ދިވެހިރާއްޖެ
ޖޮބް މެޓްރިކްސްތަކަށް މުވައްޒަފުން ހިޖުރަކުރުން:
ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ދަށުން އެކުލަވާލާފައިވާ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން 1 ނޮވެންބަރު 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސް މުވައްޒަފުން، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު" ގައިވާ ގޮތުގެމަތިން ޖޮބް މެޓްރިކްސްތަކަށް ބަދަލުކޮށް އެކަން އިދާރާތަކަށް އެންގުމުގެ މަސައްކަތް ކޮމިޝަނުން މިދަނީ ކުރަމުންނެވެ. އެގޮތުން ޖޮބް މެޓްރިކްސްތަކަށް މުވައްޒަފުން ހިޖުރަކޮށްފައިވާގޮތާއި، އަލަށް ހަމަޖައްސާފައިވާ މަގާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސާއި ހާޒިރީ ޢިނާޔަތް ކަނޑައަޅާފައިވާގޮތް އަންގައިދޭ ތާވަލުތައް މި ނޮވެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކަށް ފޮނުވޭނެއެވެ. އަދި ޖޮބް މެޓްރިކްސްތަކުގައި މަގާމުގެ ނަންތައް ކަނޑައަޅާފައިވަނީ އެއްހަމަ މިންގަނޑަކުން ކަމުގައިވީ ހިނދު، މުވައްޒަފުގެ މަގާމުގެ ނަމަށް އަންނަ ބަދަލުގެ ސަބަބުން ހިޖުރަކުރުމުގެ ބޭނުމަށް ޓަކައި ކުރިން ބޭނުންކުރަމުން ދިޔަ މަގާމުގެ ނަން ބޭނުންކުރުމަށް ފުރުސަތުދީފައިވާ މުވައްޒަފުންނާއި، އެފަދަ މުވައްޒަފުން މަގާމުގެ ނަމުގެ ގޮތުގައި ބޭނުންކުރާނެ ނަން ވެސް ކުރިން އިދާރާތަކާ ހިއްސާކޮށްފައިވާނެއެވެ. މީގެ އިތުރުން، ޖޮބް މެޓްރިކްސްތަކުގައި ރޭންކު ކަނޑައަޅާފައިނުވާ ސްޕެޝަލް މައިގްރޭޝަން އުސޫލުން ހިޖުރަކުރާގޮތަށް ކަނޑައަޅާފައިވާ މުވައްޒަފުންނާއި އެފަދަ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ވެސް އިދާރާތަކަށް މި ކޮމިޝަނުންފޮނުވާނެއެވެ.
އެހެންކަމުން، މުވައްޒަފުން ހިޖުރަކުރެވޭގޮތް ސީއެސްވިއުގައިން އަދާހަމަކުރެވެންދެން، މި މަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ކޮމިޝަނުން ފޮނުއްވާ ޝީޓުގައިވާ ގޮތުގެމަތިން ދެއްވަމުން ގެންދެވުމަށް ދަންނަވަމެވެ. ކޮމިޝަނުން ފޮނުއްވާ ޝީޓުތަކުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކަން ވީހާވެސް އަވަހަކަށް ކޮމިޝަނުގެ ސަމާލުކަމަށްގެނެސް ދެއްވުމުން، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަމެއް މުރާޖައާކޮށް އިސްލާހުކޮށްދެވޭނެކަމުގައި ވެސް ދަންނަވަމެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތަކުގައި ހިމެނޭ ފަހި އަދި މުހިއްމު ކަންކަން ތަންފީޒުކުރުމާއި އެފަދަ ކަންކަމުގެ ބޭނުންކޮށްގެން އިދާރާތަކަށް ލިބިގެންދާނެ ފަސޭހަތަކާއި ފައިދާތައް:
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް އެކުލަވާލެވިފައިވަނީ މުވައްޒަފުންނަށާއި އިދާރާތަކަށް މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކަށް ޙައްލުހޯދުމުގެ މަގުޞަދުގައެވެ. މިހާރު ޢާންމުކޮށްފައިވާ މިންގަނޑުތަކަށް އިޞްލާހެއް ގެންނަންޖެހޭ ނަމަ، އެ ބަދަލުތައް ވެސް ނޭޝަނަލް ޕޭ ކޮމިޝަނުން ދަނީ ގެންނަވަމުންނެވެ. މި ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 8 ވަނަ އިޞްލާޙު ވަނީ 29 އޮކްޓޫބަރު 2025 ގައި ގެޒެޓްކޮށް އާންމުކުރެވިފައެވެ. މި މިންގަނޑުތަކުގެ ދަށުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށާއި އިދާރާތަކަށް ލިބިގެންދާނެ ބައެއް ފަސޭހަތަކާއި ފައިދާތައް ތިރީގައި އެވަނީއެވެ.
