މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2025 - ޤަވާއިދު އިސްލާޙްކުރެވިފައި

ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2025ގެ ގަވާޢިދު

 

1. މަޤްޞަދު:

1.1 އެކުވެރިކަން އާލާކޮށް، އިޖުތިމާޢީ ރޫހާއި ކުޅިވަރު ކުޅުމުގެ ރޫހު އާލާކޮށް ދިރުވުން.

1.2 ކަނބަލުން ކުރިއަރުވާ، ފެންވަރު ރަނގަޅު ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމާއި ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން.

 

2. މުބާރާތުގެ ނަން:

2.1 ދަ ލޭންޑް އޮފް ކާޕެންޓަރސް ހޭންޑްބޯލް މުބާރާތް 2025

 

3. މުބާރާތުގެ އިންތިޒާމް ކޮމެޓީ އަދި ޑިސިޕްލިނަރީ ކޮމެޓީ:

3.1 ރ.އިނގުރައިދޫ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތްތައް.

 

4. މުބާރާތުގައި ބައިވެރިވުން:

4.1 މުބާރާތް އޮންނާނީ 08 މެއި 2025 ގައެވެ.

 

4.2 މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 27 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ.

 

 

4.3 މުބާރާތުގައި ބައިވެރިވާން ހުށައަޅާ ފޯމުގައި ޖަހާ ޖާރޒީގެ ކުލައަކީ މުބާރާތުގައި ޓީމުން ބޭނުން ކުރާ ޖާރޒީގެ މައިގަނޑު ކުލައަށް ވާންވާނެއެވެ. ފޯމު ހުށައެޅުމުގެ ކުރިން ބޭނުންވާ ކުލަ ބޭނުން ކުރެވިދާނެތޯ ބަލައި ޗެކު ކުރަންވާނެއެވެ.

 

4.4 މުބާރާތުގައި ބައިވެރިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ސުންގަޑީގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް ހުށަހަޅަންވާނެއެވެ.

 

5. ޓީމު ލިސްޓު ހުށައެޅުން:

 

5.1 މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމުލިސްޓު ފޯމު ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިންނެވެ.

 

5.2 ޓީމު ލިސްޓުގައި މަދުވެގެން 8 ކުޅުންތެރިން ހިމަނަންވާނެއެވެ. މި 8 ކުޅުންތެރިންގެ ތެރޭގައި 1 ކީޕަރު ހިމަނަށްވާނެއެވެ. ކޮންމެ ޓީމަކަށްވެސް ޓީމްލިސްޓުގައި ގިނަވެގެން ޖެހޭނީ 14 ކުޅުންތެރިންނެވެ.

 

5.3 ޓީމް ލިސްޓްގައި 4 އޮފިޝަލުން ހިމަނަންވާނެއެވެ. އޮފިޝަލުންގެ ތެރޭގައި 1 މެނޭޖަރު، 1 ކޯޗް، 1 އެސިސްޓެންޓް ކޯޗް އަދި 1 ސިއްޙީ އެހީތެރިޔަކު ހިމަނަންވާނެއެވެ.

 

 

5.4 ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު 2 ކުޅުންތެރިން ހިމެނިދާނެއެވެ. ނަމަވެސް ދަނޑުމަތީ ކުޅެން ހުރެވޭނީ ފަހަރަކު 1 ކުޅުންތެރިއަކަށެވެ. މީގެ އިތުރުން ޓީމްގެ މެނޭޖަރު ފިޔަވައި ބާކީ ތިބި އޮފިޝަލުންގެ ތެރޭގައި (ގިނަވެގެން 1

) ރަށުން ބޭރު ފަރާތް ހިމެނިދާނެއެވެ.

5.5 ޓީމުގައި 18 އަހަރުން ދަށުގެ ގިނަވެގެން 2 ކުޅުންތެރިން ހިމެނިދާނެއެވެ. ނަމަވެސް ސްކޫލު ދަރިވަރަކަށް މި މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ.

