މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޗެއަރޕަރސަން ޢައްޔަންކުރުމާބެހޭ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޗެއަރޕަރސަން ޢައްޔަންކުރުމާބެހޭ

މި އޮފީހުގެ ނަންބަރު: ‎216-MPAO-EB/IUL/2025/3 ‏(29 އެޕްރީލް 2025) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އެކަށީގެންވާ ޢަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި ޙަވާލާދީފައިވާ އިޢުލާނުގެ ދަށުން މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ.

ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރެވޭނެއެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.  

 ފެންވަރު ނުވަތަ ޝަރުޠުތައް

  1. ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން.

  2.  ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން. 

އިސްވެ ބަޔާންކުރެވުނު ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވޭނެއެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންކަމަށް ކުރިމަތިލައްވާއިރު ތިރީގައިވާ މަޢުލޫމާތުތައް ހުށަހަޅުއްވަން ވާނެއެވެ.

  • ބޯޑު މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ).

  • ފުރިހަމަ ކޮށްފައިވާ "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓްގައި އިޢުލާނާއިއެކު ހިމަނާފައި).

  • ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ.

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ކޮޕީ.

  • މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އަދި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ޚިދުމަތްކޮށްފައިވާނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކޮށްފައިވާ ވަނަވަރު.

  • ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް.

ވީމާ، އިސްވެދަންނަވާފައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު 14 މޭ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޕެންޝަން އޮފީހުގެ ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،

އެލައިޑް ބިލްޑިންގ (8 ވަނަ ފަންގިފިލާ)، 

ޗާނދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް: [email protected]

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

07 މޭ 2025
ހޯދާ