ދިވެހިރާއްޖެ
އެނގިވަޑައިގަންނަވާނޭ ފަދައިން ށ. ފަރުކޮޅަކީ ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރު (IUL)438-ENV/438/02018/262 އިޢުލާނުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިގޮތުން މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރަމުންދަނީ ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވާއިދު) ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ށ. ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ތުނޑިންނާއި ފަޅުތެރެއިން އެކި ފަރާތްތަކުން ގިނަ އަދަދަކަށް ވެލި ނަގާކަމުގެ ޝަކުވާ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ލިބެމުންދާކަމަށް އެ އޮތޯރިޓީގެ ނަންބަރު 203-ERC/278/2025/1 ސިޓީން މި އިދާރާއަށް ވަނީ އަންގާފައެވެ. މިގޮތުން ރަށުގެ ގޮނޑުދޮށުންނާއި ތުނޑިން އުދެލި އަދި ފަކީރާއިން ވެލި ނެގުމުގެ އިތުރުން، ފަޅުތެރޭގައި ޕަމްޕު ބޭނުންކޮށްގެން ދޯނިފަހަރުން ވެލިނަގަމުން އަންނަކަމަށް އެ އޮތޯރިޓީއަށް މަޢުލޫމާތު ލިބިފައިވާކަމަށް ހަވާލާދެވުނު ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
ށ. ފަރުކޮޅު ސަރަހައްދުން ވެލިނެގުމަކީ (ވިޔަފާރި އުސޫލުންނާއި އަމިއްލަ ބޭނުންތަކަށް) އެ ސަރަހައްދު ހިމާޔަތްކުރުމަށް ކޮށްފައިވާ އިޢުލާނުގައި ކުރުން މަނާކަމުގައި ބަޔާންކޮށްފައިވާ ކަމެކެވެ. އަދި މި ސަރަހައްދު ހިމާޔަތްކުރުމުގެ މަޤްޞަދު ޙާސިލްކުރުމަށް އެޅިގެންދާ ހުރަހެކެވެ. އަދި މި ކަމަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒު ކުރާ ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ރައްކާތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވާއިދު) ގަވާއިދާ ޚިލާފުކަމެކެވެ. މި ގޮތުން މިކަން ހުއްޓުވުމަށާއި އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއާ ގުޅިގެން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ރޭންޖަރުން އައްޔަންކޮށްފައިވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އެހެންކަމުން ށ. ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަހައްދުން ވެލިނެގުމަކީ ގަވާއިދާ ޚިލާފު ކަމެއްކަން ހަނދާންކޮށްދެމެވެ. އަދި މި ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތްކުރާ ރޭންޖަރުންނަށް އެއްބާރުލުންދިނުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.
