މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމް

ނޫސް ބަޔާން

   ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް މިވުޒާރާއިން ހުޅުވާލި ފުރުޞަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.

   ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ކުރިމަތިލާފައިވާ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްޙީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށްވެސް ތަމްރީން ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ހަމަޖައްސަވާފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ. މިގޮތުން، ދިވެހި ވަޠަނީ ޚިދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓް ތަރުތީބު ކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންނެވެ. ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެއެވެ.

   ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް އެޕްލައިކޮށްފައިވާ ކޮންމެ ޒުވާނަކަށްވެސް ތަމްރީނުން ޖާގަ ލިބިފައިވާގޮތާ ގުޅޭގޮތުން މިވުޒާރާގެ ފަރާތުން މަޢުލޫމާތު ޙިއްސާ ކުރަމުން ގެންދާނެއެވެ. އަދި، ތަމްރީނުގެ ފުރަތަމަ ބުރަށް ޝޯރޓްލިސްޓު ކުރެވިފައިވާ ފަރާތްތަކާއި، ފުރަތަމަ ބުރުގެ ރިޒާވް ކެންޑިޑޭޓުންގެ ގޮތުގައި ޝޯރޓްލިސްޓު ކުރެވިފައިވާ ފަރާތްތަކަށް ސިލެކްޝަން ޕްރޮސެސްއާގުޅޭ މަޢުލޫމާތު ޙިއްސާކުރާނެއެވެ.

   ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ސިލެކްޝަން ޕްރޮސެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކެންޑިޑޭޓަކަށް އެންމެ ފަސޭހަ ސްޓޭޝަނަކަށް ޙާޟިރުވެ ސިލެކްޝަން ޕްރޮސެސްގެ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

   ވީމާ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ބައިވެރިން ނެގުމުގައި ޢަމަލުކުރަމުންދާނީ މަތީގައިވާ ގޮތުގެ މަތިންކަން ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލައްވާފައިވާ ޒުވާނުންނާއި، އެޒުވާނުންގެ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ޖުލައި 2025
ހޯދާ