 

5.6 އެއްވެސް ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު މުބާރާތުގައި ބައިވެރިވާ އެއްޓީމަށްވުރެ ގިނަ ޓީމުގައި ލިސްޓު ނުކުރެވޭނެއެވެ. އެއްޓީމަށްވުރެ ގިނަ ޓީމުގައި ލިސްޓު ކޮށްފައިވާނަމަ ކުޅުންތެރިޔާ ނުވަތަ އޮފިޝަލް ބޭނުންވާ ގޮތެއް ބެލުމަށްފަހު އެޓީމެއްގައި ލިސްޓު ކުރެވޭނެއެވެ.

 

5.7 މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓު ހުށަހަޅާއިރު އެޓީމަކުން މުބާރާތުގައި ބޭނުން ކުރާ ދިދަ ހުށަހަޅަންވާނެއެވެ. ދިދަ ހުންނަންވާނީ އަރިމަތިތައް ފަހާ، ދިދައިގެ ޑިޒައިން ދެފަޅިން ފެންނަގޮތަށް، 3 ފޫޓް ދިގު އަދި 2 ފޫޓް ފުޅާ މިނުގައެވެ.

 

5.8 މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ލޯގޯ ޖޭ.ޕީ.ޖީ ފޯމެޓްގައި ބައިވެރިވާން އެދޭ ފޯމު ހުށަހަޅާއިރު ފޮނުވަންވާނެއެވެ.

 

5.9 މުބާރާތުގައި ބައިވެރިވާ ޓީމް ލިސްޓް ފުރިހަމަ ކުރުމަށްފަހު ސުންގަޑީގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް ހުށަހަޅަންވާނެއެވެ.

 

 

6. ބައިވެރިވާ ކުޅުންތެރިންނާއި އޮފިޝަލުންގެ ޝަރުތުތައް:

 

6.1 ރަށުން ބޭރުން ލިސްޓް ކުރެވޭނީ 2 ކުޅުންތެރިންނެވެ.

6.2 (6.1) ފިޔަވައި ބާކީ ތިބި ކުޅުންތެރިންނަކީ އިނގުރައިދޫގެ ރަޖިސްޓަރީގައިވާ ފަރާތަކަށްވާންވާނެއެވެ. ނުވަތަ

6.2 ބައިވެރިވާ ފަރާތުގެ މަންމަ ނުވަތަ ބައްޕަ އަކީ އިނގުރައިދޫގެ ރަށްވެއްސަކަމުގައި ވާންވާނެއެވެ.

6.3 އިނގުރައިދޫ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހަކުވެސް ބަލަނީ ރަށު ކުޅުންތެރިއެއްގެ ގޮތުގައެވެ.

6.4 މުބާރާތުގައި ކުޅޭ ކުޅުންތެރިންނަކީ މީލާދީ ގޮތުން މިއަހަރުގެ ޖެނުއަރީ 1 އަށް 17 އަހަރުފުރިފައިވާ ކުޅުންތެރިއަކަށް ވާންވާނެއެވެ.

6.5 ޓީމުގެ މެނޭޖަރު ވާންވާނީ މީލާދީ ގޮތުން މިއަހަރު ޖެނުއަރީ 1 އަށް 25 އަހަރު ފުރިފައިވާ އިނގުރައިދޫގެ ރަށްވެއްސަކަށެވެ.

 

7. މުބާރާތުގައި އަމަލު ކުރާނެ ޤަވާއިދު:

 

7.1 މިމުބާރާތުގެ މެޗްތަކުގައި އަމަލު ކުރާނީ ބައިނަލްއަގުވާމީ ހޭންޑްބޯލް ޖަމުޢިއްޔާ '' އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން '' އިން ނެރެފައިވާ އެންމެ ފަހުގެ ''ލޯޒް އޮފަ ދަ ގޭމް'' އާ އެއްގޮތަށެވެ. ނަމަވެސް ތިރީގައިވާ ކަންކަމަށް އަމަލުކުރާނީ މިދަންނަވާ ގޮތުގެ މަތީންނެވެ.

