ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޅައިލާނެ ފަރާތެއް ނެތް ބަލިމީހަކު އެއްވެސް ރަސްމީ އިދާރާއަކަށް އެންގުމަކާއި ނުލައި ހޯނޑެއްދޫއަށް ގެނެސް ދޫކޮށްލާފައިވާ މައްސަލައިގައި ހޯނޑެއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށް ނެރޭ ނޫސްބަޔާން

64 އަހަރުގެ، އަޅާލާނެ ފަރާތެއް ނެތް ހާލުދެރަ ބަލިމީހަކު، 2025 އޮކްޓޯބަރު 4 ވަނަ ދުވަހު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު، ހޯނޑެއްދޫގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ ކަމާއިގުޅުންހުރި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ހޯނޑެއްދޫ ސިއްޙީ މަރުކަޒަށް ގެނެވިފައިވާ މައްސަލައަކީ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. މި ފަރާތަކީ، 2025 ސެޕްޓެމްބަރު 4 ގައި، ހޯނޑެއްދޫ ސިއްޙީ މަރުކަޒުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރި އަދި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ބަލިމީހެކެވެ. އާންމު ފަރާތެއްގެ ރިޕޯޓަކާއި ގުޅިގެން ހޯނޑެއްދޫ ކައުންސިލާއި ހޯނޑެއްދޫ ސިއްޙީ މަރުކަޒުން، 2025 ސެޕްޓެމްބަރ 11 ގައި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް  ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބަލިމީހާގެ މަޢުލޫމާތު ހިއްސާކޮށް މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ވާނީ އެދިފައެވެ.

މިނިސްޓްރީގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗްގައި ފަރުވާ ދިނުމަށްފަހު، 2025 އޮކްޓޯބަރު 4 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ އެމްބިއުލާންސްގައި ހޯނޑެއްދޫއަށް ގެނެސް، މިކައުންސިލާއި ހޯނޑެއްދޫގައި ޤާއިމްވެފައިވާ އެއްވެސް އިދާރާއަކަށް ރަސްމީ އެންގުމަކާއި ނުލައި ދޫކޮށްލާފައިވުމާއި، ހެލްތު ސެންޓަރުގައި އެޑްމިޓް ނުކޮށް ބޭއްވުމަކީ ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވީ އެންމެ އަވަހަކަށް މި ފަރާތާއި ހަވާލުވުމަށާއި، އޭނާގެ ޤާނޫނީ ބަލަދުވެރިޔާ ހޯދައި ޒިންމާ ހަވާލުކުރުމަށް ކައުންސިލުން ގޮވާލަމެވެ. ހޯނޑެއްދޫ ކައުންސިލުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ގުޅިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، އެ ފަރާތަށް ބޭނުންވާ އެކިއެކި އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދެވިފައެވެ .މިކައުންސިލުން މި މައްސަލައިގައި އިސްނަގައިގެން، އެ ފަރާތަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. އަދި މިނިސްޓްރީއާ ގުޅިގެން އެ ފަރާތުގެ ދުޅަހެޔޮކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަމިއްލައަށް ނޫޅެވޭ ފަރާތްތައް ބެލެހެއްޓުމަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް  މަތިކޮށްފައިވާ ޒިންމާ އަކަށް ވާތީ، މިފަދަ ފަރާތްތައް އަޅާނުލައި ދޫކޮށްލުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ. މި މައްސަލައަށް އަވަސް އަދި ދެމެހެއްޓެނެވި ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ނުހަނު އާދޭހާއި އެކު ކައުންސިލުން ގޮވާލަމެވެ.

06 އޮކްޓޫބަރު 2025
ހޯދާ