މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިޢުލާން

ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ މި ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށެކެވެ. މި ރަށުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަދި މި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، މި ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައެއްނުވެއެވެ. އަދި، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް މި ވުޒާރާއިން އިތުރު އޮޕަރޭޓިންގ ލައިސަންސެއް ދީފައެއްނުވެއެވެ. ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވެއެވެ.

 

މިކަންކަން މިހެން ހުރުމުން، ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެ ކުންފުނިން ތަކުރާރުކޮށް ޚިލާފުވެފައިވާތީ އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދެމުން ގެންދާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މި ވުޒާރާއިން މިގެންދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންނެވެ. އެހެންކަމުން، ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

28 އޮގަސްޓް 2025
ހޯދާ