ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 149 ވަނަ މާއްދާއިން ރަށުކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލައި ތަންފީޒުކުރަމުންގެންދާ އާއްމު އުދަނގުލާބެހޭ ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ކައުންސިލްގެ ހުއްދަނެތި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް މަގުތަކުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ. އަދި ހަމަމިއާއެކު ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު،ވާ،ހޮޅި،ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދުގެ 03ވަނަ މާއްދާގެ (ހ)ގެ ދަށުން އެފަދަ އެއްވެސް އެއްޗެއް ކައުންސިލްގެ ހުއްދަނެތި ނެރެފައި ބެހެއްޓުމަކީވެސް މަނާކަމެކެވެ. އަދި މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާ ގައިވާ ގޮތުން، ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ރާނާފައިވާ ފާރެއް ނުވަތަ ފުޅަފެއް ނަގަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކައުންސިލްގެ ހުއްދަ ނެތި ރަށުގެ އާއްމު މަގުތަކާއި ގޯޅިތަކަށް ވެލިއެޅުމާއި ގޯތިގޯތީގެ މަގާ ގުޅިފައިވާ އިންފާރުގެ ކައިރިއަށް ވެލިން ބައްޕަރު ޖެހުންވެސް މިހާރު އާއްމުވަމުންދާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިއެވެ.
ވުމާއެކު ކައުންސިލްގެ ހުއްދަ ނެތި މަގުތަކުގައި ބައްޓާފައިވާ ތަކެތި 2025 މޭ 22 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 06:00 ގެ ކުރިން ނެގުމަށް އަންގަމެވެ. އަދި އެމުއްދަތުގެ ތެރޭގައި ތަކެތި ނެގުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ރަސްމީކޮށް ލިޔުމުން މިކައުންސިލްގެ ހުއްދަ ހޯއްދެވުމަށް ދަންނަވަމެވެ. ހަމަމިއާއެކު ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ރާނާފައިވާ ފާރެއް ނުވަތަ ފުޅަފެއް ނެގުމާއި އަލުން ފާރު ރޭނުން ނުވަތަ ފުޅައް އެޅުންފަދަ ކަމެއް ކުރަންވާނީ މިކައުންސިލަށް އެނގުމުގެ ތެރެއިންކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ކައުންސިލްގެ ހުއްދަ ނެތި އިސްވެ ދެންނެވުނު ކަންކަން ތަކުރާރު ނުކުރުމަށް ނިލަންދޫގެ ލޮބުވެތި ރައްޔިތުންނާއި ނިލަންދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޛުލްޤަޢިދާ 1446
12 މޭ 2025