ދިވެހިރާއްޖެ
އިޢުލާން
މިއަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަދުވަހކީ ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓީވެޓް) ގެ 50 ވަނަ އަހަރީ ދުވަސް (1975-2025) ފާހަގަކުރުމަށް ނިންމިފައިވާ ދުވަހެވެ. މިމުނާސަބަތާއި ގުޅުވައިގެން، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ޓީވެޓް ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކާއި، އެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ. އަދި މީގެ އިތުރުން، ދަރިވަރުންނަށް އެހީތެރިވެ، އެ ދަރިވަރުން ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދީފައިވާ މުވައްޒަފުންނަށް ހިތްވަރު ދިނުމެވެ.
މި ގޮތުގެ މަތިން ތިން ބާވަތެއްގެ އެވޯޑަށް އެޕްލިކޭޝަން އަދި ނޮމިނޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ:
- ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް: ޓީވެޓް ދާއިރާގައި 25 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް، ސިޔާސަތުތައް އެކުލަވާލުމުގައި ނުވަތަ މަންހަޖު އެކުލަވާލުމުގައި ނުވަތަ މުއައްސަސާތައް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
- ލޯންގ ސަރވިސް އެވޯޑް: މޯލްޑިވްސް ޕޮލިޓެކްނިކް އަދި އެހެނިހެން ޓީވެޓް މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން 10، 15، 20، 25 ނުވަތަ 30 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް ދީފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
- އެޗީވްމަންޓް އެވޯޑް: އެކްސްޕޯތަކާއި މުބާރާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެދީ، އެ ދަރިވަރުން ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަން ރީތިކޮށްދީފައިވާ މުވައްޒަފުންނަށް ދެވޭ އެވޯޑެކެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ސެޕްޓެމްބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ. އެޕްލިކޭޝަންތައް އޮންލައިންކޮށް ރަސްމީ ގޫގުލް ލިންކް: https://tinyurl.com/MDV-Polytechnic މެދުވެރިކޮށް، ނުވަތަ މިއިންސްޓިޓިއުޓަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވިދާނެއެވެ. އެޕްލިކޭޝަން ފޯމުތައް މޯލްޑިވްސް ޕޮލިޓެކްނިކްގެ ރިސެޕްޝަނުން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށް ލިބެން ހުންނާނެއެވެ.
އެންމެހައި މިނިސްޓްރީތަކާއި، މުއައްސަސާތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން މި އިޢުލާން އެ ތަންތަނުގެ މުވައްޒަފުންނާ ހިއްސާކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ 3002580/3002582 މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.