7.2 މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ކުޅޭނީ 20 މިނެޓްގެ ދެހާފެވެ. ދެހާފް ދޭތެރޭގައި އިންޓަވަލްގެ ގޮތުގައި 5 މިނިޓް ދެވޭނެއެވެ.

7.3 މުބާރާތުގެ ފައިނަލް މެޗު ފުރިހަމަ ވަގުތުގައި އެއްވަރު ވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. ކޮންމެ ޓީމަކުންވެސް ފުރަތަމަ ޖަހާނީ ފަސް ޕެނަލްޓީއެވެ. މިގޮތުން އެއްވަރު ވެއްޖެނަމަ ކޮންމެވެސް އެއްބަޔަކު މޮޅު ވަންދެން ޕެނަލްޓީ ޖަހަމުން ގެންދާނީއެވެ.

7.4 ޓީމް ލިސްޓް ހުށަހަޅާއިރު ޓީމްގައި ކުޅުންތެރިއެއްގެ، ނުވަތަ އޮފިޝަލެއްގެ ގޮތުގައި ހިމަނާފައިނުވާ އެއްވެސް ފަރާތަކަށް ޓީމް ބެންޗްގައި ނުތިބެވޭނެއެވެ.

7.5 ކޮންމެ މެޗެއްގައިވެސް ކުޅެން ދަނޑަށް އަރާ ތިބެންވާނީ ގޯލްކީޕަރާއިއެކު 7 ކުޅުންތެރިންނެވެ.

7.6 ކޮންމެ ޓީމެއްގައިވެސް ފަސްޓްއެއިޑް ދޭނެ އޮފިޝަލަކު ހުންނަންވާނެއެވެ.

 

 

 

8. ކުޅުންތެރިންގެ ޖާރޒީއާއި ހުއްދަ ކަންކަން.

 

8.1 ކުޅުންތެރިންގެ ޖާރޒީއަކީ (ޖާރޒީގެ ގޮތުގައި ބޭނުންކުރާ) ޓީޝާޓާއި ސޯޓް ނުވަތަ ޓްރެކް ބޮޓަމްއެވެ.

 

8.2 ކުޅުންތެރިން ޖާރޒީގެ މައިގަނޑު ކުލައަކީ މުބާރާތުގައި ބައިވެރިވުމަށް ޓީމުން ހުށަހަޅާފައިވާ ފޯމުގައި "ޓީމް ކުލަ"އިގެ ގޮތުގައި ޖަހާފައިވާ ކުލައަށް ވާންނާނެއެވެ.

 

8.3 ގޯލްކީޕަރު ފިޔަވާ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޖާރޒީއާއި ބިބްސް ހުންނަންވާނީ އެއް ޑިޒައިނެއްގައި އެއް ކުލައަކުން އެއްވައްތަރުކޮށެވެ.

 

8.4 ގޯލް ކީފަރ ޖާރޒީގެ ކުލަ ޓީމުގެ އެހެން ކުޅުންތެރިންގެ ޖާރޒީގެ ކުލައާއި ތަފާތު ވާންވާނެއެވެ. އަދި އިދިކޮޅު ޓީމްގެ ޖާރޒީއާވެސް އެއްގޮތް ވެގެން ނުވާނެއެވެ. ގޯލްކީޕަރުގެ ޖާރޒީ (ކުޅެން އަރާ ދެޓީމުގެ ތެރެއިން) އެއްވެސް ޓީމެއްގެ ކުޅުންތެރިންގެ ޖާރޒީއާއި އެއްގޮތްނަމަ، ގޯލްކީޕާރު ދަނޑަށް އަރަންވާނީ ކުޅެން އަރާ ދެޓީމުގެ ކުޅުންތެރިން ބޭނުންނުކުރާ ކުލައެއްގެ ބިބެއް ލައިގެންނެވެ.

