ދިވެހިރާއްޖެ
އުޞޫލު ނަންބަރު 2022/G-20 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލު) އަދި މި މިނިސްޓްރީގެ ނަންބަރު (IUL)491/491/2025/45 (29 މޭ 2025) އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ފަށާފައިވާ ކަމުގައި ދަންނަވަމެވެ.
މިގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީ އިން ކަމުގައި ދަންނަވަމެވެ.
މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެއެވެ. މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މި މިނިސްޓްރީއިން ނުވަތަ އެފް.ޑީ.ސީ އިން ނުގުޅާނެކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.