ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެސްޓަރުންގެ ސަމާލުކަމަށް: ރަޖިސްޓަރީނުކޮށް ދެވޭ ސެކިއުރިޓީޒް/އިންވެސްޓްމަންޓް ޚިދުމަތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރުން

ދިވެހިރާއްޖޭގައި ޤާނޫނީ ހުއްދަނެތް ބައެއް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރިޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް މެދުވެރިކޮށް މާލީ މަންފާއެއް ހޯދައިދިނުމަށްޓަކައި، އިންވެސްޓްކުރުމުގެ ފުރުޞަތުތައް ޢާއްމުންނަށް ހުށަހަޅަމުންދާކަން މިއޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވެއެވެ. ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު (ނަންބަރު: 2/2006) ގެ ދަށުން، އިންވެސްޓްމަންޓް ފަންޑު ހިންގުމާއި، އިންވެސްޓުކުރުމަށް ލަފާދިނުމާއި، ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތްތައް ދިނުމަކީ މިއޮތޯރިޓީން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަންކަމެވެ.

އެހެންކަމުން، މި އޮތޯރިޓީގެ ލައިސަންސް ނެތި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ޢާންމުކޮށް ފުރުޞަތު ހުޅުވާލައިގެން، ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫން ގޮތަކަށްވެސް އިސްތިހާރުކޮށްގެން، ފަންޑު ހޯދުމާއި ފަންޑު މެނޭޖްކޮށްދިނުމުގެ ޚިދުމަތްތަކާއި، އިންވެސްޓުކުރުމަށް ލަފާދިނުމާއި ނުވަތަ ލަފާދޭފަރާތެއް ގޮތަށް ދޭހަވާ ގޮތަށް ޚިދުމަތްތައް ދިނުމަކީ މި ޤާނޫނުގެ ދަށުން މަނާކަމެއްކަމުގައި އަންގައި އިޢުލާނުކުރަމެވެ.

ވީމާ، މިކަމާމެދު އިންވެސްޓަރުން ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ. ސޯޝަލް މީޑިއާގެ އެކިއެކި ވަޞީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާމެދު ގޮތެއް ނިންމުމުގެ ކުރިން، ހުށަހަޅާ ފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންޓް ފަންޑާއި ސްކީމްތައް ހިންގުމުގެ ގާނޫނީ ހުއްދައޮތް ފަރާތެއްތޯއާއި، ނުވަތަ އެފަދަ އިންވެސްޓްމަންޓް ފަންޑު/ ސްކީމް ތަކަކީ މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަންޑް/ސްކީމެއްތޯ ކަށަވަރުނުކޮށް، އެއްވެސް ފަރާތަކުން އިންވެސްޓުނުކުރުމަށް ހަނދުމަކޮށްދީ އިލްތިމާސްކުރަމެވެ.

 

މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މަޢުލޫމާތާއި، އިންވެސްޓުކުރުމަށް ލަފާދޭ ފަރާތްތަކުގެ މަޢުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓުގައި މިވާ ލިންކްhttps://cmda.gov.mv/en/registries  އިން ފެންނަން ހުންނާނެއެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ ފަދައިން އޮތޯރިޓީގެ ލައިސަންސް ނުނަގައި މިފަދަ ކަމެއް ހިންގާކަން އެނގޭނަމަ ވީހާވެސް އަވަހަކަށް މި އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްދިނުމަށް އީމެއިލް ([email protected]) މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމަށް އެދެމެވެ.

20 ނޮވެންބަރު 2025
ހޯދާ