 

8.5 މުބާރާތުގައި ވާދަކުރަނީ ކަނބަލުންނަށްވުމާއެކު، ކުޅުންތެރިންގެ ޓީޝާޓްގެ ދިގުމިން ހުންނަންވާނީ ކުޅުމުގެ ތެރޭގައި ގެނެވޭ ހަރަކާތެއްގެ ސަބަބުން ހަށިގަނޑު ހާމަނުވާފަދަ ދިގުމިނެއްގައެވެ. އަދި ސޯޓުގެ ދިގުމިން ހުންނަންވާނީ ކުރުވެގެން ފައިގެ ފަލަމަސްގަނޑުގެ ތިންބައިކުޅަ ދެބައި ފޮރުވިފައި ހުންނާނެ ދިގުމިނެއްގައެވެ.

 

8.6 ކުޅުންތެރިންގެ ޖާރޒީ ނަމްބަރުގެ ގޮތުގައި ބޭނުންކުރެވޭނީ 1 އިން 99 އާއި ދެމެދުގެ އަދަދު ތަކެވެ. އެގޮތުން ޖާރޒީގެ ކުރިމައްޗާއި ފަހަތުގައި ޖާރޒީ ނަމްބަރު ޖެހިފައި ހުންނަންވާނީ ކުޅެމުންދާއިރު ނަންބަރު ފާހަގަވާ ކަހަލަ ކުލައަކުންނެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް އެކުޅުންތެރިއަކު ހިމެނޭ ޓީމް ލިސްޓްގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރު ނޫން އެހެން ނަމްބަރަކަށް ނުކުޅެވޭނެއެވެ.

 

8.7 ބުރުގައަޅާ ކުޅުންތެރިން ބޭނުންކުރަންވާނީ އެއްވެސް ޑިޒައިނެއް ނެތް ކަޅުކުލައިގެ ނުވަތަ ޖާރޒީއާއި އެއް ކުލައިގެ ބުރުގާއެވެ. އެގޮތުން ބުރުގާ އަޅާ ހުރިހާ ކުޅުންތެރިންވެސް ބުރުގާ އަޅަންވާނީ އެއް ކުލައަކުންނެވެ.އަދި ބުރުގާގެ ސަބަބުން ޖާރޒީގައި ހަރުކޮށްފައިވާ ނަންބަރުގެ ފެނުމަށް ހުރަހެއް އެޅިގެންނުވާނެއެވެ.

 

8.8 ކުޅުންތެރިންނަށް މެޗުގައި "ހަރު" މެޓީރިއަލްއިން ހަދާފައިވާ ހެޑް ޕްރޮޓެކްޝަން، ފޭސް މާސްކް، އަތުގައި އަޅާ އުޅާ، ގަޑި އަދި ތޫނުކަމެއްހުރި އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އެއްވެސް ބާވަތެއްގެ ގަހަނާއެއް ބޭނުމެއް ނުކުރެވޭނެއެވެ. ހުޅު ގާޑާއި އަތުގައި އެޅުމަށް ބޭނުންކުރާ ސްވެޓް ބޭންޑާއި ބޮލުގައި އެޅުމަށް ބޭނުންކުރާ "ފޮތިން ހަދާފައިވާ" ބޭންޑް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. ނަންބަރު އައިނު ބޭނުންކުރުން ހުއްދައެވެ. ނަމަވެސް ނަންބަރު އައިނު ބެނުންކުރެވޭނީ ކުޅުމުގެތެރޭގައި ނުވެއްޓޭގޮތަށް އައްސައިގެންނެވެ. ނަންބަރު އައިނު އަޅައިގެން ކުޅެން އަރާ ހުންނަ ކުޅުންތެރިއަކަށް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބޭ ގެއްލުމަކަށް މުބާރާތް އިންތިޒާމްކުރާ ފަރާތްތައް ނުވަތަ މުބާރާތުގެ އޮފިޝަލުން ޒިންމާ ނުވާނެއެވެ.

