ދިވެހިރާއްޖެ
2025 އޮގަސްޓު 2 އިން 9 އަށް މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 65 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ.
ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:
1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރުފުރި، 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކުރައްވާފައިވާ ޙާފިޡަކަށްވާންޖެހޭނެއެވެ.
2- މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށްވާންޖެހޭނެއެވެ.
ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:
1- ދިވެހި ރައްޔިތަކަށްވުން.
2- ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން.
3- މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން.
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
2- މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި އަދި ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ 2 (ދޭއް) ބައިވެރިންނެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެކެވެ.
3- މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.
4- މުބާރާތުގައި ބައިވެރިކުރުމަށް މި މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 2025 މޭއި 17 އިން 24 އަށް ބާއްވާ އޮންލައިން ސްކްރީނިންގ ގައި ބައިވެރިވާންޖެހޭނެއެވެ. މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިންގ ބުރެކެވެ. މުބާރާތުގައި ކިޔެވުމަށް މެލޭޝިޔާއަށް ގެންދާނީ މި ކޮލިފައިންގ ބުރުން ފާސްވާ ބައިވެރިންނެވެ. އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑިއާއި ބައިވެރިވާންޖެހޭ ގޮތް ކަނޑައަޅައި ކޮންމެ ބައިވެރިއަކަށްވެސް އަންގާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުމާއެކު 4 މޭ 2025 ވާ އާދީއްތަދުވަހުގެ މެންދުރު 13:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ "[email protected]" އަށް މެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން:
1- މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު މަރުކަޒުގެ ވެބްސައިޓުންނާއި މަރުކަޒުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
2- ވަނަވަރު (ސީވީ)
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ
4- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވާނަމަ ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ
5- ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު)