެފައިވާކަމާއި،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 131-2 ވަނަ މާއްދާގެ (ހ) ގައި "ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ޚިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި އެއިން ކަމަކަށް ބުރޫއަރާފަދަ ޢަމަލުތަކާއި، ކައުންސިލްގެ މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތަކާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ ޢަމަލެއް ކުރުން" ކަމަށް ބަޔާންކޮށްފައިވާއިރު އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ ޢަމަލުގެ ސަބަބުން ޤާނޫނުގެ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހު ޢަމަލުކޮށްފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާތީއާއި،
ޤާނޫނު ނަންބަރު 16/2014 (ޖިންސީފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއި ޚިލާފުވެފައިވާކަން ވަޒީފާއިބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވާތީއާއި،
އިންކުއަރީއަށް ޖަވާބުދާރީ ވުމަށް އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުއަށް ދިން ފުރުސަތުގައި ދެއްވާފައިވާ ޖަވާބުގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ހެއްކާއި ބެހޭ ޤާނޫނާއި އަދި ވަޒީފާއި ބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ފާހަގަކޮށްފައިވީނަމަވެސް ވަޒީފާއިބެހޭ ޓަރައިބިއުނަލް އިން ނިންމާ ނިންމުމަކާއި ހިންހަމަ ނުޖެހޭނަމަ އެކަން އެ މައްސަލައެއް ނިންމާތާ 30 (ތިރީސް) ދުވަސްތެރޭ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ ފަރާތުން އެފަދައިން ޢަމަލުކޮށްފައިނުވާކަން އިންކުއަރީއަށް ފާހަގަކުރެވިފައިވެއެވެ.
ވީމާ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި 131-1 ވަނަ މާއްދާއާއި 131-2 ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 16/2014 (ޖިންސީފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާއާއި ޚިލާފުވެފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް އިންކުއަރީއަށް ފާހަގަކުރެވިފައިވާތީއާއި އަދި އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހުގެ މި ޢަމަލުގެ ސަބަބުން އއ. ފެރިދޫ ކައުންސިލުގެ އެންމެހާ މުވައްޒަފުންނާއި އަދި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދެވޭ ޢަމަލެއްކަމަށް އިންކުއަރީއަށް ފާހަގަކުރެވޭތީއާއި މައްސަލާގެ ބޮޑުމިނަށް ބަލާ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ގެ ދަށުން އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢިލް ޝާހު، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް 2025 ނޮވެމްބަރ 27 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2025 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރީމެވެ.