 

8.9 ކޮންމެ މެޗެއްގައިވެސް ކެޕްޓަންގެ މަޤާމުގައި ކުޅޭ ކުޅުންތެރިޔާ ހުންނަންވާނީ އަތުގައި ކެޕްޓަން ބޭންޑް އަޅައިގެންނެވެ.

 

 

 

 

 

 

 

 

9. ދަނޑަށް ޙާޟިރުވުން:

 

9.1 މުބާރާތުގައި ކުޅޭ ޓީމުތައް އެޓީމެއް ކުޅޭ މެޗު ފެށުމުގެ 15 މިނިޓް ކުރިން ދަނޑަށް ޙާޟިރުވާން ވާނެއެވެ.

 

9.2 މެޗު ފެށުމަށް ހަމަޖެހިފައިވާ ވަގުތަށް ޓީމު ދަނޑަށް ޙާޟިރު ނުވެއްޖެނަމަ އިދިކޮޅު ޓީމަށް 3 ޕޮއިންޓާއި ފައިދާ 2 ގޯލް ދެވޭނެއެވެ. ޓީމު ޙާޟިރުނުވި ކަމަށް ބެލެވޭނީ މެޗު ފެށުމަށްޓަކައި ދެޓީމުގެ ކުޅުންތެރިން އޮފިޝަލުންގެ މޭޒު ކުރިމައްޗަށް އައުމަށް ރެފްރީ ކަށިގަނޑު ފުމޭއިރު ޓީމުގައި 5 ކުޅުންތެރިން ނެތްނަމައެވެ.

 

9.3 މުބާރާތުގައި ބައިވެރިވާ ޓީމަކުން މެޗަށް ޙާޟިރު ނުވެއްޖެނަމަ މިކައުންސިލުގެ ފަރާތުން ކުރިއަށް އޮތްތަނުގައި ބާއްވާ މުބާރާތްތަކުން އެޓީމަކާއި އެޓީމުގެ މެނޭޖަރ 1 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ. ކުޅުންތެރިޔަކު ގަސްދުގައި ޙާޟިރު ނުވެގެން ޓީމު ހަމަ ނުވެއްޖެނަމަ އެމައްސަލައެއް ބަލާ އެކުޅުންތެރިޔަކުވެސް 1 އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެއެވެ.

 

9.4 މޫސުން ތަންނުދިނުމުގެ ސަބަބުން މުބާރާތުގެ ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޓީމުތަކާއި މުބާރާތުގެ އިންތިޒާމު ކުރާ ކޮމެޓީން ވާހަކަ ދައްކައިގެން ކުޅޭނެ ދުވަހެއް އަލުން ކަނޑައަޅާނީއެވެ.

 

10. ޕޮއިންޓް ދެވޭނެގޮތް:

 

10.1 މުބާރާތުގެ މެޗަކުން މޮޅުވެއްޖެނަމަ ލިބޭނީ 3 ޕޮއިންޓެވެ.

 

10.2 މުބާރާތުގެ މެޗަކުން އެއްވަރު ވެއްޖެނަމަ ލިބޭނީ 1 ޕޮއިންޓެވެ.

 

10.3 މުބާރާތުގެ މެޗަކުން ބަލިވެއްޖެނަމަ ލިބޭނީ 0 ޕޮއިންޓެވެ.

 

10.4 މުބާރާތް ކުރިއަށްގެންދާނެ ގޮތެއް ކަނޑައަޅަނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޢަދަދަށް ބަލާފައެވެ.