- ފަންނަށާއި ހުނަރަށް އަދި މަސައްކަތަށް ރިޢާޔަތްކޮށް އެއްހަމަ މިންގަނޑަކުން މަސައްކަތަށް އެކަށޭނަ މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދިއުމާއެކު، އިދާރާތަކަށް މި ވަގުތު މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކަށް ހައްލުލިބިގެންދިއުން.
- ކޮންމެ 2 އަހަރަކުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރަށް ބަލައި، މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅަކަށް ބަދަލުވެ، ލިބޭ އުޖޫރަ އިތުރުވުމުގެ ފުރުޞަތު އޮތުން.
- ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ޑިގްރީ ޙާޞިލްކުރާ މުވައްޒަފުންނަށް، ޑިގްރީ ފެންވަރުގެ މަގާމަކަށް ބަދަލުވުމުގެ ފުރުޞަތު ފަހިވުން. އަދި އެ ހާލަތުގައި ޢަމަލުކުރާނެގޮތުގެ އުސޫލު މި ކޮމިޝަނުގެ ނަންބަރު 188-ODS/CIR/2025/21 (13 މާރިޗު 2025) ސަރކިއުލަރ ނޯޓުން އާންމުކޮށްފައިވާނެ ކަމަށާއި، 1 ނޮވެންބަރު 2025 އިން ފެށިގެން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ މުވައްޒަފުންގެ ތެރެއިން ވެސް ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކް 7 ން ދަށުގެ ރޭންކުތަކުގައިވާ މުވައްޒަފުން ފުރަތަމަ ޑިގްރީ ހާސިލްކުރުމުން ޕަބްލިކް ސަރވިސް ރޭންކް 7 އަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެކަން.
- ހުރިހާ މުވައްޒަފުން ތަފާތު ޖޮބް މެޓްރިކްސްތަކަށް ހިޖުރަކުރުމަށް ފަހު، އިދާރާތަކުގެ އޮގަނައިޒޭޝަން ސްޓްރަކްޗަރ މުރާޖައާކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައިވާތީ، ހިޖުރަކުރުމުގެ މަސައްކަތް ނިންމުމަށް ފަހު، ކޮމިޝަނާ ގުޅިގެން އެފަދަ ބަދަލުތައް ގެނައުމަށް އިދާރާތަކުން މަސައްކަތް ފެށުން. އެފަދަ ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް އިތުރަށް ކުރިއަށްދެވޭނެ މަގުފަހިވެގެންދިއުމުގެ ފުރުސަތު އޮންނާނެކަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މައިގްރޭޝަން އެލަވަންސް ދޭނެގޮތުގެ މިންގަނޑު" ގައިވާ ފަދައިން މައިގްރޭޝަން އެލަވަންސްދޭންޖެހޭ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް މި ހިނގާ ނޮވެންބަރު މަހުގެ މުސާރައާއެކު ދިނުމަށް ޓަކައި، މުވައްޒަފުން ހިޖުރަކުރެވޭ ގޮތުގެ ޝީޓުތައް (މުސާރައާއި ޖޮބް އެލަވަންސް އަދި ޙާޟިރީ އިނާޔަތާއެކު) ކޮމިޝަނުން ފޮނުވުމުން، މި ސަރކިއުލަރއާއެކު އެވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށް ފަހު، އެ މިންގަނޑުގައި ހިމެނޭ މަޢުލޫމާތާއެކު، މި ނޮވެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް ޕޭ ކޮމިޝަނުގެ [email protected] އީމެއިލްއަށް ފޮނުވުން. އަދި، މި ގޮތުން ފޮނުވާ އިރު، [email protected] އީމެއިލްއަށް ކޮޕީކުރެއްވުން. އަދި، ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައި، އެ އިދާރާއަކަށް އަންގާ ގޮތެއްގެމަތިން އެ މުވައްޒަފުންނަށް "މައިގްރޭޝަން އެލަވަންސް ދޭނެގޮތުގެ މިންގަނޑު" ގައިވާ ގޮތުގެމަތިން އެ އެލަވަންސްދިނުން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަގާމުގެ ކުރިއެރުން ދިނުމުގެ މިންގަނޑު" ގައިވާ ފަދައިން ހަމައެކަނި އިދާރާގެ ތެރޭގައި ޢިއުލާނުކޮށްގެން ވެސް މަގާމުގެ ކުރިއެރުންދިނުމުގެ ފުރުސަތު ފަހިކޮށްދީފައިވާތީ، އެކަމުގައި