ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ބަދަލުގެނައުމަށް 27 ޖުލައި 2025 ވީ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ލާމަރުކަޒީ ނިޒާމާއި އިދިކޮޅު، މިނިޒާމްގެ މަޤްސަދާއި ހިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނިގުޅައިގަނެ، މަރުކަޒީ ބާރުވެރިކަން ގަދަކޮށް ސަރުކާރަށް ސަލާންޖެހުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހުށަހަޅާފައިވާ ނާތަހުޒީބީ ބަދަލެއްކަމުގައި މިކައުންސިލުން ދެކެމެވެ. ގާނޫނަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލުތަކަށް ބަލާއިރު، އެ ޤާނޫނުގެ 70 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިޞްލާޙުގެ ނަތީޖާއަކަށް ވެގެންދާނީ، ޤާނޫނުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދައި ހިންގުމަށް ދެވިފައިވާ ބާރުތައް އެކީ އެކަށް ކަނޑުވާލައި، އަދި އެފަދަ ކުންފުނިތަކުގެ ބޭނުން ކަނޑުވާލުމެވެ. އެހެނީ، މިހާރު އެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު އޮތް ގޮތަށް ފާސްވެގެން ހިނގައްޖެނަމަ، ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ހަމައެކަނި ކުރިއަށް ގެންދެވޭނީ 10 (ދިހަ) މިލިއަން ރުފިޔާއަށްވުރެ ބޮޑެތި [އުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހިފައިވާ] މަސައްކަތްތައް އެކަނި ކަމަށް ކަނޑައެޅުމުގެ ސަބަބުން، ގިނަ ރަށު ކައުންސިލްތަކަށް، ވަކިން ޚާއްސަކޮށް ކުދި ރަށްތަކުގެ ކައުންސިލްތަކަށް، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ފުރުޞަތު މުޅިންހެން ބަންދުވެގެން ދިޔުމެވެ.
މީގެ އިތުރުން، އެ ޤާނޫނުގެ 79 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ބަލާއިރު، މި އިޞްލާޙަކީ ނުސީދާކޮށް ކައުންސިލްތަކަށް މިހާރު އެ ޤާނޫނުން ދިނުމަށް ލާޒިމްކުރާ މާލީ އެހީތެރިކަން ކޮންޓްރޯލްކޮށް، ކައުންސިލްތަކުގެ މާލީ މިނިވަންކަން ހިފެހެއްޓުމުގެ ވިސްނުމުގައި ހުށަހަޅާފައިވާ އިޞްލާޙެކެވެ. މިކަން އިތުރަށް ސާފުވެގެންދަނީ، ހަމަ މި އިޞްލާޙުގެ ދަށުން އެ ޤާނޫނުގެ 100 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙުންނެވެ. މިގޮތުން، ޤާނޫނުގެ 100 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުގެ ސަބަބުން ކައުންސިލްތަކުން ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް ބޭނުންކުރުމާއި މެނޭޖުކުރުމުގައި ކައުންސިލްތަކުގެ މައްޗަށް ސީދާ ސަރުކާރުގެ ނުފޫޒު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް ފޯރުވުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.
މީގެ އިތުރުންވެސް، އެ އިޞްލާޙުގެ ދަށުން ޤާނޫނުގައި އަލަށް ހިމެނުމަށް ހުށަހަޅާފައިވާ 144-1 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ ދަޢުރުގެ އެންމެ ފަހު އަހަރުގައި، ކައުންސިލްގެ އެންމެހާ ބާރުތަށް އެކީ އެކަށް ކަނޑުވާލައި، މުވައްޒަފުން ނެގުމާއި، އައު މަޝްރޫޢުތައް ފެށުމާއި، ބިން ކުއްޔަށް ދިނުން މުޅިން މަނާކުރުމަކީ، ރައްޔިތުން ކައުންސިލް އިންތިޚާބުކުރާ 5 (ފަހެއް) އަހަރުގެ ދަޢުރުގެ ތެރެއިން 1 (އެކެއް) އަހަރު ދުވަހު މުޅި ކައުންސިލްގެ ބާރު އެކީ އެކަށް ކަނޑުވާލުމެވެ. މިކަމަކީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާ މިފަދަ ޙައްސާސް ވަގުތެއްގައި، ކައުންސިލްތަކުގެ ބާރު ކަނޑުވާލެވި، ޚާއްސަގޮތެއްގައި އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލުތަކަށް އަމާޒުކުރެވިގެން، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކުރެވިފައިވާ، ބައިނަލްއަޤްވާމީ ދިމިކްރާޘީ އުސޫލުތަކާ ބީރައްޓެހި ފިޔަވަޅެއްކަމުގައި މި ކައުންސިލުން ދެކެމެވެ.
މުޅި ޖުމްލަ ގޮތެއްގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުން ސާފުވެގެންދާ ހަޤީގަތަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ކުރިއަރުވައި ބާރުވެރިކުރުމުގެ ކުޑަމިންވަރެއްގެވެސް ހެޔޮ ނިޔަތެއް ނެތްކަމެވެ. އަދި މުޅި އިޞްލާޙުން ކުރަހާދޭ ތަޞައްވުރަކީ، އަހަރުތަކެއް ކުރިން މުޅި ދިވެހިރާއްޖޭގެ ވަޞީލަތްތަކާއި ރައްޔިތުންގެ ހައްޤުތަކާއި ތަރައްޤީގެ ކަންކަން މަރުކަޒީ އުޞޫލުން މަދު ބައެއްގެ މެދުގައި އެއްވެސް ހާމަކަމެއް ޖަވާބުދާރީވުމެއް އަދި މަޝްވަރާކުރުމެއްނެތި ނިންމަމުން ދިޔަ ސަޤާފަތަކަށް އެނބުރި ރުޖޫޢަވުމުގެ ނިޔަތެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު އަނބުރާ ގެނެސް، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ނިޒާމީ ސިފައެއްގައި ކުރަމުންދާ އެންމެހައި ކަންކަން ހުއްޓާލުމަށް ދިވެހި ސަރުކާރަށް މިކައުންސިލްގެ ފަރާތުން ގޮވާލަމަވެ.