 

10.5 ޕޮއިންޓްގެ ގޮތުން ދެޓީމް ނުވަތަ އެއައްވުރެ ގިނަ ޓީމްތައް އެއްވަރު ވެއްޖެނަމަ މޮޅު ޓީމް ކަނޑައަޅާނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އެގޮތުންވެސް ދެ ޓީމް ނުވަތަ އެއަށްވުރެ ގިނަ ޓީމްތައް އެއްވަރު ވެއްޖެނަމަ، މޮޅު ޓީމް ކަނޑައަޅާނީ ޖަހާފައިވާ ގޯލުގެ އަދަދަށް ބަލައިގެންނެވެ. މިގޮތުންވެސް ދެ ޓީމެއް ނުވަތަ ޓީމްތަކެއް އެއްވަރު ވެއްޖެނަމަ މޮޅު ޓީމް ކަނޑައަޅާނީ އިންތިޒާމް ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

11. މުބާރާތުގައި ދައްކާ ކާޑުތަކާއި މެދު ޢަމަލު ކުރާނެގޮތް:

 

11.1 ހޭންޑްބޯލް މެޗުތަކުގައި ދައްކާ ރީނދޫ އަދި ރަތް ކާޑަށް ލާރިދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މުބާރާތުގައި ދައްކާ ކޮންމެ ނޫ ކާޑަކަށް 100 (އެއްސަތޭކަ) ރުފިޔާ ދައްކަން ވާނެއެވެ. ޓީމުގެ ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް ނޫ ކާޑު ދައްކައިފިނަމަ، (އެޓީމެއްގެ) ކުރިއަށް އޮތް މެޗު ފެށުމުގެ 30 މިނިޓް ކުރިން ފައިސާ ދައްކާ ނިންމަންވާނެއެވެ. ނޫ ކާޑު ދެއްކީ މުބާރާތުގައި އެޓީމު ކުޅޭ ފަހު މެޗު ނަމަ އެމެޗެއް ނިމޭތާ 24 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ.

 

11.2 ކަނޑައެޅިފައިވާ ވަގުތަށް ފައިސާ ނުދައްކައިފިނަމަ ކުރިއަށް އޮތް މެޗުގައި އެކުޅުންތެރިޔާއަށް ނުވަތަ އޮފިޝަލަށް އެމެޗުގައި ބައިވެރި ނުވެވޭނެއެވެ. ފައިސާ ދައްކާނީ މެނޭޖަރު މެދުވެރިކޮށް މުބާރާތުގެ އޮފިޝަލް މޭޒަށް ނުވަތަ މިކައުންސިލުން ހަމަޖައްސާ ފަރާތަކަށެވެ. އިތުރު ފަރާތެއް ހަމަޖައްސާފައި ނާންގާ ހިނދަކު ފައިސާ ދައްކާނީ އޮފިޝަލުންގެ މޭޒަށެވެ.

 

11.3 މުބާރާތުގައި އެޓީމެއް ކުޅޭ ފަހު މެޗުގައި ދައްކާ ކާޑަށްވާ ފައިސާ ނުދައްކައިފިނަމަ މިކައުންސިލުން އިންތިޒާމުކުރާ އެހެން މުބާރާތެއްގައިވެސް އެކުޅުންތެރިޔަކަށް ނުވަތަ އޮފިޝަލަކަށް ބައިވެރި ވެވޭނީ އެފައިސާ ދައްކާ ނިމުމުންނެވެ.

 

11.4. ކުޅުންތެރިޔަކަށް ނުވަތަ އޮފިޝަލަކަށް ކާޑު ދެއްކި މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމެޓީއަށް ފެނިއްޖެނަމަ އެމައްސަލައެއް ބަލާ ކުރި ކުށުގެ ބާވަތުން އިތުރު އަދަބު ދިނުމުގެ ބާރު މުބާރާތުގެ އިންތިޒާމު ކޮމެޓީއަށް ލިބިގެންވެއެވެ.

 

12. މުބާރާތުގައި ޓީމުތަކަށް ދިމާވާ މައްސަލަތައް ހުށައެޅުން:

 

12.1 މުބާރާތުގައި ބައިވެރިވެފައިވާ އެއްވެސް ޓީމަކުން މައްސަލައެއް ހުށައަޅަން ބޭނުންވާނަމަ އެމައްސަލައެއް ހުށައަޅާނީ މުބާރާތުގެ އިންތިޒާމު ކޮމެޓީއަށެވެ. މައްސަލަ ހުށައަޅާނީ މައްސަލަ ހުށައަޅާ ފޯމުގައެވެ. އެ ފޯމުގައި ސޮއި ކުރަންވާނީ ޓީމުގެ މެނޭޖަރެވެ. ފޯމު މެދުވެރިކޮށް ހުށައަޅާ މައްސަލަތައް ފިޔަވާ އެހެން މައްސަލަތައް ނުބެލޭނެއެވެ.