ޢަމަލުކުރާނެގޮތުގެ ތަފްސީލު އުސޫލެއް އެކުލަވާލުމަށް ފަހު، މި ކޮމިޝަނުން އާންމުކުރާނެކަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ދާއިރާތަކަށް ޚާއްޞަ ޢިނާޔަތްތައް ކަނޑައެޅުމާބެހޭ އާންމު މިންގަނޑު" ގައި ވަކި ދާއިރާތަކަށް ޚާއްޞަވާގޮތަށް ޢިނާޔަތް ދެވޭނެ ހާލަތްތައް ބަޔާންކޮށްފައިވާނެކަމަށާއި، އެ މިންގަނޑުގެ ދަށުން މިހާތަނަށް ކަނޑައަޅާފައިވާ ޢިނާޔަތްތަކުގެ އިތުރުން، އެފަދަ ހާލަތްތަކަށް ޢިނާޔަތް ކަނޑައަޅަންޖެހޭނެ ކަމަށް އިދާރާތަކުން ފާހަގަކުރާ ހާލަތުގައި އެ މިންގަނޑުގައިވާ ގޮތުގެމަތިން ޢަމަލުކުރުމުގެ ފުރުސަތު އޮންނާނެކަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގެ މިންގަނޑު" ގައި ތަފާތު ގޮތްގޮތަށް ތަފާތު މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ކަނޑައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާތީ، އެކަމުގެ ތަފްސީލު އުސޫލުތައް އެކުލަވާލުމަށް ޓަކައި، އެފަދައިން މަސައްކަތްތައް އިންތިޒާމުކުރުމަށް ބޭނުންވާ ފަންނުތަކާއި މަސައްކަތްތަކުގެ މަޢުލޫމާތު އިދާރާތަކުން މި ކޮމިޝަނަށް ހުށަހެޅުން.
- ދައުލަތުގެ އިދާރާތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް މަގާމުގެ ކުރިއެރުންދިނުމަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ޖޮބް މެޓްރިކްސްތައް ބޭނުންކުރާނެގޮތުގެ އާންމު މިންގަނޑު" ގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، މަސައްކަތުގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ތަމްރީނުތަކަށް ބިނާކޮށްގެން ކުރިއަށްދެވޭނެ މަގުފަހިކުރުމަށް ޓަކައި، މި ކޮމިޝަނުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްގެންދާނެކަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑު" ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިދާރާގެ ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި 8 ގަޑިއިރަށް ވުރެ އިތުރުވާ ހާލަތުގައި ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިތުރު ޢިނާޔަތެއްދިނުމުގެ އިޚުތިޔާރު އޮތުމާއެކު، އެފަދަ ހާލަތްތައް މެދުވެރިވާ އިދާރާތަކުން އެކަމުގެ ތަފްސީލާއެކު ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން.
- 1 ނޮވެންބަރު 2025 ން ފެށިގެން ހުރިހާ އިދާރާތަކުން ވެސް ދާއިމީ ސިވިލް ސަރވިސްގެ މަގާމުތައް އުފައްދައިގެން މުވައްޒަފުން ޢައްޔަންކުރުމަށް އިސްކަންދިނުމަށާއި، ނަމަވެސް ކޮންޓްރެކްޓް އުސޫލުން ކޮންމެހެން ޢައްޔަންކުރަންޖެހޭ ހާލަތްތަކުގައި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ނަންބަރު 13-B/CIR/2025/7 (30 އޮކްޓޫބަރު 2025) މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ ގޮތުގެމަތިން ޢަމަލުކުރުން.
1 ނޮވެންބަރު 2025 ން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ ދާއިމީ ދިވެހި މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވާތީ، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގައި ހިމެނޭ ފަހި އަދި މުހިއްމު ކަންކަން ތަންފީޒުކުރުމާއެކު އެފަދަ ކަންކަމުގެ ބޭނުންކޮށްގެން އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރިހާ އިދާރާތަކުން ވެސް މަސައްކަތްކުރުމަށް އެދި ދަންނަވަމެވެ.
