ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އިން ބަންޑާރަ ގޯތި ދޫކުރުން

 ހއ. އިހަވަންދޫ އިން ގޯއްޗަށް އެދޭ ފަރާތްތަކަށް 15 ޖޫން 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މި އިޢުލާނާއި އެކު "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު" އާންމުކުރީމެވެ. ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި (ހެނދުނު 08:00 ން 14:00 އަށް) ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. (ކޮންމެ ފަރާތަކަށް ވެސް ލިބިވަޑައިގަންނަވާނީ އެއް ފޯމެވެ.)  

ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން މެންދުރު 13:00 އަށެވެ. ފޯމު ހުށަހެޅުމަށް ހާޟިރުވާނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާގެ ފޯމު ހުށަހެޅުމަށް ޕަބްލިކް ނޯޓަރީއެއް ނޮޓަރައިޒްކޮށް ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ. ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެފަރާތެއްގެ ފޯމު ބާޠިލްވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކާއި އެކުގައެވެ.

         ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ލޭންޑު ޔޫސް ޕްލޭންގައި ގޯތިދިނުމަށް ކަނޑައެޅިފައިވާ، ޗާރޓުގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުން ނެގޭ ޖުމްލަ 1600 އަކަފޫޓުގެ 150 (ސަތޭކަފަންސާސް) ގޯއްޗެވެ.

         ވީމާ، ގޯއްޗަށް އެދި ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރުއްވައި 15  ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠު

1-      ދިވެހި ރައްޔިތަކު ކަމުގައިވުން.

2-      ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.

3-      ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.

4-      އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލާފައިވުން.

5-      ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

6-      އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.

7-      ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި ނުވަތަ އޮވެ އެގޯއްޗަކާމެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެމީހަކީ ގޯއްޗަށް ބޭނުންވެފައިވާ މީހެއްކަމަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއަށް ފެނުން.

         ގޯތި ދިނުމާއި ބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީއިންނެވެ. އަދި ގޯތި ދޫކުރެވޭނީ ހއ. އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރެވޭ ގޮތުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއިޢުލާނާއި އެކު "ހއ.އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އާންމު ކުރި ކަމުގައި ދަންނަވަމެވެ.

         ނޯޓު: 1) ބަންޑާރަ ގޯއްޗަށް އެދޭ ފޯމާ އެކީގައި ހުށަހަޅާ ރަށުގައި ދިރިއުޅެފައިވާކަން އަންގައިދޭ ރަސްމީ ލިޔުން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މި ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. މިލިޔުން ދޫކުރެވޭނީ ވޭތުވެދިޔަ 5 އަހަރު ރަށުގައި ދިރިއުޅެފައިވާ ފަރާތްތަކަށެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށާއި ރަށުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ނުވަތަ މައިންބަފައިންނަށް، ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ ރަށުން ލިބެން ނެތް ތަޢުލީމެއް ހޯދުމަށް ނުވަތަ ދަރިއަކަށް ނުވަތަ އާއިލާގެ މެންބަރަކަށް އެފަދަ ތަޢުލީމެއް ހޯދައިދިނުމަށް ރަށުން ބޭރުގައި ހުންނަ ފަރާތް ރަށުން ބޭރުގައި އުޅޭކަމަކަށް ނުބެލެވޭނެއެވެ. އަދި އެފަދަ ފަރާތްތަކުން ރަށުން ބޭރުގައި ދިރިއުޅޭ ސަބަބު ބަޔާންކުރުމާއެކު އެކަން އަންގައިދޭ އެތަނެއްގެ ލިޔުމާއި އެކު ތިރީގައިވާ ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

ލިންކު:https://forms.gle/9RxYtdgme5D3jeYL7   

2) ތަރިކައިން ލިބެން އޮންނަ 600 އަކަފޫޓަށް ވުރެ ބޮޑު ގޯތި ނުވަތަ ގޯއްޗަށް އެދޭ ފަރާތުގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލުމަށް ބޭނުންވާ ފަރާތްތަކުން މިއިޢުލާނާއި އެކު އާންމުކުރެވިފައިވާ އިޤުރާރު ފުރިހަމަކޮށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމާއި އެކު ހުށަހެޅުމަށް ދަންނަވަމެވެ.  

10 ޖޫން 2025
ހޯދާ