ދިވެހިރާއްޖެ
މި ރަށުގައި ހަލުވިކަމާއެކު ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ، ރަށުގެ އެންމެހާ ރައްޔިތުންނާއި، މުވައްސަސާތަކާއި، ސްކޫލާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދަންނަވަމެވެ.
ފާއިތުވި ދުވަސްތަކުގައި ޞިއްޙީ މަރުކަޒަށް ބޭރަށްހިންގުމާއި ހުމުގެ ޝަކުވާއާއެކު އަންނަ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.
- ގިނަގިނައިން އަތްދޮވުމާއި އަމިއްލަ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން.
- ކެއްސާއިރާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކޮށް މާސްކު އެޅުން.
- ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުން.
- ބަލި ޖެހިފައިވާ މީހުން ގޭގައި މަޑުކޮށް އެކަހެރިވުން.
- ސިއްޙީ އެހީތެރިއެއްގެ ލަފާ ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް ޞިއްޙީ މަރުކަޒަށް ވަޑައިގަތުން.
- ގަވާއިދުން ކެއުމާއި ގިނަ ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން
ސްކޫލަށް ދިއުމުގައި ސްކޫލު ކުދިންނާއި ޓީޗަރުން އަމަލުތައް ބަހައްޓަންވީ ގޮތް:
- ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ސްކޫލަށް އަދި މަސައްކަތަށް ނުގޮސް ގޭގައި މަޑުކުރުން.
- ސްކޫލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
- ސްކޫލަށް ދިއުމުގެ ކުރިންނާއި އައުމަށްފަހު އަތް ރަނގަޅަށް ސައިބޯނި ލައިގެން ދޮވުން.
- ސްކޫލުގައި އެހެން ކުދިންނާ ގައިގޯޅިވުން މަދުކުރުން.
- ކާއެއްޗެއްސާއި ބުއިމުގެ ތަކެތި އެހެން ކުދިންނާ ޙިއްސާ ނުކުރުން.
- ކްލާސްރޫމްގައި އަތްދޮވާ ސެނިޓައިޒަރ ބޭނުންކުރުން.
އަދި ބަލީގެ އަލާމާތްތައް (ހުން، ކެއްސުން، ބޭރައްހިންގުން) ފެނިއްޖެނަމަ، ވަގުތުން ޞިއްޙީ މަރުކަޒަށް ވަޑައިގެން ޑަކްޓަރުގެ އިރުޝާދު ހޯދުމަށް ދަންނަވަމެވެ. އަދި ވަޑައިގަންނަވާއިރު މާސްކު އަޅުއްވައިގެން ވަޑައިގަތުމަށް ސަމާލުވުމަށް ދަންނަވަމެވެ.
ވީމާ، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، މަތީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަށް އެދި ދަންނަވަމެވެ.