މުސާރައާއި ޢިނާޔަތްތައް ހިސާބުކުރުމާއި ވަޒީފާއާގުޅޭ ކަންކަމުގައި އިދާރާތަކުން ސަމާލުކަންދޭންޖެހޭ މުހިއްމު ބައެއް ކަންތައްތައް:
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ހުރިހާ އިދާރާތަކުން ވެސް ފުރިހަމައަށް އަހުލުވެރިވުން. ޚާއްސަގޮތެއްގައި "މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑު"، "އިތުރުގަޑީގެ ފައިސާދޭނެގޮތުގެ މިންގަނޑު"، "ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ޢިނާޔަތް ދޭނެގޮތުގެ މިންގަނޑު" ހިމެނެއެވެ.
- މުވައްޒަފު މަސައްކަތް ފެށި ވަގުތާއި، މަސައްކަތް ނިންމި ވަގުތާއި، މަސައްކަތުގެ ވަގުތުގައި މަސައްކަތުގެ މާޙައުލުން ބޭރުގައި ހޭދަކުރާ ވަގުތު ރިކޯޑުކުރޭވޭނެގޮތަށް އިދާރާތަކުން އިންތިޒާމުތައް ހަމަޖައްސައި، ހާޒިރީ ރެކޯޑްކުރާ ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުތަކުގައި އިދާރާގެ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް އެ ފަރާތުން ފުރިހަމައަށް ޢަމަލުކުރުން.
- ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވާ މުވައްޒަފުންނަށް، ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފައިވާ "ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭ އެލަވަންސްތައް" ފޮތުގައި ބަޔާންކޮށްފައިވާ އެލަވަންސްތައް ދިނުން ހުއްޓާލުން.
- 2025 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުކުރެވޭ މުވައްޒަފުންނަން 2025 ނޮވެންބަރު މަހު މުސާރަދޭ އިރު، އިތުރުގަޑީގެ ފައިސާ ހިސާބުކުރުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތުގެމަތިންނެވެ.
- 2025 އޮކްޓޫބަރު 16 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ 2025 ނޮވެންބަރު 1 ވަނަ ދުވަހުގެ ކުރިން ލިބެމުންއައި އަސާސީ މުސާރައިންނެވެ.
- 2025 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 15 ނޮވެންބަރު އަށް އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ 2025 ނޮވެންބަރު 1 އިން ފެށިގެން އެ މުވައްޒަފުން ބަދަލުކުރެވޭ ދައުލަތުގެ ޕޭ ފްރޭމްވަރކްގައި ހިމެނޭ އަސާސީ މުސާރައިންނެވެ.
- 2025 ނޮވެންބަރު 1 އިން 2025 ނޮވެންބަރު 15 އަށް އިތުރުގަޑީގެ ފައިސާދިނުމުގައި "ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް" ގައި ހިމެނޭ "އިތުރުގަޑީގެ ފައިސާ ދޭނެގޮތުގެ މިންގަނޑު" ގައިވާ ގޮތުގެމަތިން ޢަމަލުކުރުން.
6. ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ މުވައްޒަފުންނަކީ، ވަކި ޚާއްޞަ ލައިސަންސެއް ނުވަތަ ތަމްރީނެއް ފުރިހަމަކުރަންޖެހޭ މަގާމެއްގައި ހުރި މުވައްޒަފަކަށް ވެފައި، އެ މުވައްޒަފަކު އަތުގައި އެފަދަ ލައިސަންސެއް ނުވަތަ ތަމްރީނެއް ފުރިހަމަކޮށްފައިނެތް ޙާލަތުގައި އެފަދަ މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމަށް ފަހު، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ލައިސަންސެއް ނުވަތަ ތަމްރީނެއް ފުރިހަމަކުރުވުމާގުޅޭ ގޮތުން ކޮމިޝަނާއެކު މަޝްވަރާކޮށް ގޮތްތަކެއް ނިންމުން.
7. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތަކާއި ވަޒީފާ ބަޔާންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
ވީމާ، މި ކަންތައްތައް ސިވިލް ސަރވިސްގެ އިދާރާތަކާއި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންގެ ސަމާލުކަމަށް ޓަކައި ދެންނެވީމެވެ. އަދި، މި ގޮތުގެމަތިން އިދާރާތަކުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.
