ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމުން ދޫކޮށްފައިވާ ބަންޑާރަ ގޯތި، އެއްބިމުން އަނެއްބިމަށް ބަދަލުކޮށް ދިނުމުގެ އުޞޫލު

ލ. ގަމުން ދޫކޮށްފައިވާ ބަންޑާރަ ގޯތި، އެއްބިމުން އަނެއްބިމަށް ބަދަލުކޮށް ދިނުމުގެ އުޞޫލު

 

ތަޢާރަފް

   1.          

(ހ)

މިއީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 އަދި 152 ވަނަ މާއްދާތަކަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރ 2021/28 (ޤާނޫނު ނަންބަރ 2002/1، "ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު") ގެ 8 ވަނަ އިޞްލާޙު ގެ (ހ) އިން ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.

(ށ)

މި އުސޫލަށް ކިޔާނީ، "ލ. ގަމުން ދޫކޮށްފައިވާ ބަންޑާރަ ގޯތި، އެއްބިމުން އަނެއްބިމަށް ބަދަލުކޮށް ދިނުމުގެ އުޞޫލު" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

   2.          

(ހ)

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު ހައްދުންމަތީ ގަމު ކައުންސިލުން ފާސްކޮށް، މި އުޞޫލަށް ޢަމަލުކުރަން ފެށުމަށް ކައުންސިލުން ގެޒެޓް ކުރާ ތާރީޚުން ފެށިގެންނެވެ.

ގޯތި ބަދަލުކުރުމުގައި ޢަމަލު ކުރާނެ ގޮތް ކަނޑައެޅުން

   3.          

(ހ)

މިއުޞޫލަކީ ލ. ގަމުން ދޫކޮށްފައިވާ ބަންޑާރަގޯތި ތަކުގެ ތެރެއިން އެކި ސަބަބު ތަކާހުރެ ގޯތީގައި މަސައްކަތް ކުރެވެން ނެތުމުގެ ސަބަބުން އެހެން ސަރަޙައްދެއްގައި އޮތް ގޯތި ދިނުމަށް ހަމަޖެހިފައިވާ ހުސް ގޯއްޗަކަށް ބަދަލުކުރުމަށް ބޭނުންވާ، ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސްކޮށް ދިނުމުގެ ގޮތުގައި އެކުލަވައި ލައިފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލުގެ ދަށުން ގޯތި ހުސް ގޯއްޗަކަށް ބަދަލުކުރަން ބޭނުންވާ ފަރާތަކުން އެކަމަށް އެދި ބަދަލު ކުރަން އެދޭ ސަބަބު މި އިދާރާއަށް ލިއުމަކުން ހުށަހަޅަން ޖެހޭނެއެވެ.

(ނ)

މި އުޞޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ވާފަދަ ހުށަހެޅުމަކުން ހުށަހެޅިނަމަވެސް ގޯތި ބަދަލުކުރަން އެދޭއިރު، އެދޭފަރާތުގެ ގޯތީގައި ބަދަލުދޭންޖެހޭ އެއްވެސް މުދަލެއް ނުވަތަ ރުކެއްގަހެއް ހުރިނަމަވެސް ކައުންސިލުން ބަދަލެއް ނުދެވޭނެއެވެ.

(ބ)

މި އުޞޫލުގެ ދަށުން ގޯތި ބަދަލުކުރެވޭނީ، ބަދަލު ކުރާ ގޯތީގެ މިންތަކަކީ ބަދަލު ކުރަން އެދޭ ގޯއްޗާ އެއްވަރުގެ ނުވަތަ އެއަށްވުރެ ކުޑަ ބިމަކަށެވެ.

(ކ)

މި އުޞޫލުގެ ދަށުން ގޯތި ބަދަލު ކުރެވޭނީ ހަމަ އެކަނި ލ. ގަމުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކެވެ.

(އ)

މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުން އެހެން ރަށެއްގައި އޮތް ގޯއްޗެއް ލ.ގަމުގައި އޮތް ހުސް ބިމަކަށް ނުވަތަ ގޯއްޗަކަށް ބަދަލެއް ނުކުރެވޭނެއެވެ.

ގޯތި ބަދަލުކުރުމުގައި ބަލާ މިންގަނޑުތައް

4

(ހ)

3 ވަނަ މާއްދާގެ (ށ) ގައި ވާފަދައިން ހުށައަޅާ ލިޔުން އިވޭލުއޭޓް ކުރެވޭނެއެވެ.

