ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރު ބުރީ ކެލާ ކައުންސިލް އިދާރާއިން އެކިއެކި ކަންކަމަށް ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އެހެންފަރާތަކަށް ބަދަލުކުރުން ނުވަތަ އެއްބަސްވުމުގެ ބާރާއި އިހްތިޔާރު އެހެންފަރާތަކަށް ބަދަލުކުރުމާއި ގުޅޭ އުޞޫލު

 

ތިލަދުންމަތީ އުތުރު ބުރީ ކެލާ ކައުންސިލް އިދާރާއިން އެކިއެކި ކަންކަމަށް ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އެހެންފަރާތަކަށް ބަދަލުކުރުން ނުވަތަ އެއްބަސްވުމުގެ ބާރާއި އިހްތިޔާރު އެހެންފަރާތަކަށް ބަދަލުކުރުމާއި ގުޅޭ އުޞޫލު

 

ތަޢާރުފާއި ނަން

 

1.

 

(ހ)

މި އުސޫލަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 149 ވަނަ މާއްދާގެ ދަށުން ކެލާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ތިލަދުންމަތީ އުތުރު ބުރީ ކެލާ ކައުންސިލް އިދާރާއިން އެކިއެކި ކަންކަމަށް ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އެހެންފަރާތަކަށް ބަދަލުކުރުން ނުވަތަ އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު އެހެންފަރާތަކަށް ބަދަލުކުރުމާއި ގުޅޭ އުޞޫލު" އެވެ.

 

މަޤުސަދު

 

 

2. 

 

 

މި އުސޫލުގެ މަޤްސަދުތައް ތިރީގައި މިވަނީއެވެ.

(ހ)

އެކި އެކި ބޭނުންތަކަށް ދިގުމުއްދަތައް ކައުންސިލުން ކުއްޔައް ހިފާފައިވާ ބިންތަކުގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމަންޖެހޭ މުއްދަތުގެ ތެރޭ ނިންމުމަށް ބާރުއެޅުން؛

(ށ)

އެކި އެކި ކަންކަމަށް ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އެހެންފަރާތަކަށް ބަދަލުކުރުން ނުވަތަ އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު އެހެންފަރާތަކަށް ބަދަލުކުރުމަށް ކައުންސިލުން ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

ބިން ބަދަލުކުރުމަށް ހުށަހެޅުން

 

3. 

 

(ހ)

މި އުޞޫލްގެ ތެރެއިން  ބިމުގެ އެއްބަސްވުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިގު މުއްދަތަށް ކުއްޔައް ދޫކުރެވޭ ބިންތަކެވެ.

(ށ)

މިގޮތަށް އެއްވެސް ބަދަލެއް އެއްބަސްވުމަށް ގެނެވޭނަމަ ގެނެވޭ ބަދަލު އެއްބަސްވުމަށް ގެނެވުނު އިސްލާހެއް ކަމަށް ބަލައި އެއްބަސްވުމުގައި ހިމަނަންވާނެއެވެ.  

 

ބިން ބަދަލުކުރުމަށް

 ނެގޭ ފީ

4.

(ހ)

ބިމުގެ އެއްބަސްވުން އެއްފަރާތުން އަނެއްފަރާތަށް ބަދަލު ކުރާނަމަ ބަދަލުކުރާ ބިމުގެ އަކަފޫޓަކަށް -/2 (ދޭއް) ރުފިޔާގެ މަގުން ބިމުގެ ޖުމްލަ އަކަފޫޓަށްވާ ފައިސާ ކައުންސިލަށް ދައްކަން ވާނެއެވެ.

 

އެއްބަސްވުމުގައި ހިމަނަންޖެހޭ މައުލޫމާތު

 

 

 

5. 

 

 

 

 

  މި އުސޫލުގެ ދަށުން ސޮއިކުރާ އެއްބަސްވުންތަކުގައި މަދުވެގެން ތިރީގައިވާ މައުލޫމާތު ހުންނަންވާނެއެވެ.

(ހ)

އެއްބަސްވުމުގެ ބައިވެރިން

(ށ)

އެއްބަސްވުމުގެ ކުރު ތަޢާރަފެއް.

(ނ)

އެއްބަސްވުން ބަދަލުކުރާ ސަބަބު.

(ރ)

އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި އިލްތިޒާމުތައް.

(ބ)

އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ ކަންކުރާނެ ގޮތް

 

ފުރަތަމަ ކުއްޔަށް ހިފި ފަރާތުގެ ޒިންމާއާއި މަސްއޫލިއްޔަތު

6. 

(ހ)

ބިން ބަދަލުކުރުމަށް ހުށަހަޅާއިރު ކައުންސިލުން ބިންކުއްޔައް ދޫކޮށްފައިވާ ފަރާތުން ބިން އެހެންފަރާތަތަކަށް ބަދަލުކުރުމަށް ބޭނުންވާ ކަމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

ބިން ބަދަލުކުރުމުގައި އެއްބަސްވުމަށް ބަދަލު ގެނައުން

 

7.

 

(ހ)

ބިން ކުއްޔައް ދޫކުރި ފަރާތުން އެހެންފަރާތަކަށް ކުއްޔައް ދޫކުރުމަށް ހުށަހެޅި ނަމަވެސް ފުރަތަމަ ކައުންސިލުން ބިން ކުއްޔައް ދޫކުރި ފަރާތާއި ދެމެދު ވެވުނު އެއްބަސްވުމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

(ށ)

ތިންވަނަ ފަރާތާއި ކައުންސިލާއި ވެވޭ އެއްބަސްވުން ސޮއިކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ފަހުން ކުއްޔައް ހިފި ފަރާތް އަދި ކުއްޔައް ދޫކުރާ ފަރާތް ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އެއްބަސްވުމަށް ބަދަލުގެނައުން މި އުޞޫލުގެ (7) ނަމްބަރ (ހ) ހުރަހެއް ނާޅައެވެ.

 

އުޞޫލައް އިޞްލާޙު ގެނައުން

8.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން މި އުޞޫލައް އިޞްލާޙު ގެނައުމުގެ ބާރު، ކައުންސިލައް ލިބިގެންވެއެވެ.

 

ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

9.

މި އުޞޫލް ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

އުޞޫލުގައި ނެތްކަމެއް ދިމާވުން

10.

މި ގަވާއިދުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ކަންކަމާމެދު ޢަމަލުކުރާނެ ގޮތެއް ނިންމަންވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތީން ކައުންސިލުގެ އަޣުލަބިއްޔަތުންނެވެ. އަދި މިފަދައިން ކައުންސިލުން ނިންމާ ނިންމުމަށް ޢަމަލުކުރަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް އަންގައި އިޢުލާނުކުރުމަށް ފަހުގައެވެ.

 

މާނަކުރުން

 

 

11.

 

 

މި ގަވާއިދުގައިވާ ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ.

(ހ)

"އެހެންފަރާތަކަށް ބަދަލުކުރުން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ބިން ކުއްޔައް ދޫކުރެވުނު ފަރާތުން ބޭނުންވެގެން އެފަރާތުން ކަނޑައަޅާ ތިންވަނަ ފަރާތެއްގެ މައްޗައް އެއްބަސްވުން ބަދަލުކުރުމަށެވެ.

(ށ)

ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަށެވެ.

 

އުސޫލަށް ޢަމަލުކުރަން ފެށުން

12.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން އުސޫލް ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލް ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

15 އެޕްރީލް 2025
ހޯދާ