 

12.2 ކުޅެ ނިމިފައިވާ މެޗަކާއި މެދު ހުށައަޅާ މައްސަލައެއް ނަމަ މެޗު ނިމޭތާ އެންމެ މަދުވެގެން 3 ގަޑިއިރު ތެރޭގައި އެމައްސަލައެއް ހުށައަޅަންވާނެއެވެ.

 

13. މުބާރާތުގައި ދިމާވާ މައްސަލަތަކަށް އަޅާނޭ ފިޔަވަޅުތައް:

 

13.1 މިމުބާރާތުގައި ކުޅޭ ކުޅުންތެރިންނާއި އޮފިޝަލުންކުރާ ކުށްތައް ބަލާ ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަށެވެ. ޑިސިޕްލިނަރީ ކޮމެޓީން އަޅާފިޔަވަޅު އުވާލުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ.

 

13.2 މެޗެއްގައި ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ސަސްޕެންޑް ކުރުން ނުވަތަ ޖޫރިމަނާ ކުރުމުގެ ބާރު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަށް ލިބިގެންވެއެވެ.

 

13.3 މުބާރާތުގެ މެޗުތައް ހިނގަމުންދާއިރު މުބާރާތުގެ މަސްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ޢަމަލު ކޮށްފިނަމަ އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ސަސްޕެންޑް ކުރުން ނުވަތަ ޖޫރިމަނާ ކުރުމުގެ ބާރު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަށް ލިބިގެންވެއެވެ.

 

13.4 މުބާރާތުގެ މެޗެއްގައި ދިމާވާ ކަމަކާއި ގުޅިގެން މެޗު ނިމުމަށްފަހު މަސްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ޢަމަލު ކޮށްފިނަމަ އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ސަސްޕެންޑް ކުރުން ނުވަތަ ޖޫރިމަނާ ކުރުމުގެ ބާރު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީއަށް ލިބިގެންވެއެވެ.

 

14. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކާއި ކަނޑައެޅިފައިވާ އިނާމް

 

14.1 މުބާރާތުގެ ޗެމްޕިއަން ޓީމް                ހަނދާނީ ލިޔުން، މެޑަލް، ޓްރޮފީ، 8000 ރުފިޔާ

14.2 މުބާރާތުގެ ރަނައަޕް ޓީމް                 ހަނދާނީ ލިޔުން، މެޑަލް، ޓްރޮފީ، 5000 ރުފިޔާ

14.3 މުބާރާތުގެ ފެއަރ ޕްލޭ ޓީމް               ހަނދާނީ ލިޔުން. ޓްރޮފީ

14.4 މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން        ޓްރޮފީ

14.5 މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ           ޓްރޮފީ

14.6 މުބާރާތުގެ އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާ    ޓްރޮފީ

14.7 މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ        ޓްރޮފީ

14.8 މުބާރާތުގެ ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ     ޓްރޮފީ

14.9 މުބާރާތުގެ އެންމެ މޮޅު ކޯޗް               ޓްރޮފީ

 

 

14. މުބާރާތުގައި ދިމާވާ އިތުރު މައްސަލަތައް:

މިޤަވާޢިދުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މުބާރާތުގެ އިންތިޒާމް ކޮމެޓީއިންނެވެ.

 

15. އެއްބަސްވުން:

މިމުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމާއިއެކު މިމުބާރާތުގެ ޤަވާޢިދަށް ބައިވެރިވާ ޓީމުން ޢަމަލު ކުރަން ވާނެއެވެ.

 

14 އެޕްރީލް 2025
ހޯދާ