(ށ)

ގޯތި ބަދަލު ކުރެވޭނީ ލިޔުމުން ހުށަހަޅާފައިވާ ސަބަބު ތަކަށް ބެލުމަށްފަހުގައެވެ.

(ނ)

ގޯތި ބަދަލުކުރުމުގައި ބަލާނެ ސަބަބުތައް:

  1. ގޯއްޗަކީ ކުރިއަށް އޮތް 5 (ފަހެއް) އަހަރު ނުވަތަ އެއަށްވުރެ ގިނައަހަރު ތަކަކުން ވެސް އާރާސްތު ނުކުރެވޭ ހިސާބެއްގައި އޮތް ގޯއްޗެއް ކަމުގައި ވުން،
  2. ފެން ބޮޑުވެ ނުވަތަ ގޯތީގައި ޢިމާރާތް ނުކުރެވޭ ވަރަށް ޗަކަބިމަކަށްވުން،
  3. ގަބުރުސްތާނަކަށްވުން،
  4. އަދި އުދައަރާ ހިސާބަކަށްވުން.
  5. ގޯތި ބަދަލުކުރެވޭނީ ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ ތެރޭގައި އިމާރާތް ކުރުމަށް އެއްބަސްވާ ފަރާތަކަށްށެވެ.
  6. ކުރިއަށް އޮތް 3 (ތިނެއް) އަހަރުގެ ތެރޭގައި އިމާރާތް ކުރުމަށް އެއްބަސްނުވާ ފަރާތަކަށް ގޯތި ބަދަލު ނުކުރެވޭނެއެވެ.
  7. ބަންޑާރަ ގޯއްޗެއްގައި އިމާރާތް ކޮއްފައިވާނަމަ މި އުޞޫލުގެ ދަށުން ބަދަލު ނުކުރެވޭނެއެވެ.

(ރ)

ގޯތި ބަދަލު ކުރުމުގައި އިވޭލުއޭޓް ކުރާ ކޮމެޓީގައި ހިމެނޭނީ ކައުންސިލުން ކަނޑައަޅާ 3 މެމްބަރުންނާއި، ގަމު ކައުންސިލްގެ ސިވިލް ސާރވިސްގެ އިދާރީ 4 (ހަތަރު) މުވައްޒަފުން އަދި ސެކްރެޓަރީ ޖެނެރަލް ހިމެނޭ ގޮތަށެވެ.

(ބ)

ގޯތި ބަދަލުކޮށް ދެވޭނީ 4 ވަނަ މާއްދާގެ (ނ) ގައިވާ ކަންކަމަށް ކައުންސިލުން ނަގާކޮމެޓީއިން ބެލުމަށްފަހުގައެވެ.

(ޅ)

ބިން ކަނޑައަޅާނީ އިވެލުއޭޓް ކޮމެޓީއިންނެވެ. މި ކޮމެޓީގެ ކޯރަމްއަކީ ކޮމެޓީގެ 60% އިންސައްތައެވެ.

(ކ)

4 ވަނަ މާއްދާގެ (ނ) ގައިވާ ސަބަބު ބެލުމަށްފަހު، ކައުންސިލުން ބަދަލުކުރުމަށް ފެންނަކަމުގައިވާނަމަ ބަދަލު ކުރެވޭނީ ކައުންސިލުން ދައްކާ ހުސް ބިމަކަށެވެ.

 

މާނަކުރުން

5

(ހ)

'ބިން' މާނަކުރަނީ، ލ. ގަމުގެ ލޭންޑްޔޫސް ޕުލޭންގައި ގޯތި ދިނުމަށް ހިމަނާފައިވާ، ބިން ބިމަށެވެ.  

(ށ)

'އާރާސްތު ނުކުރެވުން' މާނަކުރަނީ، ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ޚިދުމަތް ފޯރުކޮށްދެވެން ނެތުމެވެ.

(ނ)

'ގޯތި' މާނަކުރަނީ، ލ، ގަމުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަގޯތި ތަކަށެވެ. މީގެ ތެރޭގައި އަމިއްލަކުރެވިފައިވާ ގޯތިތަކެއް ނުހިމެނޭނެއެވެ.

08 މޭ 2025
ހޯދާ